Roadha Mihaaru
"ނަޝީދަށް ގިނަ ވޯޓު ލިބުމަކީ ޕީޕީއެމަށް ރަނގަޅެއް"

ނަޝީދަށް ގިނަ ވޯޓު ލިބުމަކީ ޕީޕީއެމް ވެރިކަމަށް އަންނަން ފަސޭހަ ވާނެ ގޮތް: އާދަމް ޝަރީފް

23 މެއި 2023

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް ތާއީދު ކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެ، އުފައްދަން މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް" އަށް ރިޔާސީ އިންތިހާބުގައި ގިނަ އަދަދެއްގެ ވޯޓު ލިބިއްޖެ ނަމަ ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އަންނަން ފަސޭހަ ވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް ތާއީދު ކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެ، އުފައްދަން މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް" އަށް ރިޔާސީ އިންތިހާބުގައި ގިނަ އަދަދެއްގެ ވޯޓު ލިބިއްޖެ ނަމަ ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އަންނަން ފަސޭހަ ވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި ގަރާރަކަށް ބަހުސް ކުރައްވަމުން، މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މިހާރު ކުރަން އޮތް އެންމެ ރަނގަޅު މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލު ކުރުން ކަމަށެވެ.

ކޮންމެ ނަމެއްގައި ގަރާރުތަކާއި މައްސަލަތައް މަޖިލީހަށް ހުށަހެޅިޔަސް އެ މައްސަލަތަކުގައި އޮންނަނީ "އިބޫ ނޫން ގޮތެއް" ހޯދަން މަސައްކަތް ކުރުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކަމަށް ބެލެެވެނީ އެމްޑީޕީގެ ރައީސްގެ މަގާމުގައި މި ވަގުތު ހުންނެވި ނަޝީދެވެ.

[ނަޝީދަށް] މަދުވެގެން 30،000 ވޯޓު ނެގި ކަމުގައިވިޔަސް އެއީ ޕީޕީއެމް އަށް ލިބޭ ޕްލަސްއެއް. އަޅުގަނޑުމެން ވެރިކަމަށް އަންނަން ފަސޭހަ ވާނެ ކަމެއް -- އާދަމް ޝަރީފް

ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް އެންމެ މަދުވެގެން 30،000 ވޯޓު ހޯދުނަސް އޭގެ ސަބަބުން ޕީޕީއެމަށް ފައިދާ ވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"މަދުވެގެން 30،000 ވޯޓު ނެގި ކަމުގައިވިޔަސް އެއީ ޕީޕީއެމް އަށް ލިބޭ ޕްލަސްއެއް. އަޅުގަނޑުމެން ވެރިކަމަށް އަންނަން ފަސޭހަ ވާނެ ކަމެއް. އެހެންވެ އަޅުގަނޑުމެން މި ބަލަނީ ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގަނެވޭނެ މަގު ފަހިވެގެން ދާ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލުމުން ސަރުކާރަށް ފަނޑިޔާރުންނަށް އުނދަގޫ ނުކުރެވޭނެ ކަމަށާއި އިންސާފުވެރިކަމާ އެކީ ޝަރީއަތް ހިނގައިފި ނަމަ ޔާމީން މިނިވަންވެ، މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު ބަދަލުވަމުން ދާ ގޮތުން ދެ ޕާޓީއެއް ފިޔަވައި ސިޔާސީ ހުރިހާ ޕާޓީއެއް އޮތީ މިހާރުގެ ވެރިކަން ބަދަލު ކުރުމަށް އެއްބަސްވެގެން ކަމަށާއި ސިޔާސީ ދާއިރާގައި އުޅުއްވާ ފުންނާބު އުސް އެތައް ބަޔަކު ގުޅިގެން މަސައްކަތް ކުރާ ތަން ފެންނަ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކުގެ ނަތީޖާ އަށް ބަލާއިރު އެންމެ ގިނަ ވޯޓު ހޯދަނީ ޕީޕީއެމާއި އެމްޑީޕީ އެވެ. ނަމަވެސް މިހާރު އެމްޑީޕީ ދެބައިވެފައި އޮތުމާ ގުޅިގެން މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެއް ޕާޓީއަކަށް އެންމެ ގިނަ ވޯޓު ލިބޭނެ ކަމަށް ބައެއް ސިޔާސީ ތަޖުރިބާކާރުން ލަފާ ކުރަނީ ޕީޕީއެމަށެވެ.

ޕީޕީއެމް/ޕީއެންސީ އާއި ނަޝީދުގެ ދަ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީން ގުޅިގެން މަސައްކަތް ކުރަމުން އައި ނަމަވެސް އެ ފަރާތްތައް ރަސްމީކޮށް އުފައްދާފައި ވަނީ ރާއްޖެ-މޮރިޝަސް މައްސަލާގައި "ކަނޑު ވިއްކާލުމާ ދެކޮޅު" މަސައްކަތް ކުރާ ކޯލިޝަނެކެވެ.

އެއީ ސިޔާސީ މަސައްކަތް ކުރާ ކޯލިޝަނެއް ނޫން ކަމަށް އެ ޕާޓީތަކުން ބުންޏަސް މި ފަހަކަށް އައިސް މި ސަރުކާރާ ދެކޮޅަށް ގުޅިގެން އެ ޕާޓީތަކުން މަޝްވަރާ ކުރަމުން އަންނަ ވާހަކަ ޓުވިޓާ އާއި އެކި ތަންތަނުގައި އަންނަނީ ދައްކަމުންނެވެ.