Roadha Mihaaru
ޖޭއެސްސީ ބަދަލުކުރަން މި ފަހަރު ވެސް ފާހެއް ނުވި!

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ތޯރިގް ހުށަހެޅި ބިލް ދެވަނަ ފަހަރަށް ބޭރުކޮށްލައިފި

22 ފެބުރުއަރީ 2022

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ނުވެ، އަނެއްކާވެސް ބޭރުކޮށްލައިފި އެވެ. މިއީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ތޯރިގު ހުށަހެޅުއްވި ދެވަނަ ފަހަރެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ނުވެ، އަނެއްކާވެސް ބޭރުކޮށްލައިފި އެވެ. މިއީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ތޯރިގު ހުށަހެޅުއްވި ދެވަނަ ފަހަރެވެ.

އިދިކޮޅު ޕީޕީއެމްގެ މެންބަރު ތޯރިގު ހުށަހެޅުއްވި މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް މިއަދުގެ ޖަލްސާގައި ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. އަދި 46 މެންބަރުން ވޯޓު ދެއްވީ އެ އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަނީ މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ކަމަށް ވާއިރު، ތޯރިގްގެ އިސްލާހު ބޭރުކޮށްލީ އެ ޕާޓީގެ މެމްބަރުންގެ ވޯޓުންނެވެ.

ނަމަވެސް އެމްޑީޕީން ވެރިކަމަށް އައީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ކަމުގެ ވައުދާއެކު އެވެ.

ޖޭއެސްސީ ބަދަލުކުރާ ބިލް ބަލައިގަންނަން ވޯޓު ދެއްވި މެމްބަރުން:

1- މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް.

2- އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް.

3- ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން.

4- މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް.

5- ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް.

6- ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް.

7- ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން

8- މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު.

9- ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް.

10- ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް.

11- ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް.

ތޯރިގު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ޖޭއެސްސީގައި އެއްވެސް ސިޔާސީ މީހަކު ނުހިމެނޭނެ އެވެ. އެ ކޮމިޝަންގައި ތިބޭނީ ރިޓަޔާ ކޮށްފައިވާ ފަނޑިޔާރަކާއި އިންތިހާބުކުރާ ދެ ވަކީލުންނާއި ޔުނިވާސިޓީތަކުގައި ޝަރީއަތް ކިޔަވައިދޭ ބޭފުޅަކާއި ގާނޫނު ކިޔަވައިދޭ ބޭފުޅަކާއި ތައުލީމީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރެކެވެ. އަދި ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ދާއިރާއަކުން މަތީ ތައުލީމް ހޯދާފައިވާ ބޭފުޅެއް ހިމަނަން ވެސް އޭނާ ހުށަހެޅުއްވި އެވެ.

ޖޭއެސްސީގެ ދައުރު ތިން އަހަރަށް ބަދަލު ކުރުމާއި އެ ކޮމިޝަންގެ އެއްވެސް މެންބަރަކަށް ދެވަނަ ފަހަރަށް އެ މަގާމު އަދާނުކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރުމަކީ ވެސް ތޯރިގްގެ ހުށަހެޅުމުގައި ވާ ބައެކެވެ.

އެ މައްސަލަ އަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުން އެ އިސްލާހަށް ތާއީދެއް ނުކުރެ އެވެ. ޖޭއެސްސީން ސިޔާސީ މީހުން ބޭރު ކުރުމަށް އެ މެންބަރުން ދެކޮޅެވެ. އަދި އެ ކޮމިޝަންގައި މަޖިލިސް މެންބަރުންނާއި ކޮންމެވެސް މިންވަރަކަށް ސިޔާސީ ބާރުވެރިކަން އޮންނަން ޖެހޭ ކަމަށް އެމްޑީޕީން ގަބޫލު ކުރެ އެވެ. އަދި އެ ކޮމިޝަންގައި ފަނޑިޔާރުންނާއި ވަކީލުން ތިބެގެން ނުވާނެ ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ޖެހޭނީ ވަރަށް ބޮޑަށް ދިރާސާކޮށް އެންމެންގެ މަޝްވަރާއާ އެކުގައި ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ. އަދި މިއީ އެ މަސައްކަތް ކުރަން ރަނގަޅު ވަގުތު ނޫން ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.

އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވި ޕީޕީއެމްގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނިޔަތެއް އެމްޑީޕީ އާއި މި ސަރުކާރުގެ ނެތެވެ. ޖޭއެސްސީން ސިޔާސީ މީހުން ބޭރު ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށް ވާއިރު ކޮމިޓީ މަރުހަލާގައި ބައެއް އިސްލާހުތައް ގެނެސްގެން ވެސް އެކަން މިހާރުން މިހާރަށް ކުރެވިދާނެ ކަމަށް ޕީޕީއެމްގެ މެންބަރުން ވިދާޅުވި އެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެން ވާނީ 10 މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެންބަރަކާއި ސުޕްރީމް ކޯޓާއި ހައި ކޯޓުން އަދި ދަށު ކޯޓަކުން ފަނޑިޔާރަކާއި އާންމު މެންބަރަކާއި ގާނޫނީ ވަކީލެއް އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނައިބު އަދި ރައިސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއް ހިމެނެ އެވެ.

އެ މައްސަލާގައި ސަރުކާރުން މީގެ ކުރިން ބުނި ގޮތުގައި މި ދައުރު ނިމުމުގެ ކުރިން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރާނެ އެވެ.