Roadha Mihaaru
މައުލޫމާތު އާއްމު ނުކުރާ ނަމަ ހޭދަ ބޮޑުވާނެ:މިނިސްޓަރު

މައުލޫމާތު އާންމު ނުކުރާ ނަމަ ލޯނަށް ކުރާ ހޭދަ ބޮޑުވާނެ: ފިނޭންސް މިނިސްޓަރު

12 ނޮވެމްބަރ 2018

ރާއްޖޭގައި ހިންގާ މާލީ މުއާމަލާތްތައް މިހާރަށް ވުރެ ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި މައުލޫމާތު އާންމު ނުކުރާ ނަމަ ކޮސްޓް އޮފް ބޮރޯވިން ނުވަތަ ލޯނަށް ކުރާ ހޭދަ މިހާރަށް ވުރެ ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ހިންގާ މާލީ މުއާމަލާތްތައް މިހާރަށް ވުރެ ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި މައުލޫމާތު އާންމު ނުކުރާ ނަމަ ކޮސްޓް އޮފް ބޮރޯވިން ނުވަތަ ލޯނަށް ކުރާ ހޭދަ މިހާރަށް ވުރެ ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ އާ ވެބްސައިޓް އިފްތިތާހް ކުރުމަށް އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ، ބޮޑެތި އިންވެސްޓަރުން ރާއްޖެ އަންނަމުން ދާއިރު، ސަރުކާރުން ފައިސާ ހޯދާ ގޮތާއި ޚަރަދު ކުރާ ގޮތުގެ ފުރިހަމަ މައުލޫމާތު އާއްމުކޮށް ފެންނަ ގޮތަށް ހުރުން މުހިންމު ކަމަށެވެ.

"އައިއެމްއެފް [އިންޓަނޭޝަނަލް މަނިޓަރީ ފަންޑް] ގެ ރިޕޯޓުުން ހާމަކުރާ ގޮތުން ވެއްޖިއްޔާ، މައުލޫމާތު ހިއްސާ ނުކުރާ ނަމަ އެބޭފުޅުން ނަގާނީ އެޒަމްޕްޝަން ތަކެއް، ހީކުރާ ހީކުރުންތަކެއް. ހީކުުރުމަށް ފަހު އަޅުގަނޑުމެންގެ ރޭޓިންސް ދަށަށް ދާނީ. ހަމަ އެގޮތަށް އަޅުގަނޑުމެންގެ ކޮސްޓް އޮފް ބޮރޯވިންސް އިތުރުވެގެން ދާނީ،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ މުޅި ދުނިޔެއަށް ހުޅުވިފަ އެވެ. އެހެންވުމުން، މާލީ ކަންކަމާ ގުޅޭ ގޮތުން ރާއްޖޭން ހާމަ ކުރެވެން ހުރި ހުރިހާ މައުލޫމާތެއް ހާމަކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ކްރެޑިޓް ރޭޓިންގައި ރާއްޖޭން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި މައުލޫމާތު އާއްމުކުރާ މިންވަރު އިތުރު ކުރުމަކީ އެ ކުރިއެރުން ދަމަހައްޓަން އިތުރު ބާރަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހޮންކޮންގްގެ ޕިޗް ރޭޓިންސް އިން ރާއްޖެއަށް މިދިޔަ އަހަރާއި މި އަހަރު ވެސް ދީފައި ވަނީ ބީ ޕްލަސް އެވެ. ނަމަވެސް، މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ފަހުގެ ތާރީޚެއްގައި ރޭޓިން އަށް ބަދަލު އަތުވެދާނެ ކަމަށް ޕިޗް ރޭޓިންގްސް އިން މޭ މަހު ބުނެފައިވެ އެވެ.