Roadha Mihaaru
އދ.އަށް ރައީސް ވަޑައިނުގަންނަވާ ހާއްސަ ސަބަބެއް ނެތް

އދ. އަށް ރައީސް ވަޑައިނުގަންނަވާ ހާއްސަ ސަބަބެއް ނެތް: މުއާޒް

21 ސެޕްޓެމްބަރ 2016

އދ.ގެ އާއްމު މަޖިލީހުގައި ތަގުގީރުކުރައްވަން މި އަހަރު ވެސް ރައީސް އަބްދުﷲ ޔާމީން ވަޑައިނުގަންނަވަނީ ވަކި ހާއްސަ ސަބަބެއް އޮވެގެން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އދ.ގެ އާއްމު މަޖިލީހުގައި ތަގުގީރުކުރައްވަން މި އަހަރު ވެސް ރައީސް އަބްދުﷲ ޔާމީން ވަޑައިނުގަންނަވަނީ ވަކި ހާއްސަ ސަބަބެއް އޮވެގެން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ތަމްސީލުކުރާ ވަފުދުގެ އިސް ވެރިއެއްގެ ގޮތުން މިފަހަރު ވަޑައިގެންނެވީ ފޮރިން މިނިސްޓަރު މުހައްމަދު އާސިމެވެ. މިދިއަ އަހަރު ވަޑައިގަތީ އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. ރާއްޖޭގެ ވެރިކަމާ ރައީސް ޔާމީން ހަވާލުވެވަޑައިގެންނެވި ފަހުން އޮތް އދ. ގެ ފުރަތަމަ އާންމު ޖަލްސާގައި ރާއްޖެ ތަމްސީލްކުރެއްވީ ކުރީގެ ރައީސް މުހައްމަދު ވަހީދެވެ.

ކުރީގެ ސަރުކާރުތަކުގައި އދ.ގެ އާއްމު މަޖިލީހަށް ގިނަ ފަހަރަށް ވަޑައިގެންފައި ވަނީ ސީދާ ރައީސެވެ. އެކަމަކު ރައީސް ޔާމީން މިހާތަނަށް ދުވަހަކު ވެސް އދ. އަށް ވަޑައިގެންފައެއް ނުވެ އެވެ.

އދ. ގައި ތަގުރީރުކުރައްވަން ރައީސް ވަޑައިނުގަންނަވަނީ ކީއްވެތޯ "މިހާރު" އިން ދެންނެވުމުން މުއާޒް ވިދާޅުވީ "ވަކި ހާއްސަ ސަބަބެއް ނެތް، އެއީ އެކަން ހަމަޖައްސަވާފައި އޮންނަ އުސޫލް" ކަމަށެވެ.

އާއްމު މަޖިލީހުގެ 71 ވަނަ ބައްދަލުވުން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. މި ފަހަރުގެ މައުލޫއު ކަމަށް ވާ "ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް: ދުނިޔެ ބަދަލުކޮށްލުމަށް ބާރެއް"ގެ މައްޗަށް ގައުމުތަކުގެ މަންދޫބުން ތަގުރީރު ކުރައްވާނީ އިއްޔެ އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. ރާއްޖެ އާއި އިންޑިއާ ފިޔަވާ ދެކުނު އޭޝިއާގެ އެހެން ގައުމުތަކުން ވަޑައިގަންނަވަނީ އެ ގައުމެއްގެ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެންމެ އިސް ވެރިޔާ އެވެ. އެ ގޮތުން، ސްރީ ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގިލާނީ އާއި ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް އަދި ބޫޓާންގެ ބޮޑުވަޒީރު ޝެރިން ޓޮބްގޭ ތަގުރީރު ކުރައްވާނެ އެވެ. އިންޑިއާ އިން ފޮނުވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖެވެ. އދ. ގައި ތަގުރީރުކުރެއްވުމަކީ ޝަރަފަކާއި ބޮޑު ފުރުސަތެއް ކަމަށް ގައުމުތަކުގެ ގިނަ ވެރިން ގަބޫލުކުރައްވަ އެވެ. އެގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ އަދި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ހިމެނިވަޑައިގަންނަވަ އެވެ.