Roadha Mihaaru
ޕާޓީ ބަދަލު ކުރިޔަސް، ކޮރަޕްޝަން ބަލަންޖެހޭ: އިލްޔާސް

ޕާޓީ ބަދަލު ކުރިޔަސް، ކޮރަޕްޝަންގެ މައްސަލަތައް ބަލަން ޖެހޭ: އިލްޔާސް

09 ނޮވެމްބަރ 2018

ސިޔާސީ ޕާޓީ ބަދަލު ކުރިޔަސް، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ޖެހޭނެ ކަމަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިޔާސީ ޕާޓީ ބަދަލު ކުރިޔަސް، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ޖެހޭނެ ކަމަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއު ކުރެއްވުމުގައި އުޅުއްވި އިސް ބޭފުޅުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިހާބީ ނައިބު ރައީސްގެ ފައިސަލް ނަސީމްގެ ސަރުކާރާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ.

އިލްޔާސް ވިދާޅުވީ ޕާޓީ ބަދަލުވި ކަމުގައި ވިޔަސް، ކޮރަޕްޝަން އަދި ބޮޑެތި ހިޔާނާތުގެ މައްސަލަތައް އިންސާފުވެރި ގޮތެއްގައި ބަލަން ޖެހޭނެ ކަމަށެވެ.

އިލްޔާސް ހުސެއިން ރޭ ކުރެއްވި ޓުވީޓު.

އެއްވެސް ބަޔަކަށް އިންސާފުން ރެކެވޭނެ ފުރުސަތު ލިބިގެން ނުވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ކޮރަޕްޝަނާއި ބޮޑެތި ހިޔާނާތުގެ މައްސަލަތައް އިންސާފުވެރި ގޮތެއްގައި ނުބަލާނަމަ، ރާއްޖެއަށް ދުވަހަކު ވެސް އަމާންކަމާއި ހަމަޖެހުމެއް ނުލިބޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

ކޮރަޕްޝަންގެ އަމަލުތައް ހިންގެވި ބައެއް ބޭފުޅުން އިބޫގެ ސަރުކާރާ ގުޅިވަޑައިގެން އުޅުއްވާ ކަމުގެ އަޑު ފެތުރުނަސް، އިބޫ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، ހައްގު އަދަބު ދެއްވާނެ ކަމަށެވެ. އަދި ކޮރަޕްޝަންގެ އަމަލުތައް ހިންގެވި ބޭފުޅުންނާއެކު ޑީލަކަށް ނުދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.