Roadha Mihaaru
އިންތިހާބަށް ސަރުކާރުން ދަނީ ނުފޫޒު ފޯރުވަމުން: އަދުރޭ

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން: ސަރުކާރުގެ ނުފޫޒު އިންތިހާ އަށް ބޮޑުކަމުގެ ތުހުމަތު!

05 އެޕްރީލް 2023

މި މަހުގެ 15 އިގައި ބާއްވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމުން ރޭ ތުހުމަތު ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި މަހުގެ 15 އިގައި ބާއްވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމުން ރޭ ތުހުމަތު ކޮށްފި އެވެ.

ޕީޕީއެމުން މާފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެކޭ އެއްގޮތަށް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ވެސް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

"މި ސަރުކާރަކީ ނުފޫޒު ފޯރުވުމުގައި ދިވެހ ރާއްޖޭގެ ތާރީހުގައި ލިޔެވިފައި އޮތް ސަރުކާރެއް. މި އިންތިހާބުގައި ވެސް ނުފޫޒުގެ ބޭނުން ދަނީ އިންތިހާ އަށް ކުރަމުން. އެގޮތުން މާފުށިން ގޯތި ދޫކުރުން، ގުޅީ ބިން ހިއްކުން، އެހެން ގޮސް ކުރެވުނު ހުރިހާ ކަމެއް ކުރާނެ،" އިދިކޮޅު ޕީޕީއެމް ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ މައްސަލަތައް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރު ވެސް ބައެއް މައްސަލަތައް އޭސީސީ އަށާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާފުށީގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާއި އިދިކޮޅުގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން --- ފޮޓޯ: ޕީޕީއެމް

މާފުށީގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާއި އިދިކޮޅުގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން --- ފޮޓޯ: ޕީޕީއެމް

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުން ގުރައިދު އާއި މާފުއްޓާއި ގުޅި އަށް އަމާޒުކޮށް ކުއްލި ގޮތަކަށް އެކިއެކި މަޝްރޫއުތަކެއް ވަނީ ފަށައިފަ އެވެ. އަދި މާފުށިން ގޯތި ދޫކުރުން ފަދަ ކަންކަމަށް ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ކާމިޔާބުކުރި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ވެސް އެ ދާއިރާ އަށް ބޮޑެތި ވައުދުތައް ވެ، ބައެއް މަޝްރޫއުތައް މި ސަރުކާރުން އިއުލާންކުރި އެވެ. އެތައް ބައެއްގެ ފާޑުކިޔުން އެ ކަންކަމަށް އަމާޒު ވިޔަސް ސަރުކާރުން އަޅައެއް ނުލި އެވެ. އެހެންވެ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީ ނެގީ ސަރުކާރުގެ ބާރާއި ނުފޫޒުގެ ތެރެއިން ކަމަށް އަބަދުވެސް ތުހުމަތު ކުރެ އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްގެ އިތުރުން އެމްޑީޕީ އާއި އެމްއެންޕީން ވެސް ވާދަކުރެ އެވެ.