Roadha Mihaaru
ބަޖެޓުގެ ވާހަކަ ދައްކާނެކަމެއް ނެތް: ރައީސް ޔާމީން

ބަޖެޓުގެ ވާހަކަ ދައްކާނެ ކަމެއް ނެތް: ރައީސް ޔާމީން

13 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބޭނުންފުޅުވާ ގޮތަށް ތައްޔާރު ކޮށްފައިވާ 29.6 ބިލިއަން ރުފިޔާގެ ބަޖެޓާ ބެހޭ ގޮތުން ޕީޕީއެމްގެ ރަސްމީ ސްޓޭންޑެއް އޮންނަންވާނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެ އެކަމާ ބެހޭ ގޮތުން ޕީޕީއެމް ކައުންސިލްގެ ވައިބަ ގްރޫޕެއްގައި މެންބަރުން ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ.

ވައިބަ ގްރޫޕްގައި ދެކެވުނު ވާހަކަތައް އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ، މުންދުގެ އިސްނެންގެވުމަށް ތައުރީފު ކުރައްވައި ބައެއް މެންބަރުން ވާހަކަ ދެއްކެވި ކަމަށާއި ބަޖެޓާ ބެހޭ ގޮތުން ޕްރެސް ކޮންފަރެންސެއް ބާއްވައި، ޕާޓީގެ ސްޓޭންޑް ހާމަކުރުމަށް މުންދު ޚިޔާލު ދެއްވި ކަމަށެވެ. އެގޮތުން، ޔޫތު އެންޑް އިކޮނޮމިކް ކައުންސިލް (އީވައިސީ)ގެ ބޭފުޅުންނާއި ޕީޕީއެމްގެ ނައިބު ލީޑަރުންނާއި ޕާލިމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް މުންދު ހުށަހެޅުއްވި އެވެ.

ނަމަވެސް، މި ވާހަކަތަކަށް އެއްޗެއް ވިދާޅުވުމުގެ ބަދަލުގައި ރައީސް ޔާމީން، އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ކުރައްވައި ކަމަށް ވިދާޅުވެ މެސެޖެއް ފޮނުއްވި އެވެ. އަދި ފަހުން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. އެ ބަޖެޓަށް އަޅުގަނޑުގެ އެއްވެސް ކޮންޓްރިބިއުޝަނެއް ނުދެން. އަޅުގަނޑުގެ ތަސައްވުރެއް އެ ބަޖެޓަކުން ނުފެންނާނެ،" އިނގިރޭސި ބަހުން ރައީސް ފޮނުއްވި މެސެޖުގައިވެ އެވެ.

ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓަކީ އަންނަ ހޮނިހިރު ދުވަހު ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާ އިބޫގެ ސަރުކާރުން ބޭނުންވާ ގޮތަށް ތައްޔާރުކޮށްފައިވާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.

ރިޔާސީ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގަތީ އިންތިޚާބުގައި މަކަރު ހެދުމުގެ ސަބަބުން ކަމަށް ތުހުމަތުކުރައްވައި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ މަނިކުފާނާ ދެކޮޅަށް ނިންނި ފަހުން ގައުމީ އެއްވެސް ކަމެއްގައި ވެސް ރައީސް ވާހަކަފުޅެއް ނުދައްކަވަ އެވެ. އަދި، ޕީޕީއެމްގެ ހަރަކާތްތައް ވެސް އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.