އާ ގާނޫނުއަސާސީއާ އެކު 2008 ގައި ދިވެހިން އުފަލުން ފޮޅުނެވެ؛ އޮބިއަޅައިގެން އުޅުނު ހައްގުތަކާއި މިނިވަންކަން ކަށަވަރުވެ، ގައުމަށް ހަމަޖެހުން ލިބުނީ ކަމަށް ދެކިގެންނެވެ. އެއާ އެކު މަސައްކަތް ފެށީ ޚުދުމުހުތާރު ހުރިހާ ސިފަތަކުން މިންޖުވެ، 100 ޕަސެންޓް ޑިމޮކްރެސީއެއް ގާއިމްކުރާށެވެ.
10 ނޮވެމްބަރ 2018
އާ ގާނޫނުއަސާސީއާ އެކު 2008 ގައި ދިވެހިން އުފަލުން ފޮޅުނެވެ؛ އޮބިއަޅައިގެން އުޅުނު ހައްގުތަކާއި މިނިވަންކަން ކަށަވަރުވެ، ގައުމަށް ހަމަޖެހުން ލިބުނީ ކަމަށް ދެކިގެންނެވެ. އެއާ އެކު މަސައްކަތް ފެށީ ޚުދުމުހުތާރު ހުރިހާ ސިފަތަކުން މިންޖުވެ، 100 ޕަސެންޓް ޑިމޮކްރެސީއެއް ގާއިމްކުރާށެވެ.
މުޅިން އަލަށް ސިޔާސީ ޕާޓީތަކުގެ ނިޒާމް ރާއްޖެ އަށް ތައާރަފްކުރީ ވެސް އެ ބަދަލަށެވެ. ސިޔާސީ ޕާޓީއަކުން ވެރިކަން ކުރާ ގޮތަށް ނިންމައި، އިދިކޮޅު ޕާޓީތަކަށް ސަރުކާރު ޒިންމާދާރުކުރެވޭނެ ގޮތަށް ނިޒާމް އެކަށައެޅި އެވެ. ތިން ބާރު ވަކިކޮށް، ނުފޫޒެއް ނެތި މިނިވަންކަމާ އެކު ދައުލަތް ހިންގޭނެ ގޮތްތަކެއް ހޯދި އެވެ. އެކަމަކު މި ތަފާތުތަކާ އެކު ހިންދެމިލައި، ހަމަޖެހުމުގެ ނޭވާއެއް އިހްސާސްކުރެވުނީ މަދު ދުވަސްކޮޅަކަށެވެ.
މުޅި ގައުމަށް ފެތުރިގެން ދިޔައީ، "ސިޔާސީ ހަމަނުޖެހުމުގެ ވަބާ" އެކެވެ. ސަރުކާރު ދަމަހައްޓަން ގާނޫނީ އިމުން ބޭރުވެ ގަދަބާރު ދެއްކުމާއި ވައްޓާލަން އުޅުމެވެ. އަމިއްލަ މަސްލަހަތު އިސްކޮށް ހިންގި މިކަންކަމުގެ ޝިކާރައަކީ ރައްޔިތުންނެވެ. އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން، ވޭތުވެދިޔަ ދެ ދައުރު (10 އަހަރު)ގެ ތެރޭގައި މުޅިން އޮތީ ހަމަނުޖެހުމެވެ.
އެންމެން ވެސް ތިބީ ގައުމަށް ހަމަޖެހުން އަންނާނެ ގޮތަކަށް ކަންކަން ތަރުތީބު ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ނުކުމެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަނީ --. ފޮޓޯ: ހުސެން ވަހީދު
އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި ތިން އިންތިޚާބަށް ފަހު ވެސް އެކުލަވާލީ ކޯލިޝަން ސަރުކާރެވެ. އެއީ، އިންތިޚާބު ކާމިޔާބުކުރަން މުޖައްރިބު ފޯމިއުލާ އެވެ. ސިޔާސީ ގޮތުން އަދާވާތްތެރި، ހަތުރުންގެ ގޮތުގައި ތިބުމަށް ފަހު ވެސް އިންތިޚާބު ކާމިޔާބު ކުރަން ވުމުން "އެކުވެރި، ވަފާތެރިންނެ"ވެ.
ބޭރު ފުށުން ދަޅަ ދައްކައިގެން އިންތިޚާބު ކާމިޔާބުވެ ނަތީޖާއަކަށް ވަނީ، އިއްތިހާދުވެގެން މާ ގިނަ ދުވަހަކު ދެމިނުތިބެވުމެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރަކީ ޚުދުމުހުތާރު ވެރިކަމެއްގެ ގޮތުގައި ސިފަކޮށް، ޑިމޮކްރަސީއަކަށް އަޑުއުފުލައި ފުރަތަމަ ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވީ ދެ ވަނަ ބުރުގައި ކޯލިޝަނަކުންނެވެ.
ވެރިކަން ފެށިތާ ދެ ހަފުތާ ތެރޭގައި އެ ކޯލިޝަން ރޫޅުނެވެ. އުފެދުނު ހިޔާލުތަފާތުވުންތަކުގައި، ޖުމްހޫރީ ޕާޓީ ވަކިވީ އެވެ. އެމްޑީޕީގެ ސަރުކާރުގައި ހިނގައިދިޔަ ގޯސްތަކާ އެކު، ދެން ފެށުނީ ވެރިކަން ބަދަލުކުރުމުގެ ރޫހެވެ.
އެންމެ ބޮޑު ގޯހަކީ، ގާނޫނީ އިމުން ބޭރުވުމެވެ. ގާޒީއަކު، ގާނޫނާ ޚިލާފަށް ހިފައި ހައްޔަރުކުރީ އެވެ. އެއާ ދެކޮޅަށް ކުރި މަސައްކަތްތަކާއި މުޒާހަރާތަކުގެ ސަބަބުން ތިން އަހަރު ތެރޭގައި އެމަނިކުފާނަށް ޖެހިވަޑައިގަތީ ވެރިކަމުން އިސްތިއުފާ ދެއްވާށެވެ. އޭގެ ފަހުން، 2013 ގެ އިންތިޚާބާ ރައްޔިތުން ކުރިމަތިލީ އެ ހަމަނުޖެހުންތަކާ އެކުގަ އެވެ.
އެ އިންތިޚާބުގައި ނަޝީދުގެ މައްޗަށް ރައީސް އަބްދުﷲ ޔާމީން ކުރި ހޯއްދެވީ ވެސް ކޯލިޝަނަކުންނެވެ. އެ ކޯލިޝަން މާ ގިނަ ދުވަހެއް ނުވެ ރޫޅާލައި، އަމިއްލަ ޕާޓީގެ އިސް ބޭފުޅުން ވެސް ވެރިކަމާ ދުރަށް ދާން ޖެހުނީ ގާނޫނާ ޚިލާފަށް ސަރުކާރު ހިންގަންވަން މިސްރާބު ޖެއްސެވުމުންނެވެ. ބާރުތައް މުށުތެރެއަށް ލައްވައި، ހައްގުތަކާއި މިނިވަންކަން ނިގުޅައިގަތުންވީ ގައުމާއި ރައްޔިތުންނަށް ދިން ބޮޑު އަނިޔާއަކަށެވެ.
އެ ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނެ، އަނެއްކާވެސް އާ ރައީސަކަށް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިވަނީ، އިންތިޚާބުކޮށްފަ އެވެ. ކޯލިޝަން ސަރުކާރުގެ އާ ވެރިކަން އަންނަ ހޮނިހިރުދުވަހު ފަށާނެ އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓު ލާން ކިޔޫގައި: އުއްމީދާ އެކު އާ ވެރިއަކު ހޮވިޔަސް ރައްޔިތުންނަށް ލިބެނީ މާޔޫސްކަން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އާ ގާނޫނުއަސާސީ އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަހްމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވީ ފާއިތުވެ ދިޔަ ދެ ދައުރުގައި ވެސް ޑިމޮކްރެޓިކް ކިޓުގައި ވަޑައިގެން ބޭފުޅުން (ނަޝީދާއި ރައީސް ޔާމީން ވެސް) ޑިމޮކްރަސީއާ އެއްގޮތަށް ކަންތައް ކުރައްވަން ބޭނުންފުޅު ނުވި ކަމަށެވެ. ގައުމަށް ހަމަޖެހުމެއް ނާންނަނީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އަމިއްލަ މަސްލަހަތު ކުރިއަށް ނެރެ ރައްޔިތުން ދޭ ބާރުތަކަށް ވުރެން މާ ގަދަވާން ހިންގާ ކަންކަމުންނެވެ.
"ފުރަތަމަ އަށް އައި ސަރުކާރުން ވެސް ބޭނުންވީ ޖުޑިޝަރީ އަށް އަތް ކޮއްޕައިގެން ބޭނުން ގަނޑެއް ގަންނަން. ދެ ވަނަ އަށް އައި ސަރުކާރުން ވެސް ބޭނުންވީ ޖުޑިޝަރީ އަށް އަތް ކޮއްޕައިގެން ބޭނުން ގަނޑެއް ގަންނަން،" ޒާހިރު ވިދާޅުވި އެވެ.
ހެޔޮ ވެރިކަމަކަށް ތިން ފަހަރު ރައްޔިތުން ވޯޓުލިއަސް ދެ ފަހަރު ވެސް ކުރިމަތިލާން ޖެހުނީ ނާއުއްމީދާ އެވެ. ދައުރުގެ މެދުތެރެއިން ރައްޔިތުން މާޔޫސްކުރަވަ އެވެ. ހަގީގަތަކީ ވެރިކަމަށް ވަޑައިގަންނަވާ ލީޑަރުން އިޚްލާސްތެރިކަމާ އެކު ޚިދުމަތް ކުރަން ބޭނުން ނުވަނީ އެވެ.
ޒާހިރު ވިދާޅުވީ ރައްޔިތުން އިސްކުރާ ވެރިންގެ އިޚްލާސްތެރިކަމެއް ނެތި ގައުމަށް ހަމަޖެހުން ނުލިބޭނެ ކަމަށެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ކޮޅަށް ނަތީޖާ ނެރުނީ، ވަކި ބޭފުޅަކު ވެރިކަމަށް ގެންނެވުމަކަށް ނޫން ކަން އޭނާ ފާހަގަކުރެއްވި އެވެ. ރައްޔިތުން އެއްބަސްކިޔައި، ކުރި ކަމަކީ، ހަވާލުކުރި ވެރިކަން ފުރިހަމައަށް އަދާކުރައްވަން ނުކުޅެދުނު ރައީސަށް ނޫނެކޭ ބުނީ އެވެ.
"ވަކި މީހަކު ދެކެވާ ލޯބިން، މީހަކު ގެންނަން ނިންމީކީއެއް ނޫން. ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ސިޔާސީ ގޮތުން ތަސައްރަފު ފުދިއްޖެ ކަން އިންތިޚާބުގައި މި ފެނުނީ،" ޒާހިރު ވިދާޅުވި އެވެ.
"ރައްޔިތުން މިހާރު ބޭނުންވަނީ ގައުމަށް ޚިދުމަތްކޮށްދޭނެ އިޚްލާސްތެރި ބޭފުޅެއް. އެ ބޭފުޅަކު އަޅުގަނޑުމެންނަކަށް ނުފެނޭ."
އޭގެ ބަދަލުގައި ފެންނަނީ، ޒާހިރު ވިދާޅުވި ގޮތުގައި، އަމިއްލަ އެދުމުން ފުރިފައި ތިއްބެވި ލީޑަރުންތަކެކެވެ. ކޮންމެ ބޭފުޅެއްގެ ވެސް އޮތީ ބޭރު ފުށަށް ނުދައްކާ، އަމިއްލަ އެޖެންޑާއެކެވެ.
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ވިދާޅުވީ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ތިއްބަވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގަތުމަށް ފަހު ދެން ފެންނަނީ، އަމިއްލަ ގޮތްތަކެއް ހަދަން އުޅޭ ތަން ކަމަށެވެ. މައްސަލަ އުފެދެނީ އެ ހިސާބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ގައުމަށް ހަމަޖެހުން އަންނާނީ މިވެނި ގޮތަކަށް ނިޒާމް އޮވެގެން ކަމަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ކަނޑައަޅާފައެއް ނޯންނާނެ ކަން ފާހަގަކުރެއްވި އެވެ.
ޖަމީލް ވިދާޅުވާ ގޮތުގައި ރާއްޖޭގައި ވެސް ވެރިންނަކީ ރައްޔިތުން ހަވާލުކުރާ ޒިންމާ، އަމާނާތްތެރިކަމާ އެކު އަދާކުރަން ޖެހޭ ބަޔަކަށް ވާން ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން އިދިކޮޅު މެމްބަރުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުން--. ފޮޓޯ:ނިޝާން އަލީ/މިހާރު
"ގާނޫނުއަސާސީ އާއި ގާނޫނުތަކެއް އައިސްގެނެއް އަދި ޖުމްހޫރިއްޔަތުގެ ނިޒާމެއް ނާދޭ. ޖުމްހޫރިއްޔަތާ އެކީގައި ވަރަށް މުހިއްމު ކަމެއް އެކަން ފަހުމްވާނެ ފަދަ ލީޑަޝިޕެއް އައުން. ދެހާސް އަށް ވަނަ އަހަރުން ފެށިގެން ލީޑަޝިޕް ލެވެލްގައި ރާއްޖެ އަށް ހަމަޖެހުން ނައިސްގެން މިއުޅެނީ." ޖަމީލް ވިދާޅުވި އެވެ.
ވެރިކަމާ ހަވާލުވުމަށް ފަހު، ނިޒާމް އަދި ގާނޫނުއަސާސީ ވެސް ވަނީ ބުރައަކަށެވެ. އޭގައި ހުއްދަ ދީ، އިން ކޮށްފައިވާ ގޮތަށް އަމަލުކުރަން ބޭނުން ނުވާތީ އެވެ. މުސްތަގިއްލު މުއައްސަސާތައް މިނިވަންކަމާ އެކު މަސައްކަތް ކުރަން ޖެހެ އެވެ. ގާނޫނީ ޒިންމާ އުފުއްލަން އުޒުރު ދައްކާ ނަމަ، އެ މީހުންނާ ދޭތެރޭގައި ފިޔަވަޅު ވެސް އެޅޭނެ ނިޒާމެއް އޮންނަން ޖެހެ އެވެ.
ޖުޑިޝަރީގެ ހުކުމްތައް، ފަނޑިޔާރުން ބޭނުންވާ ގޮތަކަށް ބަދަލުވަމުންދާ ނަމަ އެއީ ވެސް މައްސަލައެކެވެ.
"ރައްޔިތުންގެ މަތިން ބަސް ބުނަން ފަށަނީ. ރައްޔިތުން ކަނޑައަޅާފައި އޮތް ގޮތަށް ބަސް ބުނާ ކަމަށް ވާ ނަމަ، މައްސަލައެއް ދިމާވެދާނެހެން ހިއެއް ނުވޭ. ދެ ފަހަރު ވެސް މައްސަލަ އުފެދުނީ، ރައްޔިތުން ކަނޑައަޅާފައި އޮތް ނިޒާމުން ބޭރުގައި ހަރަކާތްތެރިވެގެން،" ޖަމީލް ވިދާޅުވި އެވެ.
ޖުމްހޫރީ 50 ފާހަގަކުރާ އިރު ގިނަ ދިވެހިން ކުރަމުން ދާ ސުވާލަކީ ސިޔާސީ ގޮތުން ހަމަޖެހުން އައިސް، ރާއްޖެ ދުއްވައިގަންނާނީ ކޮން އިރަކުންތޯ އެވެ. އެކަން އޮތީ ސިޔާސީ ލީޑަރުންގެ އަތްމަތީގަ އެވެ.
ވެރިކަމުގެ ނިޒާމެއް ނޫން، މައްސަލައަކީ މިއީ!
ޕާޓީ ބަދަލުކުރުމުގެ ކުޅިގަނޑު ނިމިއްޖެ: ނިހާން
ޕީޕީއެމާއި ޕީއެންސީން އިންޑިއާ ސަފީރާ ބައްދަލުކޮށްފި
ރިޔާސީ ބަޔާނުގައި އުއްމީދެއް ނެތް: އިދިކޮޅު
ޖަމީލަށް މަންޒަރު ތަފާތު: "މީ އިންތިގާލީ ވެރިކަމެއް"
"ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ހިންގަނީ ޖަރީމާ"
ސަރުކާރަކީ މަޖިލީހަށްވެ ނިމިއްޖެ: ޖަމީލް
ގައުމު އިސްލާހު ކުރެވޭނީ މަޖިލީސް ޒިންމާދާރުވެގެން: މައުމޫން
މިއީ ރިޔާސީ ނިޒާމެއް، އެކަން ދަމަހައްޓަންޖެހޭ: ޖަމީލް
ލަތީފް އިސްލާހެއް ނުނެގި، ފަހަތުގައި "ބާރުގަދަ" ބޭފުޅުން؟