Roadha Mihaaru
ރައީސް ޔާމީން، އާރަށު "ގެކޮޅު" ނުގެންދަވާނެ: މުއާޒް

ރައީސް ޔާމީން، އާރަށުގެ "ގެކޮޅު" ނުގެންދަވާނެ: މުއާޒް

11 ނޮވެމްބަރ 2018

ރައީސް އަބްދުﷲ ޔާމީން، ފަސް އަހަރުގެ ދައުރުގެ ފުރިހަމަ ކުރައްވައި މަގާމުން ވަކިވެވަޑައިގަންނަވާނީ، އާރަށުގައި ހެދި "ގެކޮޅު" ހިފައިގެން ނޫން ކަމަށް ވިދާޅުވެ، ފާޑުކިއުންތަކަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ރައްދު ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީން، ފަސް އަހަރުގެ ދައުރުގެ ފުރިހަމަ ކުރައްވައި މަގާމުން ވަކިވެވަޑައިގަންނަވާނީ، އާރަށުގައި ހެދި "ގެކޮޅު" ހިފައިގެން ނޫން ކަމަށް ވިދާޅުވެ، ފާޑުކިއުންތަކަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ރައްދު ދެއްވައިފި އެވެ.

ހަފުތާ ބަންދާއި ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގައި ރައީސް ޔާމީން، އާއިލާއެކު އާރަށުގައި ޗުއްޓީ ހޭދަ ކުރައްވަން ސިފައިން ހެދި ގެކޮޅުގެ ފޮޓޯ މިއަދު ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްލައިފަ އެވެ. ޓެރަސްއަކާ އެކު ތިން ބުރި އަށް ހަދާފައިވާ އެ ގެކޮޅުގެ ފޮޓޯ އާއްމުވުމާ އެކު ރައީސް ޔާމީނަށް ޚާއްސަކޮށް އިމާރާތްކުރި އަދި ދައުލަތުގެ ބަޖެޓުން މަރާމާތު ކުރި ގެތަކުގެ އަދަދު ގިނަކަމުން ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ.

ރައީސް ޔާމީން ދިރިއުޅުއްވަން އާރަށުގައި ސިފައިން ހެދި ގެކޮޅު.

ރައީސް ޔާމީން ދިރިއުޅުއްވަން އާރަށުގައި ސިފައިން ހެދި ގެކޮޅު.

އެއާއެކު، މުއާޒް ކުރެއްވި ޓުވީޓްތަކެއްގައި ސުވާލުތަކެއް ކުރައްވައި އެއްސެވީ ސިނަމާލެ ބްރިޖާއި އެއާޕޯޓުތަކުން ކޮންމެ ބޭފުޅަކަށް ވެސް ދަތުރު ނުކުރެއްވޭނެތޯ އެވެ. އަދި، ރައީސް ޔާމީންގެ ދައުރުގައި އެ ހުރިހާ ތަނެއް ގާއިމްކޮށް ދެއްވީ އެމަނިކުފާނު އެކަނި ބޭނުންކުރައްވަންތޯ ވެސް އެއްސެވި އެވެ.

"އާރަށުގައި ރީތި ތަނެއް ހުރި ނަމަ، އެ ތަނެއް ވާނީ ސިފައިންގެ އިމާރާތަކަށް. ދެން ވަޑައިގަންނަވާ ރައީސަކަށް ބޭނުންފުޅު ނުކުރެއްވޭނެތޯ؟ ރައީސް ޔާމީން ވަޑައިގަންނަވާނީ އެ ވިދާޅުވާ 'ގެކޮޅު' ހިފައިގެންނެއް ނޫން،" މުއާޒް ވިދާޅުވި އެވެ.

މިފަދަ ސިޔާސީ ވާހަކަތައް ޒުވާނުންނަށް ކިޔައި ދެއްވާއިރު، މިއަށް ވުރެން ހޭލުންތެރިވާން ނުވޭތޯ ވެސް މުއާޒް އެއްސެވި އެވެ.

މުއާޒްގެ ޓުވީޓް.

އާ ރަށުގައި ހެދި ގެކޮޅު ދެން ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ރައީސަކަށް ވެސް ބޭނުން ކުރެއްވޭނެ ކަމަށް މުއާޒް ވިދާޅުވިއިރު، މި އިމާރާތް ހަދަން ދައުލަތުގެ ބަޖެޓުން ހޭދަވި ފައިސާގެ އަދަދެއް ވިދާޅެއް ނުވެ އެވެ.

އާ ރަށުގައި، ރައީސް ޔާމީން ދިރިއުޅުއްވި ގެކޮޅު.

އާ ރަށުގައި، ރައީސް ޔާމީން ދިރިއުޅުއްވި ގެކޮޅު.

ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާ މިހާރު ދިރިއުޅުއްވަނީ ހިލާލީގޭގަ އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރިން އެމަނިކުފާނު އުޅުއްވަމުން ގެންދެވީ އަމިއްލަ ގެކޮޅު ދޫވެހީގަ އެވެ. ރައީސަކު ދިރިއުޅުއްވަން އެކަށީގެންވާ މިންވަރަށް އެތަނުގައި ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރަން، އެތަން މަރާމާތުކުރަން ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ވެސް ހިނގި އެވެ.

އޭގަފަހުން، ހިލާލީ ގެއަށް ބަދަލުވެވަޑައިގަތީ، ބޮޑުތަކުރުފާނުމަގުގައި ހުންނަ ހ.ނޫފަރުގެ އާއި ދޫވެހި ބަދަލުކުރުމުގެ ދުވަސްކޮޅެއް ކުރިންނެވެ.

ރައީސް ޔާމީންގެ އަމިއްލަ ގެކޮޅުގެ ނިންމުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެ އެވެ. ބުރިބުރި އަށް ހަދާ އެ އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާ ގާތްގަނޑަކަށް މިހާރު ވަނީ ނިމިފަ އެވެ.

އަންނަ ހޮނިހިރުދުވަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރައްވާއިރު، ރައީސް ޔާމީން ހިލާލީގެއިން ބަދަލުވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. އެއީ، ހިލާލީގެއަކީ ރައީސާއި ނައިބު ރައީސް ދިރިއުޅުއްވަން ޚާއްސަކޮށްފައިވާ ގެކޮޅަކަށް ވާތީ އެވެ.