Roadha Mihaaru
ރޮނާލްޑޯއަކީ ޔުނައިޓެޑުގެ ނަސީބު، ޗެލްސީއަށް ނާކާމިޔާބު

ރޮނާލްޑޯއަކީ ޔުނައިޓެޑުގެ ނަސީބު، ޗެލްސީއަށް ނާކާމިޔާބު

30 ސެޕްޓެމްބަރ 2021

ޗެމްޕިއަންސް ލީގުގައި މެޗުގެ އެންމެ ފަހު ވަގުތު ވިޔަރެއާލް ކޮޅަށް ކްރިސްޓިއާނޯ ލަނޑުޖަހައި މެންޗެސްޓާ ޔުނައިޓެޑަށް 2-1 އިން މޮޅުކޮށްދިނުމުން، ރޮނާލްޑޯ ޓީމުގައި ހުރުމަކީ ޔުނައިޓެޑްގެ ބޮޑު ނަސީބެއް ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޗެމްޕިއަންސް ލީގުގައި މެޗުގެ އެންމެ ފަހު ވަގުތު ވިޔަރެއާލް ކޮޅަށް ކްރިސްޓިއާނޯ ލަނޑުޖަހައި މެންޗެސްޓާ ޔުނައިޓެޑަށް 2-1 އިން މޮޅުކޮށްދިނުމުން، ރޮނާލްޑޯ ޓީމުގައި ހުރުމަކީ ޔުނައިޓެޑްގެ ބޮޑު ނަސީބެއް ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

މެޗުގެ 95 ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖަހައި ޔުނައިޓެޑް މޮޅުކޮށް ދިނުމަކީ، ސޯލްޝެއާ ބޮޑު ޕްރެޝަރަކުން ސަލާމަތްވި ކަމެކެވެ. ހަތަރު މެޗުގެތެރެއިން ތިން މެޗު ބަލިވުމުން، ރޭގެ މެޗަށް ނުކުތް އިރު ވެސް ޔުނައިޓެޑް އޮތީ ބޮޑު ޕްރެޝަރެއްގަ އެވެ.

ރޭގެ މޮޅަކީ ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ހޯދި ފުރަތަމަ މޮޅެވެ. އެއާއެކު އެ ޓީމު ވަނީ ގުރޫޕްގެ ތިން ވަނަ އަށް ޖެހިލައިފ އެވެ. އެއީ އެއް ވަނައިގައި އޮތް އެޓަލާންޓާ އަށް ވުރެ އެއް ޕޮއިންޓް ފަހަތުގަ އެވެ. ދެ ވަނައިގައި ޔުނައިޓެޑާ އެއްވަރަށް ޕޮއިންޓް ހޯދައިގެން އޮތީ ޔަންގް ބޯއީސް އެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ އުނައި އެމެރީގެ ޓީމުންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޕަކޯ އަލްކާސާ އެވެ. ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ އެލެކްސް ޓެލެސް އެވެ.

ރޭގެ މެޗަކީ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ރެކޯޑް ހެދި މެޗެވެ. އެ މުބާރާތުގައި ޖުމުލަ 178 މެޗު ކުޅެ އޭނާ ވަނީ ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން އިކާ ކަސިޔަސް ހަދާފައިވާ ރެކޯޑް މުގުރާލައިފަ އެވެ. ރޮނާލްޑޯ ފަހު ވަގުތު ލީޑު ނެގުމުން އެއީ ޔުނައިޓެޑަށް ބޮޑު މޮމެންޓެއް ކަމަށް ސޯލްޝެއާ ބުންޏެވެ.

ޔުވެންޓަސް އާއި ޗެލްސީގެ މެޗުގެ ތެރެއިން --- ފޮޓޯ: އީޕީއޭ

ޔުވެންޓަސް އާއި ޗެލްސީގެ މެޗުގެ ތެރެއިން --- ފޮޓޯ: އީޕީއޭ

އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އަށް ކުރިމަތިވީ ބަދު ނަސީބެކެވެ. ޔުވެންޓަސްއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން ބަލިވީ 1-0 އިންނެވެ. މެޗުގައި ޔުވެންޓަސްގެ ލަނޑު ކާމިޔާބު ކުރީ ފެޑްރީކޯ ކިއޭޒާ އެވެ. މޮޅާއެކު ޔުވެންޓސް ވަނީ އެ ގުރޫޕްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ޔުވެންޓަސް އެއްވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗުލް ބުނީ ޗެލްސީ ބަލިވީ ކުޅުންތެރިންނަށް މެޗާ މެދު ދޭންޖެހޭ ސަމާލުކަން ނުދިނުމުން ކަމަށެވެ.