Roadha Mihaaru
އޭޑީކޭގައި ސިކުނޑީގެ ބޮޑު އޮޕަރޭޝަނެއް ކޮށްފި

ސިކުނޑީގެ ބޮޑު ޓިއުމަރެއްް ނެގުމުގެ ނާޒުކް އޮޕަރޭޝަނެއް އޭޑީކޭގައި ކޮށްފި

29 ނޮވެމްބަރ 2016

ދިވެއްސެއްގެ ސިކުނޑީގައި އުފެދިފައިވާ ބޮޑު ޓިއުމަރެއް ނެގުމުގެ ނާޒުކް އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލްގައި މިދިޔަ ހަފުތާގައި ކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދިވެއްސެއްގެ ސިކުނޑީގައި އުފެދިފައިވާ ބޮޑު ޓިއުމަރެއް ނެގުމުގެ ނާޒުކް އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލްގައި މިދިޔަ ހަފުތާގައި ކޮށްފި އެވެ.

ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލްގައި ކުރި މި އޮޕަރޭޝަންގައި އިސްކޮށް ހުންނެވީ، އެ ހޮސްޕިޓަލްގެ ނިއުރޯ ސާޖަން ޑރ. އަލީ ނިޔާފާއި ނޭޕާލްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ރާމް ކުމާރެވެ.

ޑރ. ނިޔާފް "މިހާރު" އަށް މިރޭ ވިދާޅުވީ އުމުރުން 57 އަހަރުގެ އަންހެންމީހާ އޭޑީކޭ އަށް ގެންދިޔައީ ސިކުނޑީގައި ހުރި ޓިއުމަރުގެ ސަބަބުން ހަށިގަނޑުގެ ވާތް ފަރާތުގެ ވާގި ނެތުމާއި ބޮލުގައި ރިއްސުމާއި އައްސިވުން ފަދަ މައްސަލަތަކެއް ކުރިމަތިވެގެން ކަމަށެވެ. އޭނާގެ ސިކުނޑި އަށް ފެތުރިފައި ހުރީ ބޮޑު ޓިއުމަރެއް ކަމަށް ވެސް ޑރ. ނިޔާފް ވިދާޅުވި އެވެ.

"އެ ޓިއުމަރު ހުރީ ސިކުނޑީގެ ދެ ފަޅިއަށް ފެތުރިފައި. އެންމެ ބޮޑު ޓިއުމަރުތަކުގެ ތެރޭގައި ހިމެނޭ ޓިއުމަރެއް އެއީ. ގާތްގަނޑަކަށް ސިކުނޑީގެ ހަތަރު ބައިކުޅައެއްބަޔަށް ފެތުރިފައި ހުރި ބޮޑު ޓިއުމަރެއް އެއީ،" ޑރ. ނިޔާފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ ޓިއުމަރު އޮޕަރޭޝަންތައް ކުރަން. އެކަމަކު މިވަރުގެ ބޮޑު ޓިއުމަރެއް ނުނަގަން. މިކަން ކުރިޔަށް ގެންދިޔައީ ވަރަށް ރަނގަޅަށް ޕްލޭންކޮށްގެން، ކިތަންމެ ގިނައިރެއް ވިޔަސް އެންމެ ރަނގަޅަކަށް ކުރަން."

އޭނާ ވިދާޅުވި ގޮތުގައި އޮޕަރޭޝަނަށް ހޭދަވާނެ ކަމަށް ކުރިން ލަފާކުރީ 10 ގަޑިއިރެވެ. ނަމަވެސް އަށްގަޑިއިރުގެ ތެރޭގައި އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމައިލެވުނު ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.

"މި އޮޕަރޭޝަން ކުރިއިރު ބިރުވެރި ކަމަކީ ސިކުނޑީގެ މެދުން އިންނަ މައި ލޭނާރުގެ ދަށުން އެ ގޮސްފައި ހުރުން. ވަރަށް ރިސްކް ބޮޑު އޮޕަރޭޝަނެއް. އެންމެ ބޮޑު ބިރުވެރި ކަމަށް އޮތީ ލޭމަނާ ނުވެދާނެ ކަމަށް. ނަމަވެސް ވަރަށް ކާމިޔާބުކަމާ އެކު މުޅި އޮޕަރޭޝަން ނިންމައިލީ،" އޭނާ ވިދާޅުވި އެވެ.

ޑރ. ނިޔާފް ވިދާޅުވީ އޮޕަރޭޝަން ކުރުމަށް ފަހު، އެ މީހާ ވެންޓިލޭޓަރުގައި އެއް ދުވަސް އަދި އައިސީޔޫގައި ދެ ދުވަހު ބޭއްވި ކަމަށެވެ. އަދި މިހާރު ކޮޓަރި އަށް ބަދަލުކޮށްފައިވާ އޭނާ ވިދާޅުވި އެވެ.

"އެއީ ވަރަށް ހިތްވަރުގަދަ މީހެއް. އޭނާގެ ހިތުގައި ވެސް ވަރުގަދަ އަޒުމެއް އޮތީމަ މިހާ ކާމިޔާބުކަމާ އެކީގައި [އޮޕަރޭޝަން] ކުރިޔަށް ގެންދެވުނީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިއަދު ސީޓީ ސްކޭނެއް ހަދަން. އެ ސްކޭނަށް ފަހު މާދަމާ ވެސް ހޮސްޕިޓަލުން ދޫކޮށްލެވިދާނެ،" އޭނާ ވިދާޅުވި އެވެ.