Roadha Mihaaru
ފަންކްޝަނަލް ނިއުރޯ ސާޖަރީ ތައާރަފްކުރަން ވޯކްޝޮޕެއް

ފަންކްޝަނަލް ނިއުރޯ ސާޖަރީ ތައާރަފްކުރަން ވޯކްޝޮޕެއް ބާއްވަނީ

10 އޮކްޓޯބަރ 2023

ނިއުރޮލަޖީގެ އާ ދާއިރާއެއް ރާއްޖެއަށް ތައާރަފްކުރުމަށް ހާއްސަ ވޯކްޝޮޕެއް މި އަހަރުގެ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ޕްރީކޮންފަރެންސްގައި ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ނިއުރޮލަޖީގެ އާ ދާއިރާއެއް ރާއްޖެއަށް ތައާރަފްކުރުމަށް ހާއްސަ ވޯކްޝޮޕެއް މި އަހަރުގެ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ޕްރީކޮންފަރެންސްގައި ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ "ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސުގެ ކުރިން ބާއްވާ ޕްރީކޮންފަރެންސަކީ ރާއްޖޭގެ ނިއުރޮލޮޖީ ދާއިރާގެ ޑޮކްޓަރުންނާއި އެ ދާއިރާގެ އެކި ފަރުވާތައް ދިނުމުގައި ޝާމިލުވާ އެކި ދާއިރާތަކުގެ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށް ވޯކްޝޮޕްތަކެއް ހިމަނާ ބާއްވާ ޕްރީ ކޮންފަރެންސެކެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފްކުރުމަށް މަސައްކަތް ކުރަމުން އަންނަނީ ފަންކްޝަނަލް ނިއުރޯ ސާޖަރީ އެވެ.

ފަންކްޝަނަލް ނިއުރޯ ސާޖަރީ އަކީ ޕާކިންސަންސް ޑީޒިޒް ފަދަ މޫވްމަންޓް ޑިސްއޯޑާތަކާއި ކުއްލި ހަރަކާތްތައް އަންނަ ބަލިތަކާއި އޯސީޑީ އާއި އެޑިކްޝަން ފަދަ ނަފްސާނީ ބަލިތަކަށް ފަރުވާ ދޭން ސާޖަރީ ހަދާ ދާއިރާ އެވެ. މި ދާއިރާއިން ބްރެއިން ލީޝަނިން ހެދުމަށާއި ޑީޕް ބްރެއިން ސްޓިމިއުލޭޝަން ހެދުމަށް ނިއުރޮލޮޖިސްޓުންނާއި ނިއުރޯ ސާޖަނުންނާއި ރޭޑިއޮލޮޖިސްޓުންނާއި ނަރުހުންނަށް ބޭނުންވާ ތަމްރީނުތައް އެ ހޮސްޕިޓަލުގައި ބާއްވާ ވޯކްޝޮޕްގައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ތަމްރީނުތައް ދޭނީ މި ދާއިރާގެ ތަޖުރިބާ ހުރި އިންޑިއާ، ނޭޕާލް އަދި އެމެރިކާގެ ޑޮކްޓަރުންނެވެ.

މި ވޯކްޝޮޕްގައި މޮޑިއުލެއްގައި ބްރެއިން ލީޝަން ހަދާނެ ގޮތުގެ އަމަލީ ތަމްރީނު ސާޖަނުންނަށް ދޭނެ އެވެ. އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯސާޖަން ޑރ. އަލީ ނިޔާފް ވިދާޅުވި ގޮތުގައި މި އަހަރުގެ "ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސާއި ގުޅިގެން މި އަހަރުގެ ވެސް އާ އޮޕަރޭޝަނެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އޮޕަރޭޝަނަކީ ލެޓަރަލް އެޕްރޯޗުގައި އަރިމަތިން ވަދެގެން ހަދާ ބަދައިގެ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައި ވަނީ ބޭރުގެ ޑޮކްޓަރުންގެ ޓީމެއްގެ ބެލުމުގެ ދަށުން ކަމަށާއި އޮޕަރޭޝަނުގެ ކުރިން މި އޮޕަރޭޝަނަށް ބޭނުންވާ ތަމްރީނުތައް ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ. ޑރ. ނިޔާފް ވިދާޅުވީ މި އޮޕަރޭޝަނަކީ އޭޑީކޭއަށް ތައާރަފްކުރަން މަސައްކަތްކުރަމުން އަންނަ އޮޕަރޭޝަނެއް ކަމަށެވެ.

މިއީ މި އަހަރުގެ ކޮންފަރެންސްގެ ތީމް "ފަންކްޝަނަލް ނިއުރޯ ސާޖަރީ އަދި މިނިމަލް އިންވޭސިވް ސާޖަރީ"ގެ ދަށުން ކުރާ އޮޕަރޭޝަނެކެވެ. މި ކޮންފަރެންސްގައި މި ދާއިރާތަކާއި ގުޅޭ ގިނަ ކަރުދާސްތަކެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ވެސް އެ ތީމުގެ ދަށުން ފަސް ޕްރެޒެންޓޭޝަނެއް މި އަހަރުގެ ކޮންފަރެންސުގައި ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ "ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސް އޮންނާނީ މި މަހުގެ 25 އިން 26 އަށެވެ. ޕްރީކޮންފަރެންސް އޮންނާނީ 23 އަދި 24 ވަނަ ދުވަހު އެވެ.

މި ކޮންފަރެންސް އަކީ 2017 ވަނަ އަހަރު ފެށި ކޮންފަރެންސްއެކެވެ. މިއީ ނިއުރިލިޖީގެ ދާއިރާއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސެވެ. މި ކޮންފަރެންސުގެ ތެރެއިން އެ ހޮސްޕިޓަލުން ރާއްޖެއަށް އާ ސާޖަރީ އާއި ހިދުމަތްތައް އަންނަނީ ތައާރަފްކުރަމުންނެވެ.