Roadha Mihaaru
އިދިކޮޅުގެ ނުރުހުން ރިޒާއަށް، ޕީޕީއެމް ދިފާއުގައި

އިދިކޮޅުގެ ނުރުހުން ރިޒާއަށް، ޕީޕީއެމް މެމްބަރުން އޭނާގެ ދިފާއުގައި

12 ނޮވެމްބަރ 2018

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަށް އިދިކޮޅު ގިނަ މެމްބަރުންތަކެއް ފާޑު ވިދާޅުވި އިރު، ޕީޕީއެމްގެ ބައެއް މެމްބަރުން އޭނާގެ ދިފާއުގައި މިއަދު ވާހަކަ ދައްކަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަށް އިދިކޮޅު ގިނަ މެމްބަރުންތަކެއް ފާޑު ވިދާޅުވި އިރު، ޕީޕީއެމްގެ ބައެއް މެމްބަރުން އޭނާގެ ދިފާއުގައި މިއަދު ވާހަކަ ދައްކަވައިފި އެވެ.

ޖޭއެސްސީގައި މަޖިލިސް ތަމްސީލްކުރައްވާ ރިޒާ އެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ މެމްބަރު މުހައްމަދު ނާޒިމެވެ. ރިޒާ ވަކިކުރަން ހުށަހެޅި މައްސަލައިގައި ކުރި ބަހުސް ނިންމާލި އިރު، މިއަދު މެންދުރު ފަހު 1:30 ގައި ވޯޓަށް އަހާނެ އެވެ.

ނާޒިމް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވައި ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ޖޭއެސްސީއަކީ ޝަރުއީ ނިޒާމުގެ މައި ތަނބު ކަމަށްވާ އިރު، ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން ހިންގުމުގައި ބައިވެރިވެވަޑައިގެންނެވި އެއް މެމްބަރަކީ ރިޒާ ކަމަށެވެ.

އެގޮތުން ޝަރުއީ ނިޒާމުގެ ތެރެއަށް "އަތް ބާނައިގެން" ހުރިހާ ކަމެއް ކުރިއަށް ދިޔައީ ރިޒާގެ އެއްބާރުލުމާ އެކު ކަމަށް ވިދާޅުވެ، ގަފޫރު ވަނީ ރިޒާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ރިޒާ މަސައްކަތް ކުރެއްވީ "ބާތިލް ހުކުމްތަކެއް" ކުރެއްވުމުގެ ފަހަތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާއެއްގައި. ފޮޓޯ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާއެއްގައި. ފޮޓޯ މަޖިލިސް

"އަޅުގަނޑުމެން ގައުމުގައި އިންސާފު ގާއިމު ކުރަން މަސައްކަތް މި ކުރަނީ. އަނިޔާ ދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވެން ޖެހޭނެ،" ގަފޫރު ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ ކޯޓުތަކަކީ ސިޔާސީ ބޭފުޅުންނަށް "އަނިޔާ" ދޭން ހުރި ތަނަކަށް ބަދަލުވި ކަމަށެވެ. ބޭއިންސާފުން ހުކުމް ކުރުމުގައި ކޯޓުތަކަކީ "އަރާހުރި" ތަނެއްގެ ގޮތުގައި ފާހަގަކުރެވުނު ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖޭއެސްސީގެ ތެރޭގައި އެތައް ކަމެއް ގޯހުން ގޯހަށް ދިޔަ އިރު، ރިޒާ އެއްވެސް އެއްޗެއް ވިދާޅުނުވެ، އިންނަވާފައި މިއަދު ވަރަށް ރަނގަޅަށް އެތަނުގައި މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވީމަ، އިދިކޮޅު ފަރާތްތަކަށް ގަބޫލުނުކުރެވޭނެ ކަމަށެވެ.

"އެތައް ބައިވަރު ޖިނާއީ ކުށްތަކެއް ކުރާ މީހުން މަގުމަތީގައި މިނިވަންކަމާ އެކު އުޅެމުން ދިޔައިރު، ހިޔާލު ފާޅުކުރާ މީހުން ޖަލުގެ ކުޑަގޮޅީގައި ހޭދަ ކުރަމުން ދިޔައީ،" ރޮޒެއިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޝަރުއީ ނިޒާމު ރަނގަޅު ކުރަން ޖެހޭ ކަމަށް ގަބޫލުނުކުރާ، ޖޭއެސްސީއަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ގަބޫލުނުކުރާ މީހަކު ނުހުންނާނެ އެވެ. އެހެންވެ، ރިޒާ ވަކިކުރަން ހުށަހެޅި މައްސަލައަކީ އިންސާފުގެ ދާއިރާ ރަނގަޅު ކުރަން އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށާއި ޖޭއެސްސީ "ދޮވެ ސާފު ކުރަން" ޖެހެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ ރިޒާއަކީ މިހާރު ތިއްބެވި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީގައި މަސައްކަތް ކުރައްވަން ވަރަށް އެކަށީގެންވާ، އިހްލާސްތެރި، ކުޅަދާނަ، ތެދުވެރި، އަމާނާތްތެރި ބޭފުޅެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖޭއެސްސީގެ މެމްބަރު ކަމުން ރިޒާ ވަކިކުރަން މަޖިލީހަށް ހުށަހެޅީ ސިޔާސީ ކުލަ ޖެހިގެންނެވެ. ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން، ރިޒާ އަށް މަސްއޫލިއްޔަތު އަދާނުކުރެއްވޭ ކަމަށް ބުނެ، މިހާތަނަށް އެއްވެސް ނޯޓިހެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މަޖިލީހުގައި ސުވާލު ކުރެވިފައެއް ނެތް. އެހެންވެއްޖެ ނަމަ، އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ، އިންސާފާއި ހަމަހަމަކަމުގެ ތެރެއިން މަސައްކަތް ކުރައްވާ ބޭފުޅުންތަކެއް މަޖިލީހަށް މިފަދަ ގަރާރެއް ހުށަހަޅާނެ ކަމަށް. މިއަށް ވުރެ މާ މުހިންމު ކަންކަން، ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އެބަހުރި،" ފަލާހް ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކުރަން ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ރިޒާ އަށް ކުރެއްވި ތުހުމަތުތަކުން، އޭނާ ބަރީއަވެވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ، މެމްބަރުން "ޖަޒުބާތެއްގައި" ޖެހިވަޑައިނުގަތުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އެކަމަކު މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވިދާޅުވީ ސިޔާސީ ބައެއް ބޭފުޅުން ބަންދު ކުރުމަށް ރިޒާ ވަރަށް ބޮޑަށް ބާރު އެޅުއްވި ކަމަށެވެ. އެހެންވެ، ޖޭއެސްސީގެ މެމްބަރު ކަމުން ރިޒާ ވަކި ކުރުމަކީ މިހާރު ވެސް ލަސްވެފައި އޮތް ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންނަވަމުން ރިޒާ ވިދާޅުވީ މަގާމުން ވަކިކުރަން އުޅެނީ އަދާކުރައްވަން ޖެހޭ ޒިންމާ އަދާނުކުރައްވައިގެން ނޫން ކަމަށެވެ. މެމްބަރަކަށް ހުންނަވައިގެން އަދާކުރެއްވީ އަމާނާތްތެރި މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.