Roadha Mihaaru
ޔުނައިޓެޑުން ފަހު ވަގުތު ޔުވެންޓަސް ބަލިކޮށްފި

ޔުނައިޓެޑުން ފަހު ވަގުތު ޔުވެންޓަސް ބަލިކޮށްފި

08 ނޮވެމްބަރ 2018

ޓިއުރިން (ނޮވެމްބަރު 8) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި ފަހު ވަގުތު 2-1 އިން ޔުވެންޓަސް ބަލިކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (ނޮވެމްބަރު 8) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި ފަހު ވަގުތު 2-1 އިން ޔުވެންޓަސް ބަލިކޮށްފި އެވެ.

މި މޮޅާ އެކު ދެ ވަނަ ބުރުގެ ފުރުސަތު ޔުނައިޓެޑުން ވަނީ ބޮޑުކޮށްފަ އެވެ. ގްރޫޕް އެޗްގެ އެއް ވަނައިގައި މި ވަގުތު ޔުވެންޓަސް އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ރޭ މި ގްރޫޕުގެ އަނެއް މެޗުން ޔަންގް ބޯއީސް އަތުން 3-1 އިން މޮޅުވި ވެލެންސިއާ ތިން ވަނައިގައި އޮތީ ހަތަރު މެޗުން ފަސް ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ޔަންގް ބޯއީސް އަށް އަދި ލިބުނީ އެންމެ ޕޮއިންޓެކެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުން މޮޅުވެގެން މުބާރާތުގެ ދެ ވަނަ ބުރުގެ ފުރުސަތު ޔުވެންޓަސް އަށް އޮތެވެ. އެހެންވެ އެ ޓީމުން މެޗު ފެށީ ވެސް ވަރަށް އެޓޭކިން ވިސްނުމެއްގަ އެވެ. ފުރަތަމަ ހާފުގައި ޔުވެންޓަސް އަށް ލީޑުނަގައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ޖަރުމަނުގެ މިޑްފީލްޑަރު ސެމީ ކެޑީރާ އަށެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ހުސްކޮށްލާފައި ދިން ބޯޅައަކުން ކެޑީރާ ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެ ވަނަ ހާފްގައި ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ ޖެހި ބޯޅައެއް ހުރަސް ދަނޑިއަށް އަމާޒުވިއިރު، މެޗުގެ 65 ވަނަ މިނިޓްގައި ޔުވެންޓަސް އަށް ލީޑުނަގައިދިނީ ރޮނާލްޑޯ އެވެ. ލިއޮނާޑޯ ބޮނޫޗީ އޭރިއާތެރެއަށް މަތިން ފޮނުވާލި ބޯޅަ ރޮނާލްޑޯ ވަނީ އެއް ފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ޔުވެންޓަސްގެ ލީޑުފުޅާކުރަން މިރަލެމް ޕިޔަނިޗް އާއި ހުއާން ކުއަޑްރާޑޯ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ޔުނައިޓެޑުން އެ ޓީމު ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލީ ފަހު ފަސް މިނިޓް ތެރޭގަ އެވެ. މެޗުގެ 85 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ހުއާން މަޓާ ޔުނައިޓެޑަށް އެއްވަރުކޮށްދިންއިރު، އެ ޓީމު މޮޅުވީ މެޗުގެ 89 ވަނަ މިނިޓްގައި ޔުވެންޓަސްގެ އަލެކްސް ސަންޑްރޯ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ (ކ) އާއި ޔުވެންޓަސްގެ ޑިފެންޑަރު ބޮނޫޗީ ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ (ކ) އާއި ޔުވެންޓަސްގެ ޑިފެންޑަރު ބޮނޫޗީ ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

މިއީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޔުވެންޓަސް އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. މޮރީނިއޯ އުފާފާޅުކުރިއިރު، ކަންފަތުގައި އަތްއަޅައިގެން ޔުވެންޓަސް ސަޕޯޓަރުންނަށް ނިސްބަތްކޮށް އެއްޗެއް ބުނުމުން އެކަމާ ހިތްހަމަ ނުޖެހިގެން ޔުވެންޓަސްގެ ޑިފެންޑަރު ބޮނޫޗީ އާއި މޮރީނިއޯއާ ދެމެދު ދެބަސްވުންތަކެއް ހިނގި އެވެ.

"މިއީ އަހަރެން ޔުވެންޓަސް އަށް ފުރައްސާރަކުރުމުގެ ގޮތުން ކުރި ކަމެއް ނޫން. އިޓަލީ ކަހަލަ ހިތްގައިމު ގައުމެއްގައި ޔުވެންޓަސް އިން އަހަންނަށް 90 މިނިޓް ފުރައްސާރަކުރި. އޭގެ ބަދަލުގައި އަހަރެން ކުރީ ކުޑަކުޑަކަމެއް. އޭގެ ސަބަބުން އަހަރެންގެ ކުރީގެ ކްލަބް އިންޓަ އިން ވަރަށް އުފާވާނެ. އަހަރެން ޔުވެންޓަސް އަށް އިހުތިރާމްކުރަން. އެ މީހުން ވަރަށް މޮޅު،" ރޭގެ މެޗަށް ފަހު މޮރީނިއޯ އޭނާގެ އުފާފާޅުކުރުމާ ބެހޭގޮތުން ބުންޏެވެ.

ޔުވެންޓަސްގެ ތަރި ރޮނާލްޑޯ ބުނީ މެޗުން މޮޅުވާން ޔުނައިޓެޑުން އެއްވެސް ކަމެއް ނުކުރާކަމަށާއި މިއީ ޔުވެންޓަސް އިން ޔުނައިޓެޑަށް ދިން ހަދިޔާއެއް ކަހަލަ މެޗެއް ކަމަށެވެ. އަދި ޔުވެންޓަސް އަށް ލިބުނީ އިތުރު ލަނޑެއް ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފައި ހަމަޖެހިލައިގެން ތިބުމުގެ އަދަބު ކަމަށް ވެސް ބުންޏެވެ.

ގްރޫޕް އީގައި ޖަރުމަނުގެ ބަޔާން މިއުނިކް ވަނީ 2-0 އިން ގްރީސްގެ އޭއީކޭ އެތަންސް ބަލިކޮށްފަ އެވެ. އަދި އެ ގްރޫޕުގެ އަނެއް މެޗުން ބެންފީކާ އާއި އަޔަކްސް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.