Roadha Mihaaru
ރިލްވާންގެ މައްސަލަ ނުބަލާކަށް ޔާމީން ނާންގަވާ: އުމަރު

ރިލްވާންގެ މައްސަލަ ނުބަލާކަށް ޔާމީން ނާންގަވާ: އުމަރު

04 އޯގަސްޓް 2021

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ ނުބަލަން އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ނާންގަވާ ކަމަށް އެ ހާދިސާ ހިނގިއިރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ ނުބަލަން އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ނާންގަވާ ކަމަށް އެ ހާދިސާ ހިނގިއިރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ އޭރުގެ މިނިސްޓަރުން ހިމެނޭ ވައިބާ ގްރޫޕެއްގައި ދެއްކެވި ބައެއް ވާހަކަތަކުގެ ތެރެއިން ރިލްވާންގެ މައްސަލަ ނުބަލަން ޔާމީން އުމަރަށް އެންގެވި ކަމަށް ބުނާ މެސެޖާ ގުޅިގެންނެވެ.

ޔާމީނާއި ބައެއް މިނިސްޓަރުންގެ ދެމެދު ރިލްވާނާ ގުޅޭ ގޮތުން ދެކެވުނު ވާހަކަތަކެއް ކަމަށް ބުނެ އާންމުވެފައިވާ އެ ޗެޓްލޮގްތަކުގައި އުމަރު ވަނީ ރިލްވާންގެ މައްސަލައަކީ އެންމެ ބޮޑު އިސްކަމެއް ދީގެން ހިންގާ ތަހުގީގު ކަމަށާއި އޭނާ ހޯދަން ފުލުހުން ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖަވާބުގައި ޔާމީން އުމަރަށް ވިދާޅުވީ ރިލްވާންގެ ކޭސްއާ އެހާ ވަރަކަށް ނޫޅުމަށެވެ.

އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިލްވާންގެ މައްސަލަ ނުބެލުމަށް ނުވަތަ ތަހުގީގު ހުއްޓާލުމަށް ޔާމީން ދުވަހަކު ވެސް ވިދާޅުވެފައި ނުވާ ކަމަށެވެ. ނަމަވެސް އެއީ ޔާމީންއާ ދެމެދު ނުދެކެވޭ ވާހަކައެއް ކަމެއް އުމަރު ވިދާޅެއް ނުވެ އެވެ.

"މިއީ ކަނޑައެޅިގެން، އޯވަވެލްމްގެ މާނަ އޮޅޭ ގޮތަށް ލިޔެފައިވާ ހަބަރެއް،" ޔާމީން ބޭނުންކުރެއްވި ބަސް ކަމަށްވާ 'އޯވަވެލްމް' އަށް އިޝާރާތްކުރައްވައި އުމަރު ވިދާޅުވި އެވެ.

އޮގަސްޓު 8، 2014 ވަނަ ދުވަހުގެ ރޭ ރިލްވާން މާލެ އިން ހުޅުމާލެ އަށް ގޮސް އޭނާ ދިރިއުޅުނު ގެއަށް ދަނިކޮށް، ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔަ ގޮތަށް އޭނާ ނުފެނެ އެވެ.

އެކަމާ ގުޅޭ ގޮތުން މި ސަރުކާރުން އެކުލަވައިލި މަރު ކޮމިޝަނުން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން ރިލްވާން ކާރަށް އަރުވައިގެން ގެންގޮސް، ދޯންޏެއްގައި ގެންދިޔައީ ކަނޑުމައްޗަށެވެ. އަދި ކަނޑުމަތީގައި މަރާލައި އޭނާ ކަނޑު ފެއްތީ ކަމަށް އެ ރިޕޯޓުގައި ތުހުމަތު ކުރެ އެވެ.

ރިލްވާން ގެއްލުވައިލި މައްސަލައިގައި ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރި އެވެ. އޭގެ ތެރެއިން ސުއައިދު ސީރިއާގެ ހަނގުމައިގައި މަރުވެފައިވާ ކަމަށް ބުނާ އިރު، ދެން ތިބި ދެ މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމަށް އިއްޔެ މަރު ކޮމިޝަނުން ޔާމީން ހާޒިރު ކުރި އެވެ. ނަމަވެސް އެ މަނިކުފާނު ހަނު ހުންނަވައި އެއްވެސް މައުލޫމާތެއް ނުދެއްވި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.