Roadha Mihaaru

ދިވެހި ސިނަމާގެ ސުރުޚީތައް

ފާތުމަތު ނަހުލާ ގެނެސްދޭން އުޅޭ ވެން ސީރިޒް "ހުވާ" ގެ އިންތިޒާރުގައި ތިބި މީހުންނަށް ދެން މާ ގިނަ ދުވަހަކަށް މަޑުކުރާކަށް ނުޖެހޭނެ އެވެ. އެ ވެބް ސީރީޒް ސްޓްރީމް ކުރާ ބައިސްކޯފް އެޕް ކުރިއަށް އޮތް ހަފުތާ ތެރޭގައި ލޯންޗް ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ދިވެހި ސިނަމާގެ ސުރުޚީތައް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

10 ނޮވެމްބަރ 2018

ފާތުމަތު ނަހުލާ ގެނެސްދޭން އުޅޭ ވެން ސީރިޒް "ހުވާ" ގެ އިންތިޒާރުގައި ތިބި މީހުންނަށް ދެން މާ ގިނަ ދުވަހަކަށް މަޑުކުރާކަށް ނުޖެހޭނެ އެވެ. އެ ވެބް ސީރީޒް ސްޓްރީމް ކުރާ ބައިސްކޯފް އެޕް ކުރިއަށް އޮތް ހަފުތާ ތެރޭގައި ލޯންޗް ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ނަހުލާ ބުނި ގޮތުގައިި އެޕް ލޯންޗް ކުރާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި "ހުވާ" ސްޓްރީމް ކުރަން ފަށާނެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހެދި ފުރަތަމަ ވެބް ސީރީޒެވެ. މިއީ ކިހިނެއްވާ އެއްޗެއްތޯ އާއި ސީރީޒްގައި ހުރި ފެންވަރެއް ބަލައިލުމުގެ ޝައުގުވެރިކަން ޔަގީނުން ވެސް ފޭނުންގެ މެދުގައި ބޮޑު ވާނެ އެވެ.

ނަހުލާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ އޭނާ ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ޑައިރެކްޓް ކުރި މިދިޔަ އަހަރުގެ ފިލްމު "ބޮސް" އެވެ.

"ހުވާ" ގެ ޓްރެއިލާ ހޯމަ ދުވަހުގެ ރޭ

ބައިސްކޯފް އެޕް ވަރަށް ކުލަގަދަކޮށް އަންނަ ހޯމަ ދުވަހުގެ ރޭ ލޯންޗް ކުރާ ހަފުލާގައި "ހުވާ" ގެ ޓްރެއިލާ ދައްކައިލަން ވަނީ ހަމަޖެހިފަ އެވެ. މިއީ ޔަގީނުން ވެސް މިއީ މީގެ އިންތިޒާރުގައި ތިބި މީހުން ވަރަށް އުފާވާނެ ކަމެކެވެ.

"ހުވާ" ގެ ޓްރެއިލާ ހޯމަ ދުވަހުގެ ދޫކޮށްލާނެ.

"ހުވާ" އަކީ ނަހުލާގެ ވާހަކައަކަށް އޭނާ އާއި އެކްޓަރު މުހައްމަދު ފައިސަލް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މީގެ މުހިއްމު ރޯލަަކުން ވެސް އޭނާ ފެނިގެން ދާނެ އެވެ.

މާލެ އާއި ކ. ގުރައިދޫގައި މަންޒަރުތައް ނަގާފައިވާ "ހުވާ" ގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބު، ޔޫސުފު (ޔޫއްޕެ) ޝަފީއު، އައިމިނަތު ރިޝްފާ، ރަވީ ފާރޫގް، މަރިޔަމް އައްޒަ، އިބުރާހީމް (ޖިމީ) ޖިހާދު އަދި އަލީ (ދޮންއައްޔަ) އާޒިމް ފަދަ ތަރިން ހިމެނެ އެވެ.

"މާމުއި" ގެ ޝޫޓިން ނިންމާލައިފި

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކޮމެޑީ ފިލްމު "މާމުއި" ގެ ޝޫޓިން ނިންމާލައިފި އެވެ. މި އަހަރުގެ ރޯދައިގެ ކުރިން ޝޫޓިން ފެށި، ފިލްމުގެ މަސައްކަތް ރޯދަ އަށް މެދުކަނޑާލައި ރޯދަ މަސް ނިމުމަމާ އެކު އަލުން ފަށައި ވަރަށް ފޯރީގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޑާކް ރެއިންގެ ޓްވީޓެއް.

"މާމުއި" އަކީ ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ކުރީގެ ނައިބު ރައީސް އަހުމަދު ތޮލާލުގެ ސްކްރީންޕްލޭއަކަށް އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓް ކުރާ ފިލްމެކެވެ.

އަންނަ އަހަރުގެ އެޕްރީލް 1 ގައި ރިލީޒް ުރަން ތާވަލުކޮށްފައިވާ ފިލްމުން ވަރަށް ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ. ޑާކް ރެއިނުން ބުނާ ގޮތުގައި "މާމުއި" އަކީ ބެލުންތެރިން ހެއްވައިލާނެ އެތައް ކަމެއް ފެނިގެން ދާނެ ވަރަށް މަޖާ ފިލްމަކަށް ވާނެ އެވެ.

ނިއުމާ ފަރުވާ އަށް ބެންކޮކަށް

ބަތަލާ ނިއުމާ މުހައްމަދުގެ އަޑުގޮސްގެން އުޅޭތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެ، އެކަން ރަނގަޅު ނުވެގެން އެންމެ ފަރުވާ އަށް ތައިލެންޑަށް ހިނގައްޖެ އެވެ.

ނިއުމާ އަޑު ހަލާކުވީ ސެޕްޓެމްބަރުގައި.

އަވަށްޓެރި ސްރީ ލަންކާ އިން ވެސް ކުރިން ފަރުވާ ހޯދުމަށް ފަހު، ނިއުމާ ބެންކޮކޮށް ފުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ނިއުމާ ބުނި ގޮތުގައި އޭނާގެ ވަރަށް ބޮޑަށް ހަލާކުވެ، އަޑު ނުކުންނަނީ ވެސް ކިރިޔަކިރިޔާ އެވެ. މިދިޔަ މަހުގެ 15 ގައި ސިނަމާ އަށް ގެންނަން ނިންމި އޭނާގެ ވަދާއީ ފިލްމު "ނިވައިރޯޅި" އަންނަ އަހަރަށް ފަސްކުރީ ވެސް ނިއުމާގެ އަޑު ގޮސްގެން ފިލްމު ޑަބް ވެސް ނުކުރެވިގެންނެވެ.

މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމު މިހާރު ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 3 ގަ އެވެ. އެނގިފައިވާ ގޮތުގައި ފަރުވާ އަށް ފަުހު، ނިއުމާ އެނބުރި މާލެ އަންނާނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

"ކާކު؟" ވެސް ނިންމާލައިފި

މިދިޔަ މަހުގެ 26 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ޝޫޓް ކުރަން ފެށި މުހައްމަދު (މާއެބޫ) އަބޫބަކުރުގެ ފިލްމު "ކާކު؟" ގެ ޝޫޓިން ނިންމާލައިފި އެވެ.

މި ފިލްމަކީ މަހުދީ އަހުމަދުގެ ސްރީންޕްލޭއަކަށް ހަދާ ބިރުވެރި ފިލްމެކެވެ.

ފިލްމު "ކާކު" ގެ ޝޫޓިންގެ ތެރެއިން.

ފިލްމު "ކާކު" ގެ ޝޫޓިންގެ ތެރެއިން.

ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެން ދާނީ ފިލްމު "އެ ދަތުރު" އާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ފެނިފައިވާ އިބްރާހީމް (ކުޑަ ސޮބާ) ސޮބާ އާއި މާއެނބޫ މީގެ ކުރިން ގެނެސް ދިން ފިލްމެއް ކަމަށްވާ "ހިތް ވިންދާ ނުލާ" ގެ ބަތަލު ޝާފިއު މުހައްމަދުގެ އިތުރުން އަލަށް ތައާރަފުވާ ޔާސިރާ އާއި އިރްފާނާ (އިރޫ) އިބްރާހީމެވެ.

"ކާކު؟" އަޅުވާނެދ ތާރީހެއް އަދި ނުނިންމަ އެވެ. އެކަމަކު މާއެބޫ ބުނީ ފިލްމު އަންނަ އަހަރު ބެލުންތެރިންނަށް ގެނެސް ދޭނެ ކަމަށެވެ.

"ކަނޑު އިބިލީސް" ގެ ޕްރިމިއާ ކުޅުދުއްފުށީގައި

އިންޑެޕެންޑެންޓް ޒޯން އިން ހަދާފައިވާ ކުޑަކުދިންގެ ފިލްމު "ކަނޑު އިބިލީސް" އެ ފިލްމު ޝޫޓްކޮށްފައިވާ ރަށް ހދ. ކުޅުދުއްފުށީގައި މި މަހު ޕްރިމިއާ ކުރަން ނިންމައިފި އެވެ.

އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

"ކަނޑު އިބިލީސް" ގެ ޕޯސްޓަރެއް.

އިސްމާއީލް (ކޮޕީ އިއްސެ) ރަޝީދު ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅެފައިވާ މި ފިލްމުން ވަރަށް ގިނަ އަދަދަކަށް ކުޅުދުއްފުށީގެ ކުޑަކުދިންތަކެއް ވެސް ފެނިގެން ދާނެ އެވެ. އަދި ފިލްމުގެ ރޯލަކުން އަހުމަދު ޒިޔާ ވެސް ފެނިގެން ދާނެ އެވެ.

"ކަނޑު އިބިލީސް" ގެ ޓީމުން ބުނި ގޮތުގައި މި ފިލްމުގެ ޕްރޮމޯޝަނަލް ލަވަ "އިނބިލީހުގެ ވަސްވާސް" ފެށޭ ހަފުތާގެ ތެރޭގައި ބެލުންތެރިންނަށް ދައްކައިލާނެ އެވެ.

ލަވައިގެ މިއުޒިކް ހަދާފައި ވަނީ މަޝްހޫރު ބޮޑުބެރު ބޭންޑް ބިދަބިންއިންނެވެ. ލަވަ ކިޔާފައި ވަނީ ބޭންޑްގެ މެމްބަރެއް ކަމަށްވާ މުހައްމަދު ރީހާނެވެ.