Roadha Mihaaru
ޔުވެންޓަސް އެއްވަރު، ބާސާ އިން ޔުނައިޓެޑް ބަލިކޮށްފި

ޔުވެންޓަސް އެއްވަރު، ބާސާ އިން ޔުނައިޓެޑް ބަލިކޮށްފި

11 އެޕްރީލް 2019

އަމްސްޓެޑަމް، ނެދަލެންޑްސް (އޭޕްރީލް 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ނެދަލެންޑްސްގެ އަޔަކްސް އާއި ޔުވެންޓަސް 1-1 އިން އެއްވަރުވިއިރު، ރަށުންބޭރުގައި ބާސެލޯނާ އިން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އަމްސްޓެޑަމް، ނެދަލެންޑްސް (އޭޕްރީލް 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ނެދަލެންޑްސްގެ އަޔަކްސް އާއި ޔުވެންޓަސް 1-1 އިން އެއްވަރުވިއިރު، ރަށުންބޭރުގައި ބާސެލޯނާ އިން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

އަޔަކްސްގެ ޔޯހަން ކްރައިފް އެރީނާގައި ރޭ ކުޅުނު މެޗުގެ ކުރިން އެ ޓީމުގެ 140 ސަޕޯޓަރަކު ވަނީ ބަނޑިބޭހުގެ ސަމާނާއި އެ ނޫން ވެސް ހަމަނުޖެހުން ހިންގުމަށް ބޭނުންކުރާ ތަކެއްޗާ އެކު ހައްޔާރުކޮށްފަ އެވެ. ރޭގެ މެޗުގައި އަނިޔާ އިން ރަނގަޅުވެ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ކުޅެފަ އެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޔުވެންޓަސް އަށް ކުރިހޯދައިދިނީ ވެސް ރޮނާލްޑޯ އެވެ. ޔާއޯ ކަންސެލޯ ނަގައިދިން ހުރަހަކުން ރޮނާލްޑޯ މި ގޯލު ޖެހީ ބޮލުންނެވެ. މިއީ ޔޫރަޕްގައި ރޮނާލްޑޯ ކާމިޔާބުކުރި 125 ވަނަ ގޯލެވެ.

ދެ ވަނަ ބުރުގައި އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު ކުއާޓާގެ ޖާގަ ހޯދި އަޔަކްސް އިން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކުރި އެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މި ހާފްގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަޔަކްސްގެ ގޯލު ޖެހީ ބްރެޒިލް ގައުމީ ޓީމުން ދާދި ފަހުން ފުރުސަތު ހޯދި ވިންގާ ޑޭވިޑް ނެރެސް އެވެ.

މެޗުން މޮޅުވާން ދެ ޓީމަށް ވެސް ފުރުސަތު ލިބުނެވެ. އަޔަކްސްގެ ޔާގަން އެކެލެންކެމްޕް ޖެހި ބޯލަ ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ މަތަކުރިއިރު، ޔުވެންޓަސްގެ ޑަގްލަސް ކޮސްޓާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

މިއީ 2003 ވަނަ އަހަރަށް ފަހު އަޔަކްސް މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ސެމީގެ ޖާގައެއް ހޯދުމަށް އަންނަ ހަފްތާގައި ޔުވެންޓަސް ދަނޑުގައި އެ ޓީމަށް އޮތީ އުނދަގޫ މަސައްކަތެކެވެ. އެކަމަކު އަޔަކްސްގެ ކޯޗު އެރިކް ޓެން ހަގް ބުނީ އެންމެ ފަހުން ރެއާލާ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވީ ބަލި ކަމަށާއި އެކަމަކު ރަށުންބޭރުގައި ނަތީޖާ ނެރެވުނު ކަމަށެވެ. އެ ގޮތަށް ބަލާއިރު ޔުވެންޓަސް ދަނޑުގައި ވެސް އަޔަކްސް އިން ރަނގަޅަށް ކުޅެފިނަމަ ނަތީޖާ ނެރެވޭނެ ކަމަށް ބުންޏެވެ.

ރޭ އަޔަކްސް ކޮޅަށް ގޯލު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރޭ އަޔަކްސް ކޮޅަށް ގޯލު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުނީ ސެމީ އަށް ދިއުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތީ ހުޅުވިފައި ކަމަށާއި އެކަމަކު ޔުވެންޓަސް އަށް އޮތް އެޑްވާންޓޭޖަކީ އަމިއްލަ ދަނޑުގައި އެ ޓީމުގެ ރެކޯޑް ރަނގަޅުވެ ރޮނާލްޑޯ ވެސް ރަނގަޅު ފޯމެއްގައި ހުރުން ކަމަށެވެ.

ޔޫރަޕްގައި މީގެ ކުރިން ޔުނައިޓެޑް ދަނޑުގައި ބާސެލޯނާ އަށް މޮޅެއް ހޯދިފައިނުވި ނަމަވެސް ރޭގެ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލަކީ ޔުނައިޓެޑްގެ ލޫކް ޝޯ އަތުން ވަން ބައިގޯލެކެވެ. މެޗުގެ 12 ވަނަ މިނިޓްގައި ލިއޮަނަލް މެސީ ނަގައިިދިން ހުރަހަކުން ލުއިސް ސުއަރޭޒް ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ޝޯ ކޮނޑުގައި ޖެހިފަ އެވެ. ރެފްރީ އެ ލަނޑު ގަބޫލުނުކުރަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީތެރިކަން ހޯދުމަށް ފަހު އެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ޔުނައިޓެޑްގެ ޒުވާން ފޯވާޑް މާކަސް ރެޝްފޯޑަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ. ލީޑުފުޅާކުރަން މެސީ އާއި ފިލިއްޕޭ ކުޓީނިއޯ ޖެހި ބޯޅަތައް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މެޗުގެ ނަތީޖާ އެ ޓީމަށް ގޯސްކޮށް ދިޔަ ނަމަވެސް ރަނގަޅަށް ދިޔަ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށެވެ. ޕީއެސްޖީއާ ދެކޮޅަށް ނެރުނު ނަތީޖާ އިން ހިތްވަރު ހޯދައި ބާސެލޯނާ ދަނޑުގައި މަސައްކަތްކޮށްފިނަމަ ކާމިޔާބު ލިބޭނެ ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ޔުނައިޓެޑުން ޕީއެސްޖީއާ ދެކޮޅަށް ވެސް ނަތީޖާ ނެރުނީ ރަށުންބޭރުގައި ކަމަށާއި އެ ގޮތަށް ވިސްނާއިރު ކުރަން ޖެހޭ މަސައްކަތް އަދި އެބަހުރި ކަމަށެވެ. އެކަމަކު ބާސެލޯނާގެ ޗެމްޕިއަންސް ލީގު ރެކޯޑް ދައްކާގޮތުން ރަށުންބޭރުގައި މޮޅުވެއްޖެނަމަ އަމިއްލަ ދަނޑުގައި އެ ޓީމަށް ކާމިޔާބު ހޯދޭނެ ކަމަށް ވަލްވޭޑޭ ގަބޫލުކުރެ އެެވެ.

އިނގިރޭސި ޓީމުތަކާ ދެކޮޅަށް ބާސެލޯނާ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ވަނީ މޮޅުވެފަ އެވެ. މޮޅުނުވެވުނު ދެ މެޗުގެ ތެރޭގައި މި ފަހަރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާ އެއްވަރުވި މެޗު ހިމެނެ އެވެ.