14 ނޮވެމްބަރ 2018
އަބުރުގެ ގާނޫނަށް ކުރިމަތިވި ފާޑުކިއުން އެހާމެ ބޮޑެވެ. އަދި އެ ގާނޫނު ފާސްކުރަން މިހާރުގެ ސަރުކާރުން ކުރި މަސައްކަތް ވެސް އެހާމެ ބޮޑެވެ. އެ ގާނޫނުގެ ތެރެއަށް މީޑިއާތައް ފައްތާލެވި، މިލިއަނުން ކުރެވޭ ޖޫރިމަނާތަކާއި ޖަލު ހުކުމްތަކަކީ އެ ގާނޫނުގެ ނުރައްކާ މީޑިއާތަކަށް އަމާޒުވި ހިސާބެވެ.
އަބުރުގެ ގާނޫނަށް ކުރިމަތިވި ފާޑުކިއުން އެހާމެ ބޮޑެވެ. އަދި އެ ގާނޫނު ފާސްކުރަން މިހާރުގެ ސަރުކާރުން ކުރި މަސައްކަތް ވެސް އެހާމެ ބޮޑެވެ. އެ ގާނޫނުގެ ތެރެއަށް މީޑިއާތައް ފައްތާލެވި، މިލިއަނުން ކުރެވޭ ޖޫރިމަނާތަކާއި ޖަލު ހުކުމްތަކަކީ އެ ގާނޫނުގެ ނުރައްކާ މީޑިއާތަކަށް އަމާޒުވި ހިސާބެވެ.
އޭގެ ދެ އަހަރު ފަހުން އެ ގާނޫނު އުވާލަން އެ ވަނީ ހުށައަޅާފަ އެވެ. އަދި އެ ގާނޫނު އުވާލުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވައުދަކަށް ވުމުން، އެގޮތަށް އެކަން މިހާރުގެ މަޖިލިހުން ހިނގާނެ އެވެ.
އަބުރުގެ ގާނޫނު އުވާލާނީތޯ ނުވަތަ އިސްލާހު ކުރާނީތޯ މިއީ ބައެއް މީހުންގެ މެދުގައި ޚިޔާލު ތަފާތު އޮތް ކަމެކެވެ. އެކަމަކު އެ ގާނޫނުގައި ހުރި މައްސަލަތައް ބައިވަރެވެ. އޭރު ވެސް ނޫސްވެރިންނާއި އިދިކޮޅު ޕާޓީތަކުން އެކަންކަން ފާހަގަކުރަމުން ދިޔަސް، ބާރު ސްޕީޑްގައި ގާނޫނު މަޖިލީހުން ފާސްކުރީ ހުރިހާ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު އެވެ.
އެންމެ ބޮޑު މައްސަލައަކީ އެ ގާނޫނުގައި އަބުރާ ބެހުން މާނަކުރާ ފުޅާ މިންވަރުގެ ސަބަބުން އޮތް ނުރައްކަލެވެ. ބުނާ ބަހެއް ނުވަތަ ދައްކާ ވާހަކަ އެކަންޏެއް ނޫނެވެ. ކުރަހާ ކުރެހުމަކުން ނުވަތަ ކުރެވޭ އިޝާރާތަކުން އެހެން މީހަކަށް ކުރެވޭ ދޭހައެއް ނުވަތަ ވިސްނޭ ވިސްނުމެއް ނުވަތަ ކުރެވޭ އިހްސާސްއަކާ ހިސާބުން ވެސް އެއީ އަބުރާ ބެހުނީ ކަމަށް އެ ގާނޫނުގެ ދަށުން ބެލިދާނެ އެވެ. މިހާ ފުޅާކޮށް އެ ގާނޫނުގައި އެކަން އޮތުމުގެ ނަތީޖާއަކަށް ވަނީ ނުބައި ނިޔަތެއް ނެތި، ބުނެވޭ ބަހެއް ނުވަތަ ކުރެވޭ އިޝާރާތެއް ވެސް އެއީ އަބުރާ ބެހުން ކަމަށް ބަލައިގެން އެ ގާނޫނުގެ ތެރެއަށް ފައްތާލެވުމެވެ.
އެ ގާނޫނު ވުޖޫދަށް ގެނައީ އަބުރު ކަތިލުމާއި ހަގީގަތާ ޚިލާފް ވާހަކަތައް ހުއްޓުވުމުގެ މަގްސަދުގައި ކަމަށް ބުންޏަސް، އެ ގާނޫނު އަމާޒު ކޮށްފައި އޮތީ ނޫސްވެރިކަމަށެވެ. އެ ގާނޫނު ވުޖޫދަށް އައިސްގެން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ރާއްޖެ ޓީވީ އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާކުރި އެވެ.
އެ ގާނޫނު އޮތް ގޮތުން، ޓީވީ ޕްރޮގްރާމްތަކުގައި ނުވަތަ ޓީވީ ސްޓޭޝަނަކުން ވަގުތުން ގެނެސްދޭ ލައިވް އިވެންޓެއްގައި މީހަކު ދައްކާ ވާހަކައަކުން ވެސް އެންމެ ބޮޑު ނުރައްކަލެއް އޮންނަނީ އެ އެއްޗެއް ގެނެސްދޭ މީޑިއާއަކަށެވެ. އެފަދަ ހާލަތްތަކުގައި އަބުރާ ބެހޭ ފަދަ ވާހަކައެއް ދައްކާ މީހާއަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެންމެ ފުރަތަމަ ޖޫރިމަނާ އަންނަނީ ވެސް މީޑިއާއަށެވެ. އެއީ މީހަކު މައްސަލަ ހުށަނޭޅިޔަސް، މީޑިއާ ރެގިއުލޭޓްކުރާ ފަރާތްތަކުގެ އިސްނެގުމުގައި ވެސް ބެލޭ ފަދަ މައްސަލަތަކެވެ. މިއީ އަބުރުގެ ގާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރިއިރު ވެސް ނޫސްވެރިން އެންމެ ބޮޑަށް ފާހަގަކުރި އެއް މައްސަލަ އެވެ.
އަބުރުގެ ގާނޫނާ އެކު، އަބުރާ ބެހުމުގެ ސަގާފަތް ހުއްޓުމަށް އަންނާނެ ކަމަށް ބުނެ އޭރު ސަރުކާރަށް ތާއީދުކުރާ މެމްބަރުން ދެއްކި އެންމެ ވަރުގަދަ ހުއްޖަތަކީ އެ ގާނޫނުގައި އޭރު ހުރި ބޮޑެތި ޖޫރިމަނާގެ އަދަދުތަކެވެ. އެހެންވެ، އަބުރު ގެއްލޭ މީހަކަށް އެކަށީގެންވާ ބަދަލުތަކެއް އެ ގާނޫނާ އެކު ލިބިގެންދާނެ ކަމަށް ގިނަ ބަޔަކަށް އުއްމީދު ކުރެވުނެވެ. އެކަން އޮތީ އެހެން ނޫން ކަން ގިނަ މީހުންނަށް އެނގުނީ ވެސް އެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުންނެވެ. ދެ އަހަރުގެ ތަޖުރިބާ އިން އެކަން ފެނިއްޖެ އެވެ.
އެ ގާނޫނު އޮތް ގޮތުން މީހެއްގެ އަބުރާ ބެހިގެން މީޑިއާތަކާ މެދު ކުރެވޭ ޖޫރިމަނާތަކަކީ ދައުލަތަށް ލިބޭ އެއްޗެކެވެ. އަބުރު ގެއްލޭ މީހާ އަށް އޮތް ގޮތަކީ އަބުރުގެ ބަދަލު ހޯދަން އަމިއްލަ އަށް ވަކި މަދަނީ ދައުވާއެއް ކުރުމެވެ. އެހެންކަމުން މުޅި ގާނޫނަކީ ވެސް ސިޔާސީ ބޭނުމެއްގައި މިހާރުގެ ސަރުކާރުން އެކުލަވާލި އެއްޗެއްކަން އެނގެ އެވެ.
ދެން އޮތީ ޖޫރިމަނާތައް ދެއްކުމުގައި މީޑިއާތަކަށް އޮތް ހަރުކަށި އުސޫލެވެ. އަބުރާ ބެހޭ އެއްޗެއް ގެނެސްދިން ކަމަށް ބުނެ ނޫސްވެރިއެއް ނުވަތަ މީޑިއާއެއް ޖޫރިމަނާ ކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނުވަތަ މީޑިއާ ކައުންސިލުން ނިންމައިފި ނަމަ، އެ ނިންމުމެއް އިސްތިއުނާފް ކުރަން ޝަރީއަތަށް ދެވެނީ ވެސް ޖޫރިމަނާ ދެއްކުމަށް ފަހު އެވެ. ކިތަންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރިޔަސް، އެ ނޫން ގޮތެއް ނެތެވެ. އަނެއްކޮޅުން، އެކަމަށް ދެވޭ މުއްދަތުގައި ޖޫރިމަނާ ނުދައްކައިފި ނަމަ، އެ މީޑިއާއެއްގެ ލައިސަންސް ސަސްޕެންޑް ނުވަތަ ބާތިލް ކުރަން ޖެހެ އެވެ. ޖޫރިމަނާގެ ފައިސާ ނުދެއްކީ ނޫސްވެރިއެއް ކަމަށްވާ ނަމަ، އެ ހިސާބުން އެ އުފަންވީ ޖިނާއީ މައްސަލައެކެވެ. އޭރުން ކުރިމަތިވާނީ ތިން މަހާއި ހަ މަހާ ދެމެދުގެ ޖަލު ހުކުމެކެވެ.
މިއީ ރާއްޖޭގެ ކޯޓުތަކުގައި އެތައް މިލިއަން ރުފިޔާއެއްގެ ދަރަނިތައް ސާބިތުވާ ހާލަތުގައި ވެސް އޮންނަ އުސޫލަށް ވުރެ ހަރުކަށި އުސޫލެކެވެ. ދަރަންޏެއް ސާބިތުވާ ކަމަށް ކޯޓަކުން ހުކުމް ކުރިޔަސް، އެ ދަރަނި ނުދައްކާ ވެސް އިސްތިއުނާފް މަރުހަލާތަކަށް ދާން ހުރަހެއް ނޯވެ އެވެ. އަދި އިސްތިއުނާފް ނިމެންދެން އެ ދަރަނި ދެއްކުން މަޑުޖައްސާލުމުގެ ފުރުސަތު ވެސް އޮވެ އެވެ. އެކަމަކު އަބުރުގެ ގާނޫނުގައި މީޑިއާތަކާއި ނޫސްވެރިންގެ މައްޗަށް ހިނގާ އުސޫލުތައް މިއާ ދިމާ އިދިކޮޅަށް އޮތުމުން އެނގެނީ އެ ގާނޫނު މީޑިއާތަކަށް އަމާޒު ކޮށްފައި އޮތް މިންވަރެވެ.
އަބުރުގެ ގާނޫނު އުވާލުމުގެ ވާހަކައާ އެކު އުފެދޭނެ ސުވާލަކީ އެ ގާނޫނު އުވާލުމާ އެކު މީސްމީހުންގެ އަބުރާ ބެހުން ހުއްދަވީ ހެއްޔެވެ؟. އަބުރާ ބެހުމަކީ އޭގެ ޒާތުގައި ބެލެން ޖެހޭނެ ކަމެއް ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. މީޑިއާތަކުން ކުރިޔަސް އެކަން ބެލޭނެ ނިޒާމެއް އޮންނަން ޖެހޭނެ އެވެ. ހަގީތަކަކީ އަބުރުގެ ގާނޫނު އުވާލިޔަސް އެކަން ބެލޭނެ ނިޒާމްތައް ހުރި ކަމެވެ. އެ ގާނޫނު އައުމުގެ ކުރިން ވެސް އެފަދަ ނިޒާމްތައް އޮތެވެ. އަބުރާ ބެހުމަކީ މަދަނީ ކުށަކަށް ހަދައި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ގަވާއިދަކަށް 2007 އިން ފެށިގެން އަންނަނީ އަމަލު ކުރަމުންނެވެ.
އަބުރުގެ ގާނޫނާ ދެކޮޅަށް ނޫސްވެރިންތަކެއް ބޭއްވި ހިމޭން މުޒާހަރާ - -ފޮޓޯ/އިމޭޖަސް.އެމްވީ
ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އަބުރުގެ ގާނޫނަކީ މަދަނީ ގާނޫނެއް ކަމަށް އެ ގާނޫނު ހެދިއިރު ކިތަންމެ ވަރަކަށް ބުނަމުން ދިޔަޔަސް، އެއީ ޖިނާއީ ގާނޫނެއް ކަމަށް ބެލެވިދާނެ އެވެ. ސަބަބަކީ އެ ގާނޫނުގައި އޮތް ހަރުކަށި އުސޫލުތަކުގެ ޖިނާއީ ކުށަކަށް އެކަން ބަދަލުވުމުގެ ފުރުސަތު ބޮޑުވުމުންނެވެ. އަބުރާ ބެހުމުން ކުރިމަތިވަނީ ބޮޑު ޖޫރިމަނާއެއް ކަމަށް ވިޔަސް، ޖޫރިމަނާ ނުދެއްކި އަދި އެކަމުގައި ކޯޓަށް ނުދެވޭ ހާލަތުގައި އެކަން ޖިނާއީ ކުށަކަށް ބަދަލުވާ ކަން އެ ބޭފުޅުން ފާހަގަކުރައްވަ އެވެ. މިއީ އޭރު ވެސް ނޫސްވެރިން އެންމެ ބޮޑަށް ފާހަގަކުރި އަނެއް މައްސަލަ އެވެ.
"އަބުރުގެ ގާނޫނު ތަންފީޒު ކުރުމުގައި މި ގެނައި އުސޫލަކީ ފުރަތަމަ ޖޫރިމަނާ ދައްކާފައި އޭނާގެ ހައްގު ހޯދަން ކޯޓަށް ދިއުން. އެ ހިސާބުން މިއީ މަދަނީ ގާނޫނެކޭ މި ބުނާ އުސޫލުތަކާ ޚިލާފްވާ ހިސާބަށް އެ ދަނީ. ޖަލު ހުކުމްތައް ތައާރަފް ވުމާއި އަދަބުގެ ތަރުތީބު ކަނޑައަޅާފައި އޮތް ގޮތުން،" އެ ގާނޫނަށް ކުރިން ވެސް ދެކޮޅުހެއްދެވި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަދި ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު މުހައްމަދު ނަޝީދު މަޖިލީހުގައި ދާދި ފަހުން ވިދާޅުވި އެވެ.
"އެއީ އިސްތިއުނާފް ކުރެވޭ ގޮތް ޖޫރިމަނާ އަށް ވުރެ ފަހުން އަންނާތީ."
އަބުރުގެ ގާނޫނު ވުޖޫދަށް ގެނައުމުގެ އެންމެ ބޮޑު ހުއްޖަތަކަށް ދެއްކީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ ދަށުން ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރު ކުޑަވުން ކަމަށް ވިޔަސް، އަބުރުގެ ގާނޫނު ހެދުމުގެ ބަދަލުގައި އެ ގަވާއިދުގައި ހުރި އުސޫލުތައް ހިމަނައިގެން މަދަނީ ގާނޫނެއް ވުޖޫދަށް ގެނައުމުގެ ފުރުސަތު މިހާރު ވެސް އެބަ އޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެ މިންގަނޑުން އަޅުގަނޑުމެންނަށް މިހާރު ވެސް އެބަ އޮތް މަދަނީ ގާނޫނެއް ގެނައުމުގެ ކަންތައް ކުރެވެން،" އަބުރުގެ ގާނޫނު އުވާލުމުގެ މައްސަލާގައި ބަހުސް ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
ގާނޫނީ އެހެން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އޭގެ ޒާތުގައި ޖިނާއީ ގާނޫނެއް ކަމަށް ބެލުމުގެ ފުރުސަތު ލިބޭ އެންމެ ބޮޑު ސަބަބަކީ ޖޫރިމަނާ ހޯދޭނެ ގޮތެއް ހަދަން އެ ގާނޫނުގައި މާ ބޮޑު އުސޫލުތަކެއް ނެތުމެވެ. ޖޫރިމަނާ ނުދެއްކުމުން ޖިިނާއީ ކުށެއްގެ ގޮތުގައި ތިން މަހާއި ހަ މަހާ ދެމެދުގެ ޖަލު ހުކުމެއް އައުމަށް ފަހު، ދެން އެ ހިސާބުން ޖޫރިމަނާ ހޯދޭނެ ފޯމިއުލާއެއް އެ ގާނޫނަކު ނެތް ކަން އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.
"ޖިނާއީ ކުށަކަށް ނަހަދަމޭ ބުނަން ވެގެން ޖޫރިމަނާތަކެއް ހިމަނާފައި މި އޮތީ. ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައި، އެ ފައިސާ ނުދެއްކިގެން ޖަލު ހުކުމެއް އައުމަށް ފަހު ދެން އެ ގާނޫނަކު ނެތް ޖޫރިމަނާ ހޯދުމަށް އިތުރަކަށް ކުރެވޭނެ ކަމެއް. ފެށުނީއްސުރެން ފެށިގެން ގާނޫނު މި އޮތީ މިކަން ޖިނާއީ ކުށަކަށް ހެދުމުގެ ވިސްނުމެއްގައި،" އެހެން ވަކީލަކު ވިދާޅުވި އެވެ.
އޭނާ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި އަބުރުގެ ގާނޫނު އިސްލާހު ކުރުމަށް ވުރެ އެ ގާނޫނު އުވާލުމަށް ފަހު އާ ގާނޫނެއް ހެދުމުގެ މުހިިންމު ކަން ބޮޑެވެ. އަބުރުގެ ބަދަލު ނަގައި ދިނުމާ ބެހޭ ގަވާއިދު އުވިގެން ނުދާނެ ގޮތަކަށް އަބުރުގެ ގާނޫނު އުވާލުމަށް ފަހު، ޒަމާނާ ގުޅޭ ގޮތަށް މަދަނީ ގާނޫނެއް ވުޖޫދަށް ގެންނަން ޖެހޭ ކަމަށް އޭނާ ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. އެކަމަކު މިހާރު އޮތް އަބުރުގެ ގާނޫނު އިސްލާހު ކުރުމަކީ ހައްލެއް ކަމަށް އޭނާ ދެކެވަޑައެއް ނުގަންނަވަ އެވެ.
"ޖޫރިމަނާ އާއި އިސްތިއުނާފަށް ނުދެވޭ ބައިތަކާއި މިކަހަލަ ވަކިވަކި ބައިތައް އެކަނި އެ ގާނޫނުން އުވާލައިފި ނަމަ އޭރުން މުޅި ގާނޫނު އޮޅުން ބޮޅުންގަނޑަކަށް ދެން ދެވޭނީ. ސަބަބަކީ މީގެ ފެށުން ވެސް ގޯސް. ވަކި ގޮތަކަށް އަމާޒު ވެގެން ގާނޫނުގެ މަސައްކަތް ފެށިފައި އޮތީ ވެސް. އެގޮތަށް އޮއްވާ އަލުން ގާނޫނު އިސްލާހު ކުރުން ބުއްދިވެރިއެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އަބުރު ހިމާޔަތް ކުރުމުގެ މަގްސަދުގައި ކަމަށް ބުނެ ވުޖޫދަށް ގެނައި އަބުރުގެ ގާނޫނުގެ ދެ އަހަރު ދުވަހުގެ ތަޖުރިބާއިން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. މީޑިއާތަކަށް އަންނަމުން ދިޔަ ބޮޑެތި ޖޫރިމަނާތަކާއި މީޑިއާތަކަށް ކުރިމަތިވި ހުރަސްތަކެވެ. އެކަމަކު އަބުރުގެ ގާނޫނު އުވާލިޔަސް، އަބުރާ ބެހުމުގެ މައްސަލަތައް ބެލޭނެ ނިޒާމްތަކެއް އޮންނަން ޖެހެ އެވެ. އެކަމާ މީޑިއާތަކުން ދެކޮޅެއް ވެސް ނޫނެވެ.
ރިޒާ ވަކިކުރުމާއި އަބުރުގެ ގާނޫނުގެ މައްސަލަ ހޯމަދުވަހު
ބިލާ މެދު ރައީސް ވިސްނަވަން ގޮވާލައިފި
ގޮއްވާލި "ބޮމާ" އެކު ނޫސްވެރިކަން އަޅި އަށް!
ފާރިސް އާއި މުސްތޮފާ އަށް ފުރުސަތެއް ނުދިން
މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ބިލް ބަދަލުކޮށްފި
ހިޔާލުފާޅުކުރުން ހަނިކުރާ ބިލް ދިރާސާ ކުރަން ފަށަނީ
ބިލަށް ވޯޓު ނުދޭން އެދި މެމްބަރުންނަށް މެސެޖްތަކެއް
ހިޔާލު ފާޅުކުރުން ހަނިކުރަން އެޗްއާރްސީއެމް ދެކޮޅު
އަބުރުގެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފި
އިސްތިއުނާފް ކުރެވޭ ގޮތާއި ޖޫރިމަނާއާ މެދު ވިސްނަންޖެހޭ