Roadha Mihaaru
ޖޭއެސްސީގައި އަދާ ކުރީ އަމާނާތްތެރި މަސައްކަތެއް: ރިޒާ

ސަބަބުތަކާ މެދު ހިނި އަދޭ، އަދާކުރީ އަމާނާތްތެރި މަސައްކަތެއް: ރިޒާ

12 ނޮވެމްބަރ 2018

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު ކަމުން ވަކި ކުރަން މަޖިލީހަށް ހުށަހެޅި ސަބަބުތަކާ މެދު ހިނި އަންނަ ކަމަށާއި މެމްބަރަކަށް ހުންނަވައިގެން އަދާކުރެއްވީ އަމާނާތްތެރި މަސައްކަތެއް ކަމަށް، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު ކަމުން ވަކި ކުރަން މަޖިލީހަށް ހުށަހެޅި ސަބަބުތަކާ މެދު ހިނި އަންނަ ކަމަށާއި މެމްބަރަކަށް ހުންނަވައިގެން އަދާކުރެއްވީ އަމާނާތްތެރި މަސައްކަތެއް ކަމަށް، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގައި މަޖިލިސް ތަމްސީލް ކުރައްވާ ރިޒާ އެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ މަގާމުން ވަކި ކުރަން އުޅެނީ އަދާކުރައްވަން ޖެހޭ ޒިންމާ އަދާނުކުރައްވައިގެން ނޫން ކަމަށެވެ. ކޮމިޝަންގެ މެމްބަރަކަށް ހުންނަވައި، ކުރުން އެކަށީގެން ނުވާ ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ރިޒާ ވިދާޅުވި އެވެ.

ރިޒާ ވިދާޅުވި ގޮތުގައި ޖޭއެސްސީގެ މެމްބަރު ކަމުން ވަކި ކުރަން ޖެހޭ ކަމަށް ބުނެ، ދައްކަނީ އެއްވެސް އަސްލެއް އަދި ގާނޫނީ އަސާސެއް ނެތް ރޯ ބުހުތާނު ދޮގު ވާހަކަތަކެކެވެ. މެމްބަރަކަށް ހުންނަވައި އިހުމާލެއް ނުވަތަ ގާނޫނާ ހިލާފު އަމަލެއް ހިންގަވާފައި ނުވާނެ ކަމަށް ރިޒާ ވިދާޅުވި އެވެ.

"ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުރެގެން، އިހްލާސްތެރިކަމާއެކު މަސްއޫލިއްޔަތު މި ދަނީ އަދާކުރަމުން. މިއިން އެއްވެސް މަސްއޫލިއްޔަތަކަށް ފަރުވާ ކުޑަކޮށްފައެއް ނުވާނެ. ޖޭއެސްސީގެ މެމްބަރެއްގެ ހައިސިއްޔަތުން ހަވާލު ކުރި އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާފައެއް ނުވާނެ،" ރިޒާ ވިދާޅުވި އެވެ.

ރިޒާ ވިދާޅުވީ، ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހޭދަ ކުރެއްވި ހަތަރު އަހަރުގެ ތެރޭގައި ޖޭއެސްސީން ބަލާފައިވާ އެއްވެސް މައްސަލައަކަށް ނުފޫޒެއް ފޯރުވައި، މަގާމުގެ ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށް ވެސް އެއްވެސް ފަރާތަކުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށެވެ.

މަޖިލީހުގެ މެމްބަރު ކަމަށް ވަޑައިގަތުމުގެ ކުރިން، ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކަން ފާހަގަ ކުރައްވައި ރިޒާ ވަނީ ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އަމިއްލަ ފަރާތްތަކަށް ވަކާލާތު ކޮށްދިނުމަށް ކޯޓަށް ވަޑައިގެން މަސައްކަތް ކުރަމުން ދިއުމަކީ، ސުލޫކީ ގޮތުން ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެ މައްސަަލައިގައި ބުނެފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރިޒާ ވިދާޅުވީ، ޖޭއެސްސީގައި ހުންނަވައިގެން ކޯޓުތަކަށް ވަކާލާތު ކުރަން ދިއުމަކީ ސުލޫކީ ގޮތުން ދަށު ދަރަޖައިގެ ކަމެއް ކަމަށް އެއްވެސް ގާނޫނެއްގައި އަދި ގަވާއިދެއްގައި ވެސް ލިޔެފައިނުވާ ކަމަށެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޒިމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ އާދަޔާ ހިލާފު އަދަދުތަކުން ލީގަލް ފީތައް ރިޒާ ނަންގަވަމުން ގެންދަވާ ކަމަށެވެ. އަދި ގާނޫނުއަސާސީން ލާޒިމް ކުރާ މަސްއޫލިއްޔަތުތައް ރިޒާ އަދާ ނުކުރައްވާ ކަމަށް ވެސް އެ މައްސަލައިގައިވެ އެވެ.

ހާއްސަ ގޮތެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މައްސަލައެއްގައި ފީގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނެ މިއީ ކޮރަޕްޝަން އެކުލެވޭ ކަމެއް ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

އެކަމަކު، ރިޒާ ވިދާޅުވީ އެ ކުންފުނީގެ ދިފާއުގައި ވަކާލާތުކޮށް 42 މިލިއަން ރުފިޔާ ދޭން ނުޖެހޭ ކަމަށް ކޯޓުން ނިންމައި، ކުންފުނި ސަލާމަތްކޮށް ދީފައިވާނެ ކަމަށެވެ.

ޖޭއެސްސީގެ މެމްބަރު ކަމުން ވަކި ކުރަން ޖެހޭ ސަބަބަކީ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާއި ކަންބޮޑުވުންތަކާ ބެހޭ ގޮތުން މަޖިލީހަށް ލަފާ ނުދިނުން ކަމަށް ބުނާ އިރު، މަޖިލީހަށް ލަފައެއް ނުދީގެން އުޅެނީ ކޮން މައްސަލައެއްގައި ކަން ފާހަގަކޮށްފައި ނެތް ކަމަށް ރިޒާ ވިދާޅުވި އެވެ.

ރިޒާގެ ވާހަކަ މިއަދު ފެއްޓެވީ ޖޭއެސްސީގެ މެމްބަރު ކަމުން އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމް އަލީ ވަކި ކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ މެމްބަރުންގެ ސަމާލު ކަމަށް ގެންނަވަމުންނެވެ. ރިޒާ ވިދާޅުވި ގޮތުގައި އަފްރާޝީމްގެ މައްޗަށް ކުރީ އެއްވެސް އަސާސެއް ނެތް، ތާކުންތާކު ނުޖެހޭ ތުހުމަތުތަކެކެވެ.