09 ނޮވެމްބަރ 2016
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ ޕާޓީ ނުވަތަ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ)ގެ މެމްބަރުންގެ އަޣުލަބިއްޔަތު ނަގާލަން މަސައްކަތް ކުރުމަކީ އެންމެ ގައްދާރު މަސައްކަތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ ޕާޓީ ނުވަތަ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ)ގެ މެމްބަރުންގެ އަޣުލަބިއްޔަތު ނަގާލަން މަސައްކަތް ކުރުމަކީ އެންމެ ގައްދާރު މަސައްކަތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ދެ ފަޅިވެފައިވާ ޕީޕީއެމްގައި ރައީސް ޔާމީންގެ ފެކްޝަނާ އަލަށް ބައެއް މީހުން ގުޅުމަށް، ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން ކާމިޔާބު ކުރެވޭނީ ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ އަޣުލަބިއްޔަތު މަޖިލީހުގައި އޮވެގެން ކަމަށެވެ. އެހެންވެ، ޕާޓީގެ ތެރެއިން ނަމަވެސް، އެ އަޣުލަބިއްޔަތު ނަގައިލަން ކުރާ މަސައްކަތަކީ އެންމެ ޣައްދާރު މަސައްކަތް ކަމަށާއި އެކަން އެހެން ނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އަދި އެއީ ހަގީގަތުގައި ރައްޔިތުންނަށް ދެވޭނެ ބޮޑު ދެރައެއް ކަމަށާއި ދައުލަތް ހިންގުމަށް ވެސް އޭގެ ސަބަބުން ގެއްލުން ވާނެ ކަމަށް ވިދާޅުވި އެވެ.
"ފަސް އަހަރު ދުވަހު ރައީސް މަގާމުގައި ހުރެދާނެ. އެކަމަކު އޭރުން ތަރައްގީގެ މަޝްރޫއުތައް ރައީސް ރާވާފައިވާ ގޮތަކަށް ނުދާނެ،" ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ ކޮންޓްރޯލް ގެއްލުމަކީ ލިބޭނެ ދެރައެއްކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
ދެ ފަޅިވެފައިވާ ޕީޕީއެމްގައި ތިއްބެވި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަނާ ގުޅިވަޑައިގަތުމާ އެކު، ރައީސް ޔާމީން ކޮންޓްރޯލް ކުރަައްވަމުން ގެންދަވާ މަޖިލިހުގެ ސާފު އަގުލަބިއްޔަތަށް ބުރޫ އެރުމުގެ ފުރުސަތު އޮތީ ބޮޑުވެފަ އެވެ. އެކަމަކު ތަފާތު "ފިއްތުން"ތަކާ ގުޅިގެން މަޖިލިހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން އަލުން ރައީސް ޔާމީނާ މިހާރު ގުޅިވަޑައިގަންނަވަމުން ގެންދަވާތީ އެ ފުރުސަތު ކުޑަވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) އާއި އޭނާގެ ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާ، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވަނީ ރައީސް ޔާމީންގެ ފަހަތަށް އަރުވައްވައިފަ އެވެ.
ޕީޕީއެމްގެ ރައީސް މައުމޫނަށް ތާއީދު ކުރެއްވުމަށް ފަހު، ވިސްނުން ބަދަލުކުރައްވައި ރައީސް ޔާމީނާ އަލުން މިއަދު ގުޅިވަޑައިގެންނެވި މެމްބަރު ސަލީމް (ކ-2) އަދި ޝުޖާއު (ވ) ރައީސް ޔާމީނާއެކު މިއަދު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ރައީސް ޔާމީން ވިދާޅުވީ ޕީޖީ ގުރޫޕާއި ޕާޓީގެ ކައުންސިލް އޮތީ އެ މަނިކުފާނާ އެކުގައި ކަމަށާއި އެހެންވެ، އެހެން ތަންތަނުގައި ސިއްރު ސިއްރުން ކައުންސިލާއި ޕީޖީ ގުރޫޕު އޮންނާނެ ކަމަށް ގަބޫލު ކުރުމަކީ ކުށްހީއެއް ކަމަށާއި އެހެން އެކަން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު ހިނގާނީ ހަމައެކަނި އިދިކޮޅު ފަރާތްތަކާއި މާރާމާރީ ހިންގާ މީހުންގެ މައްޗަށް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ދިމާވާ ކުދިކުދި މައްސަލަތަކުގައި ނުވަތަ ވާދަވެރިކަމުގައި ޕީޖީ ގުރޫޕަށް އެއްވެސް އަސަރެއް ކުރާނަމަ އޭގެ ގެއްލުން މުޅި ދައުލަތަށް ކުރާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ވާދަވެރިކަމުން ދަތިފުޅުވެ ވަޑައިގަންނަވަނީ ވެސް އެހެންވެ ކަމަސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ އަންނަ ހޯމަ ދުވަހު މަޖިލީހުގައި ބަހުސް ކުރާ، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމަށް މެމްބަރުންގެ ތާއީދު ލިބުން މުހިއްމުކަން ފާހަގަ ކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ އެއީ މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ތަރައްގީ ގެނެވޭނެ ގޮތަށް އެކުލަވާލާފައި އޮތް ބަޖެޓެއް ކަމަށާއި އެހެންވެ، ބަޖެޓު ފާސްކުރުން ކޮންމެހެން މުހިއްމު ކަމަށެވެ.
"މިހާރު މި އުޅޭ މައްސަލަތަކުގައި ބަޖެޓަށް ވޯޓު ނުދީފިނަމަ ވާނީ ކިހިނެތްތޯ؟ ބަޖެޓް ފާސް ނުވެއްޖެ ނަމަ ވާނީ ކިހިނެތްތޯ؟ ކާކަށް ތޯ އެއިން ގެއްލުން ވާނީ؟ ރައީސް ޕާޓީ ހިންގަމުންދާނެ. މުސާރަ ލިބެމުންދާ ބަޔަކަށް މުސާރަ ވެސް ލިބޭނެ. އެކަމަކު ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ދެން ހުއްޓޭނެ. މީގައި ގެއްލުން ލިބެނީ ރައީސަކަށް ނޫން. ރައްޔިތުންނަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.
މިހާރު ވެސް 560 މަޝްރޫއެއް އެބަ ހިނގާ: ރައީސް
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
މަސީހާ ދެކޮޅު މަސައްކަތުގެ ތުހުމަތު މައުމޫނަށް
ޕީޕީއެމްގެ ކުޅިބައި އަތުރާލަނީ، ކާމިޔާބުވާނެ: ޝިޔާމް
ބަޔަކު އޮޑިން ފުންމާލުމުން ނިކަމެތިވި: ރައީސް
ޕީޕީއެމްގެ ހަރަކާތްތަކުން ޚަލީލް "ގެއްލިއްޖެ"!
ރިޔާސީ ބަޔާނުން އުފާވެރިކަމާއި އުއްމީދު އާވި: ޕީޕީއެމް
ސަރުކާރަށް މަޖިލީހުގެ ކޮންޓްރޯލް ގެއްލިއްޖެ
ޕާޓީތަކަށް ކަނޑައެޅި ފައިސާއަށް ވީގޮތެއް ނޭނގޭ!