Roadha Mihaaru
އަދީބު ބޭރަށް ފޮނުވުމާއި ނުފޮނުވުމުގެ ބަހުސް

އަދީބު ބޭރަށް ފޮނުވުމާއި ނުފޮނުވުމުގެ ބަހުސް

12 ނޮވެމްބަރ 2018

"އޭނަ ފިލިޔަދީގެން ނުވާނެ އެއްގޮތަކަށް ވެސް. އޭނާއަކީ ސުވާލު ކުރަން ޖެހޭ މީހެއް. އޭނާ ބޭރަށް ފޮނުވައިފި ނަމަ ފިލާފާނެތީ ވަރަށް ކޮންބޮޑުވޭ."

ހަސަން މުހައްމަދު ހަސަން މުހައްމަދު

"އޭނަ ފިލިޔަދީގެން ނުވާނެ އެއްގޮތަކަށް ވެސް. އޭނާއަކީ ސުވާލު ކުރަން ޖެހޭ މީހެއް. އޭނާ ބޭރަށް ފޮނުވައިފި ނަމަ ފިލާފާނެތީ ވަރަށް ކޮންބޮޑުވޭ."

އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގައި ކޮންބޮޑުވުމެއް ވޭތޯ ސުވާލު ކުރުމުން، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ދައްތަ، ފާތިމަތު ޝެހެނާޒް ދެއްވި ޖަވާބެވެ.

މި ރާއްޖޭގައި މިހާތަނަށް ފަޅާއެރި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ އަދި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާގައި 33 އަހަރަށް އަދީބު ޖަލަށް ލިތާ ތިން އަހަރު ވެފައިވާއިރު އޭނާގެ ބޭސްފަރުވާއަށް ބޭރަށް ގެންދަން އާއިލާ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އަދީބުގެ ކިޑުނީގައި ހިލަ އުފެދިގެން ވަނީ އައިޖީއެޗުގައި އެޑްމިޓްކޮށްފަ އެވެ. އާއިލާ އިން ބުނާ ގޮތުގައި އޭނާގެ އެތެރެ ހަށީގައި ސިސްޓެއް ވެސް ވަނީ އުފެދި އެވެ. ލޮލުގެ ފެނުމަށް އަސަރުކުރާ ބައްޔެއް ކަމަށްވާ ގްލޫކޯމާގެ މައްސަލަ ވެސް އެބަ ހުރި ކަމަށް، ބޭރަށް ފޮނުވަން ޖެހޭ ސަބަބުތަކުގެ ތެރޭގައި، އާއިލާ ބުނެ އެވެ.

އެގޮތަށް ވާހަކަ ދައްކަނީ އަދީބުގެ އާއިލާއިން އެކަންޏެއް ނޫނެވެ. ސިޔާސީ ބައެއް ލީޑަރުން ވެސް މެ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވާ ގޮތުގައި ބޭރަށް ގޮސް ބޭސް ފަރުވާ ކުރުމުގެ ފުރުސަތު އަދީބަށް ލިބެން ޖެހެ އެވެ. ކުރީގެ ރަައީސް މުހައްމަދު ނަޝީދު ވެސް ވަނީ އަދީބަށް އެކަށީގެންވާ ފަރުވާ ދިނުމަށް ގޮވާލައްވައިފަ އެވެ.

އެކަށީގެންވާ ބޭސްވަރުވާ ލިބެން ޖެހޭ، އެކަމަކު ފިލަން ފުރުސަތު ދީގެން ނުވާނެ!

އެކަމަކު ރިލްވާންގެ އާއިލާ އާއި އެހެން ބައެއް ފަރާތްތަކުން ދެކެނީ ބޭސް ފަރުވާއަށް ނަމަވެސް އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކުރިން ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގައި ކަންބޮޑުވާ ފަރާތްތަކުގެ އެންމެ ބޮޑު ބިރަކީ އޭނާ ފިއްލަވާފާނެ ކަމުގެ ބިރު އޮތުމެވެ. އެހެންވެއްޖެ ނަމަ ރާއްޖޭގައި ހިންގާފައިވާ އެތައް ޖަރީމާތަކެއްގެ ސިއްރު ވެސް އަދީބާ އެކު ގެއްލޭނެ ކަމަށް އެމީހުން ދެކެ އެވެ.

"ރިލްވާންގެ އާއިލާއަށް ފެންނަނީ ފިލާފާނެ ކަމުގެ ބިރު އޮތް ކަމަށް. ރިލްވާނަށް ވީ ގޮތެއް އަދިވެސް ނޭނގޭ. ދުނިޔޭގައި ހުރި ކަމެއް މަރުވީ ކަމެއް ވެސް ސަރުކާރުން ބުނެދީފައެއް ނުވޭ. މި މައްސަލައިގައި ސުވާލު ކުރަން ޖެހޭ މީހެއް އަދީބަކީ،" ރިލްވާންގެ ދައްތަ، ޝެހެނާޒް ބުންޏެވެ.

ރިލްވާންގެ މަންމަ: ރިލްވާނަށް ފާރަލީ މީހުންގެ ބޭރަށް ފުރުވާލުމުގައި އަދީބުގެ އަތެއްވާ ކަމަށް އާއިލާއިން ދެކޭ -- މިހާރު ފައިލް ފޮޓޯ

ރިލްވާންގެ މަންމަ: ރިލްވާނަށް ފާރަލީ މީހުންގެ ބޭރަށް ފުރުވާލުމުގައި އަދީބުގެ އަތެއްވާ ކަމަށް އާއިލާއިން ދެކޭ -- މިހާރު ފައިލް ފޮޓޯ

އެކަމަކު އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ދޭން ޖެހޭނެކަން ރިލްވާންގެ އާއިލާއިން ވެސް ގަބޫލުކުރެ އެވެ. އަދި މިހާރު އެ ފަރުވާ ސަރުކާރުން އަދީބަށް ފޯރުކޮށްނުދޭ ކަމަށް ވެސް ރިލްވާންގެ އާއިލާއިން ދެކެ އެވެ. އަދި ރާއްޖެއިން ފަރުވާ ނުކުރެވޭ ނަމަ ބޭރަށް ފޮނުވުމުގައި ވެސް ރިލްވާންގެ އާއިލާއިން މައްސަލައެއް ނެތެވެ.

"އެހެން ނަމަވެސް އަދީބަށް ފިލިގެން ނުވާނެ. ބޭސް ފަރުވާ ކުރުމަކީ ކޮންމެ އިންސާނެއްގެ ވެސް ހައްގެއް. އަޅުގަނޑުމެން ވެސް ދެރަވޭ އޭނާއަށް ފަރުވާ ނުކުރާތީ،" ޝެހެނާޒް ބުންޏެވެ.

އަދީބު ފިއްލަވާފާނެ ކަމަށް ރިލްވާންގެ އާއިލާއިން ބިރުގަންނަން ޖެހޭ ސަބަބުތައް ވެސް އެބަ ހުއްޓެވެ. އާއިލާއިން ގަބޫލުކުރާ ގޮތުގައި ރިލްވާން މައްސަލައިގައި އޭނާއަށް ފާރަލުމުގައި އުޅުނު މީހުން ރާއްޖެއިން ބޭރަށް ފޮނުވާލުމުގައި އަދީބުގެ އަތެއްވެ އެވެ. ބޮޑު ކުށަކަށް ތުހުމަތުކުރެވޭ ބަޔަކު ފިލުވުމުގައި އަދީބުގެ ރޯލެއް އޮތް ނަމަ އޭނާ ވެސް ފިއްލެވުން ގާތް ކަމަށް ރިލްވާންގެ އާއިލާއަށް ބުނެ އެވެ.

"އަޅުގަނޑުމެންނަށް މިހާރު ތުހުމަތު ކުރެވެނީ ރިލްވާން މައްސަލައާ ގުޅުން ހުރި ބަޔަކު ރާއްޖެއިން ބޭރަށް ފޮނުވާލުމުގައި އަދީބުގެ އަތެއްވާ ކަމަށް. ކާނަލް މުހައްމަދު ނާޒިމް ބޭރަށް [ދިޔަ ވަގުތު] އަދީބު އިމިގްރޭޝަނާ ހަވާލުވެފައި އެންމެން ފުރުވާލީ ކަމަށް އަޅުގަނޑުމެންނަށް ތުހުމަތުކުރެވޭ. މި ކަންތަކުގައި އަދީބުގެ އަތެއް ވާކަން ހަމަ ޔަގީން،" ޝެހެނާޒް ބުންޏެވެ.

އޭނާ އެ އިޝާރަތްކުރީ ނާޒިމްގެ ދަށުން އިމިގްރޭޝަން ހިންގި އިރު، އޭނާ ރަސްމީ ދަތުރެއްގައި ބޭރަށް ފުރާވަޑައިގަތް ދަނޑިވަޅު ވަގުތީ ގޮތުން އިމިގްރޭޝަން ހިންގުމާ އަދީބު ހަވާލުވެ ހުންނެވި ދުވަސްވަރު ކަންކަން ހިނގި ގޮތަށެވެ. ރިލްވާން ގެއްލުވާލުމުގައި ތުހުމަތުކުރެވޭ ބަޔަކު، އެ ދުވަސްވަރު، ރާއްޖެ އިން ބޭރަށް ދިޔަ ގޮތަކަށް ނާދެ އެވެ. އެމީހުންގެ ޚަބަރެއް ވެސް ނުވެ އެވެ. ޕާސްޕޯޓް ހިފަހައްޓާފައި ތިބި ބަޔަކަށް އެގޮތަށް ދަތުރުކުރެވޭނީ، އިމިގްރޭޝަންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައިގެންނެވެ.

އަދީބު ފިލާފާނެ ކަމަށް ރިލްވާންގެ އާއިލާއަށް ގަބޫލުކުރާ އިރު އަދީބުގެ އާއިލާގެ ހިޔާލު މުޅިން ތަފާތެވެ. އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ އަދީބަކީ ފިއްލަވާނެ ބޭފުޅެއް ނޫންކަން މީގެ ކުރިން އޭނާ ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.

"އަދީބު އެއް ފަހަރު އެ އޮތީ ޕްރޫވް ކޮށްދީފައި އަދީބަކީ ނުފިލާނެ މީހެއްކަން. ޗައިނާއިން އެނބުރި އައިއިރު ހަގީގަތުގައި ކަންތައްތައް މާ ގޯހުން އޮތީ. އެވަގުތު އަދީބަށް ވެސް އެނގޭނެ މާލެ އައިމަ ޖަލަށް ދާން ޖެހޭނެކަން،" ނަޝްވާ ވިދާޅުވި އެވެ.

ނަޝްވާގެ ވާހަކަ ބިނާ އެ ކުރެއްވީ "ފިނިފެންމާ" ލޯންޗުކޮޅު ގޮއްވާލި ހާދިސާއާ ގުޅިގެން އަދީބަށް ތުހުމަތުކުރަމުން ދިޔަ ދުވަސްވަރު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ޒިޔާރަތްކުރައްވައި އަދި އެނބުރި ވަޑައިގަތް ވަޑައިގަތުމަށެވެ. އަދީބު ހައްޔަރުކުރީ އެ ދަތުރަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެކަމަކު އޭރު އަދީބު އެގޮތަށް ކަންތައްކުރެއްވީ، މައުލޫމާތު ހުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި، ރައީސް ޔާމީނަށް ވުރެ އޭނާގެ ބާރު ގަދަކަމަށް ހީކުރެއްވުމުންނެވެ. ފުލުހުންނަށް ބަންދުކުރަން ނުކެރޭނެ ކަމާއި ބަންދުކުރިޔަސް، ކޯޓުން ދޫކޮށްލާނެކަމުގެ "ޔަގީންކަން" އަދީބަށް އޮތީ އެވެ. އެކަމަކު ރައީސް ޔާމީން އެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވި އެވެ. އެމަނިކުފާނު ހުންނެވީ ހުރިހާ ކަމެއް ކޮންޓްރޯލްކުރައްވައިގެންނެވެ. އެހެންކަމުން އެއާޕޯޓުން އަދީބު ޖަލަށް ގެންދިޔަ ގޮތަށް އެ ހުންނެވީ ބަންދުގަ އެވެ.

ނަޝްވާ ވިދާޅުވާ ގޮތުން ބޭސް ފަރުވާއަށް ބޭރަށް ވަޑައިގަތުމަށް އަދީބު އިސްނަންގަވައިގެން އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނުވެ އެވެ. އޭނާ ބޭރަށް ގެންދަން ލަފާ ދީފައި ވަނީ އައިޖީއެމްއެޗާއި އައިކެއާ ކްލިނިކުގެ ޑޮކްޓަރުން ކަަމަށް ނަޝްވާ ވިދާޅުވި އެވެ.

"ރާއްޖެއިން ބޭރަށް ބޭސް ފަރުވާ ކުރަން ދާންވެގެން ވެސް އަދީބު އެދިގެން އެއްވެސް ލިޔުމެއް ޑޮކްޓަރުން ކައިރިން ނުހޯދަން. ޑޮކްޓަރުންނަށް ދެއްކީމަ މާލެއިން ފަރުވާ ދެވެން ނެތުމުން އެބޭފުޅުން ދެއްވާފައި އޮތް ލިޔުމެއް އެއީ. އެހެންވީމަ މިއީ އަދީބު ރާއްޖެއިން ބޭރަށް ދިއުމަށް ކުރާ ކަމެއް ނޫން މިތަނުގައި މި ހިނގަނީ،" ނަޝްވާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތެއް ނުކުރަން އަދީބު ބޭރަށް ގެންދާކަށް ވެސް ކޮންމެހެން. އަދީބުގެ ވިސްނުމެއް ވެސް ނެތް ބޭރަށް ގޮސް ފިލާކަށް. އަދީބު ހަމަ ތަހުގީގަށް އެއްބާރުލުން ވެސް ދޭނެ."

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: އޭނާ ވަނީ އަދީބާއި ސަގަރު ލުތުފީ އެއް ހަމަ ކޮށްފައި -- މިހާރު ފައިލް ފޮޓޯ

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: އޭނާ ވަނީ އަދީބާއި ސަގަރު ލުތުފީ އެއް ހަމަ ކޮށްފައި -- މިހާރު ފައިލް ފޮޓޯ

ބޭރަށް ފޮނުވައިފިއްޔާ އަދީބު ފިލާނެ!

އެކަމަކު ބޭރަށް ގެންގޮސްފި ނަމަ އަދީބު ފިއްލަވާފާނެ ކަމަށް އޭނާގެ ތަހުގީގުގައި ކައިރިން މަސައްކަތްކޮށްފައިވާ ބައެއް ފަރާތްތަކުން ދެކެ އެވެ. އެގޮތުން އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ބޭރަށް ފޮނުވައިފި ނަމަ އަދީބު ފިލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެއްވެސް ހާލެއްގައި އަދީބު ބޭރަށް ފޮނުވައިގެން ނުވާނެ. އަދި ބޭރަށް ފޮނުވައިފިއްޔާ އެ ފޮނުވި ބަޔަކު އެކަމަށް ޒިންމާ ވެސް އުފުލަން ޖެހޭނެ. ސަބަބަކީ އޭނާ ބޭރަށް ފޮނުވައިފިއްޔާ އޭނާ ފިލާނެ،" އުމަރު ވިދާޅުވި އެވެ.

އަދީބު ފިއްލަވާފާނެ ކަމަށް ކުރާ ތުހުމަތުތަކުގައި ބަރުދަން ހުރި ކަމަށް އުމަރު ގަބޫލުކުރައްވަ އެވެ. އަދި ބޭހަށް ފޮނުވުމުން ފިލާފައިވާ ނޮވެމްބަރު 3 ގެ އިސް ޓެރަރިސްޓް އަބްދުﷲ ލުތުފީ ކަންތައް ކުރި ގޮތަށް އަދީވެސް ކަންތައް ކުރައްވަފާނެ ކަމަށް އުމަރު ދެކެވަޑައިގަންނަވަ އެވެ.

"ފިލާފާނެ ކަމަށް ބެލެވެނީ އޭނާގެ އަމަލުތައް ހުރި ގޮތުން. އޭނާއަކީ އޭނާގެ ބާރުވެރިކަން އޮތް ޒަމާނުގައި ވަރަށް ބޮޑެތި ޖަރީމާތައް ހިންގާފައި ހުރި މީހެއް. އޭނާ ފިލުމުގެ ފުރުސަތު ވަރަށް ބޮޑު،" އުމަރު ވިދާޅުވި އެވެ.

"މިކަހަލަ އެންމެން ފިލާފައި ހުރީ. މިސާލަކަށް ލުތުފީ ވެސް ފިލީ."

އުމަރު ވިދާޅުވި ގޮތުގައި އަދީބުގެ މައްޗަށް ކުރަނީ ހަމައެކަނި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތުތައް އެކަންޏެއް ނޫނެވެ. އެއަށް ވުރެ މާ ނުރައްކާތެރި ކަންކަމުގެ ތުހުމަތު ވެސް އަދީބަށް ކުރެވޭ ކަމަށް ވިދާޅުވި އެވެ.

"ރިލްވާން މައްސަލައިގައި އޭނާގެ އާއިލާއިން ކުރާ ތުހުމަތުތަކަކީ އޭގެ މިސާލެއް،" އުމަރު ވިދާޅުވި އެވެ.

އެކަމަކު އަދީބަށް އެކަށީގެންވާ ބޭސް ފަރުވާ ދޭން ޖެހޭނެ ކަމަށް އުމަރު ވެސް ގަބޫލުކުރައްވަ އެވެ. ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނެސްގެން ނަމަވެސް އެފަރުވާ ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ބޭސްފަރުވާ ކުރުމުގެ ނަމުގައި އަދީބު ބޭރަށް ގެންދަން ގޮވާލާ މީހުން އެ މަސައްކަތް ކުރަނީ، އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި، އަދީބު ފިލުވުމަށެވެ.

"އޮތޮރައިޒް މެޑިކަލް ފޯ އަދީބޭ ކިޔައިގެން މިއުޅޭ ހުރިހާ ބޭފުޅުންނަށް ވެސް ޔަގީންވާނެ އެ އޮތަރައިޒް ކުރަނީ މެޑިކަލެއް ނޫން ކަން، އޮތަރައިޒް ކުރަނީ ގެޓްއަވޭއެއްކަން،" އުމަރު ވިދާޅުވި އެވެ.