Roadha Mihaaru
އިބޫގެ ފުރަތަމަ އަހަރު ވެސް ބޮޑެތި މަޝްރޫއުތަކެއް

އިބޫގެ ފުރަތަމަ އަހަރު ވެސް ބޮޑެތި މަޝްރޫއުތަކެއް

14 ނޮވެމްބަރ 2018

ދައުލަތުގެ ބަޖެޓެއްގެ އެންމެ ބޮޑު އެއް ފޯކަސް އަކީ ކުރިއަށް އޮތް އަހަރަށް ހުރި މަޝްރޫއުތަކެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި އާންމުން ވެސް އެންމެ އިސްކަމެއް ދޭނީ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތަކަށެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ވެސް، އެކަމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފަ އެވެ. -- ބޮޑެތި މަޝްރޫއުތަކެއް ހިމެނެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދައުލަތުގެ ބަޖެޓެއްގެ އެންމެ ބޮޑު އެއް ފޯކަސް އަކީ ކުރިއަށް އޮތް އަހަރަށް ހުރި މަޝްރޫއުތަކެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި އާންމުން ވެސް އެންމެ އިސްކަމެއް ދޭނީ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތަކަށެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ވެސް، އެކަމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފަ އެވެ. -- ބޮޑެތި މަޝްރޫއުތަކެއް ހިމެނެ އެވެ.

ހަތަރު ރަށެއްގައި އެއާޕޯޓު އަޅައި 17 ރަށެއްގައި ބިން ހިއްކުމާއެކު ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުން ހަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ (އިބޫ) އާ ސަރުކާރުން ނިންމައި، އެކަން ބަޖެޓްގައި ވަނީ ހިމަނައިފަ އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި 29.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި އެންމެ އިސްކަމެއް ދިނީ ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް އޭގެ މަންފާ ރައްޔިތުންނަށް ހޯދައި ދިނުމަށެވެ. އެގޮތުން ބޯހިޔާވަހިކަމާއި ގެދޮރުގެ މައްސަލަ އާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ލަފާ ފުރުމާއި ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް އިސްކަން ދީފައިވެ އެވެ.

ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ޕީއެސްއައިޕީގެ ގޮތުގައި ޖުމްލަ 544 މަޝްރޫއު ހިމަނާފައި ވާއިރު، އެއީ ހިނގަމުންދާ 315 މަޝްރޫއާއި އަލަށް ފެށުމަށް ހަމަޖެހިފައިވާ 229 މަޝްރޫއެވެ. ޕީއެސްއައިޕީގެ ދަށުން ހިންގާ މަޝްރޫއުތަކަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުން ދެ ބިލިއަން ރުފިޔާ، ލޯނުގެ ގޮތުގައި ތިން ބިލިއަން ރުފިޔާ، ހިލޭ އެހީގެ ގޮތުގައި 655 މިލިއަން ރުފިޔާ އަދި ޓްރަސްޓް ފަންޑުތަކުން 20 މިލިއަން ރުފިޔާއާއެކު ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ.

މި އަހަރަށް ލަފާކޮށް ސަރުކާރުން ފާސް ކުރި 27 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި ހަރަދު ކުރުމަށް ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހިމަނައިފަ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އެއް ހޭދައެއް ކުރަނީ މ. މުއްޔާއި ގދ. ފަރެސްމާތޮޑާ އާއި ހދ. މާފިނޮޅުގައި އެއާޕޯޓު އެޅުމުގެ މަޝްރޫއަށެވެ. އަދި ހދ. ކުޅުދުއްފުށީގައި އެޅި އެއާޕޯޓު ތަރައްގީ ކުރުމަށް ވެސް ބޮޑު ހޭދައެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު މުނައްވަރު (މ). --- ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު މުނައްވަރު (މ). --- ފޮޓޯ: މަޖިލިސް

ބަޖެޓުގެ ބައެއް ތަފްސީލްތައް:

- 40 ރަށެއްގައި އަލަށް ބަނދަރު ހެދުމަށް 483 މިލިއަން ރުފިޔާ.

- 17 ރަށެއްގައި އަލަށް ބިން ހިއްކުމަށް 310 މިލިއަން ރުފިޔާ.

- 48 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރަން 206 މިލިއަން ރުފިޔާ.

- ގދ. ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލެއް ގާއިމު ކުރުމަށް 17 މިލިއަން ރުފިޔާ.

- ފަސް ރަށުގެ ވައިގެ ބަނދަރު ތަރައްގީ ކުރުމަށް 142 މިިލިއަން ރުފިޔާ.

އެގޮތުން މުލީގައި އެއާޕޯޓު އެޅުމަށް 39 މިލިއަން ރުފިޔާ ހޭދަކުރާއިރު، ގދ. ފަރެސްމާތޮޑާ އެއާޕޯޓު އެޅުމަށް 40 މިލިއަން ރުފިޔާ، މާފިނޮޅުގައި އެއާޕޯޓު އެޅުމަށް 90 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ހދ. މަކުނުދޫގައި އެއާޕޯޓު އެޅުމުގެ ދިރާސާ ކުރުމަށާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ހދ. ކުޅުދުއްފުށީ އެއާޕޯޓާއި ގދ. މާވަރުލުގައި އެއާޕޯޓު އެޅުމަށް ބަޖެޓުގައި ވަނީ ފައިސާ ހިމަނައިފަ އެވެ.

މި އަހަރުގެ ބަޖެޓެކޭ އެއްގޮތަށް ތ. ގުރައިދޫ އާއި ކ. ހުރާގެ ބިން ހިއްކުމުގެ އިތުރުން، ހއ. އިހަވަންދޫ އާއި ރ. ދުވާފަރާއި ހއ. ތުރާކުނާއި ރ. އަލިފުއްޓާއި ކ. ގުޅި އާއި ކ. ގުރައިދޫ އާއި ކ. މާފުއްޓާއި އއ. ބޮޑުފުޅަދޫ އާއި އއ. އުކުޅަހާއި ފ.މަގޫދޫ އާއި ފ. ފީއަލީ އާއި ދ. މާއެނބޫދޫ އާއި ތ. ހިރިލަންދޫ އާއި ލ. މާވަށާއި ގއ. ދާންދޫ އާއި ގދ. މަޑަވެއްޔާއި ސ. މަރަދޫގެ ބިން ހިއްކުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ އެތައް މިލިއަން ރުފިޔާއެއް ހިމަނައިފަ އެވެ.

މިއީ އެހާ ގިނަ ރަށްތަކެއްގެ ބިން ހިއްކުމަށް ބަޖެޓުގައި ހިމެނި ފުރަތަމަ ފަހަރަށް ވާނެ އެވެ.

ސިއްހީ ދާއިރާގެ ތެރެއިން އަލަށް ފެށުމަށް ހަމަޖެހިފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ނ. ވެލިދޫގައި ހޮސްޕިޓަލެއް ގާއިމުކުރުމާއި ޅ. ހިންނަވަރާއި އދ. މާމިގިލީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމާއި ގދ. ތިނަދޫ ހޮސްޕިޓަލް، ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަޝްރޫއު ހިމެނެ އެވެ.

ހުޅުމާލޭގައި މީހުން ދިރިއުޅެމުން އަންނަ ފްލެޓުތަކެއް-- މިހާރު ފޮޓޯ: ހުސެން ވަހީދު

ހުޅުމާލޭގައި މީހުން ދިރިއުޅެމުން އަންނަ ފްލެޓުތަކެއް-- މިހާރު ފޮޓޯ: ހުސެން ވަހީދު

އަލަށް ފެށުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓް އެޅުމަށާއި ބ. ތުޅާދޫގައި 100 ހައުސިން ޔުނިޓު އެޅުމަށް ވަކިވަކިން 17 މިލިއަން ރުފިޔާ ލ. ގަމުގައި 200 ހައުސިން ޔުނިޓަށް 35 މިލިއަން ރުފިޔާ އަދި މ. ކޮޅުފުށީގައި 150 ހައުސިން ޔުނިޓު އެޅުމަށް 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފަ އެވެ.

މާލެ ތަރައްގީ ކުރުމަށް ބޮޑު ހޭދައެއް ކުރާނެ!

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި މާލެ ތަރައްގީ ކުރުމަށް ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް ވަނީ ހިމަނައިފަ އެވެ. އެގޮތުން، އާޓިފިޝަލް ބީޗު ތަރައްގީ ކުރުމާއި މަގު ހެދުމާއި ސިނަމާލެ ބްރިޖުގެ ތަރައްގީއަށާއި މަގުތައް ތަރައްގީ ކުރުމަށް ބަޖެޓުގައި ވަނީ ފައިސާ ހިމަނައިފަ އެވެ.

އެގޮތުން އާޓިފިޝަލް ބީޗު ތަރައްގީ ކުރުމަށާއި މާލޭގެ އީސްޓް ކޯސްޓް (ބްރިޖުން ފެށިގެން އަލިމަސް ކާނިވާއާ ހަމައަށް) ތަރައްގީ ކުރުމަށާއި އޮޓޮމޭޓެޑް ޕާކިން ސިސްޓަމް ގާއިމު ކުރުމަށް 11 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މިއިން ކޮންމެ މަޝްރޫއަކަށް ވަކިވަކިން 11 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

މީގެއިތުރުން މާލެ ތަރައްގީ ކުރުމުގެ މަޝްރޫއަށް 15 މިލިއަން ރުފިޔާ، މާލޭގެ މަގުތައް ތަރައްގީ ކުރުމަށް 25 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ކަނޑައަޅައިފަ އެވެ.

މާލޭގައި ކުރިއަށްދާނެ ބޮޑެތި މަޝްރޫއުތައް:

- ކިންގް ސަލްމާން މިސްކިތް އިމާރާތް ކުރުމަށް 62 މިލިއަން ރުފިޔާ.

- މާލޭގެ ކުދި ގޯޅިތައް ތަރައްގީ ކުރުމަށް ހަ މިލިއަން ރުފިޔާ.

- މާލޭގައި މަލްޓި ސްޓޯރީ ޕާކިންގެ ތިން އިމާރާތް އެޅުމަށް 62 މިލިއަން ރުފިޔާ.

- ހުޅުމާލޭގައި ހަދަމުން އަންނަ ސިފައިންނާއި ފުލުހުންގެ ފްލެޓު ނިންމުމަށް 101 މިލިއަން ރުފިޔާ.

އަސާސީ ބައެއް ހިދުމަތްތައް ރަށްރަށުގައި ހިންގުމަށް ރާވާފައިވާ އިރު، ސްޕޯޓްސް އިންފްރާސްޓްރަކްޗަ ގާއިމު ކުރުމަށާއި ފުޓްސަލް ދަނޑުތައް އެޅުމަށް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ބަނދަރު ހެދުމާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރަން ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު 26.7 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. އިގްތިސާދީ ދުވެލި 6.8 އިންސައްތައިގައި ހުންނާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ. އަންނަ އަހަރު ބަޖެޓު ޑެފިސިޓް 3.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބެލެވޭ ކަމަށް ބަޖެޓުގައިވެ އެވެ.