Roadha Mihaaru
ކުންފުނިތަކުން ފައިދާނުވީ ކީއްވެތޯ ބަލަނީ

ކުންފުނިތަކުން ފައިދާނުވީ ކީއްވެތޯ ބަޖެޓް ކޮމިޓީން ބަލަނީ

14 ނޮވެމްބަރ 2018

ދައުލަތުގެ ބޮޑެތި ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ދައްކާފައިވާ ފައިސާ މަދުވެފައި ވަނީ ކީއްވެތޯ ބަލަން، ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމައިފިއެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދައުލަތުގެ ބޮޑެތި ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ދައްކާފައިވާ ފައިސާ މަދުވެފައި ވަނީ ކީއްވެތޯ ބަލަން، ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފިނޭންްސް މިނިސްޓްރީން އިއްޔެ ހުށަހެޅުމުން އެ ބަޖެޓް ދިރާސާކުރަން އެކުލަވައިލި ކޮމިޓީން ބޭއްވި ތިން ވަނަ ބައްދަލުވުމުގައި، ކުންފުނިތަކުގެ މައްސަލަ އެންމެ ފުރަތަމަ ނެންގެވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްމަބަރު އަބުދުލް ޣަފޫރު މޫސާއެވެ. އޭނާ ވިދާޅުވީ ބޮޑެތި ކުންފުނިތަކުން ދައުލަތަށް ޑިވިޑެންޓްގެ ގޮތުގައި ކުދިކުދި އަދަދުތައް ދައްކަނީ ކީއްވެތޯ ބަލަން އެކުންފުނިތަކުގެ ވެރިން ހާޒިރުކޮށް ސުވާލުކުރަން ޖެހޭ ކަމަށެވެ.

"ދައުލަތުގެ ކުންފުނިތަކުން ކީއްވެގެންތޯ ސަރުކާރަށް ޑިވިޑެންޑް ނުލިބެނީ؟ އެއީ އަޅުގަނޑުމެން ސާފުކުރަންޖެހޭ ކަމެއް. ދައުލަތުގެ ބޮޑެތި ކުންފުނިތަކުން ސަރުކާރަށް ދައްކަންޖެހޭ ޑިވިޑެންޑް ނުދައްކަންޏާ ބަޖެޓް ޑެފިސިޓް ބޮޑުވާނެ،" ކުންފުނިތަކުގެ ވެރިން ހާޒިކުރަން ހުށަަހަޅުއްވަމުން އިދިކޮޅު އެމްޑީޕީގެ މެންބަރު ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހީމް ދީދީއެވެ.

ކުންފުނިތަކުގެ ވެރިން ހާޒިރުކުރަން ޣަފޫރު ހުށަހަޅުއްވައި، އިބްރާހީމް ދީދީ ތާއީދުކުރެއްވި ނަމަވެސް އެއަށް ވުރެ ފަސޭހަ ގޮތަކަށް އެ މައުލޫމާތު ސާފުކުރުމަށްޓަކައި ކުންފުނިތަކުގެ ބަލަދުވެރި ފަރާތްކަަމަށްވާ ޕަބްލިކް އެންޓަޕްރައިޒް ބޯޑްގެ ވެރިން ހާޒިރުކުރަން އެހެން މެމްބަރުން ހުށަހެޅުއްވިއެެވެ.

ކޮމިޓީގެ މުގައްރިރު އިބުރާހީމް ޝަރީފު ވެސް ތާއީދުކުރެއްވީ އެގޮތަށެވެ. ޕަބްލިކް އެންޓަޕްރައިޒް ބޯޑުގެ ވެރިން ހާޒިރުކޮށްގެން މައުލޫމާތު ސާފުކުރަން މެމްބަރަކު އިއުތިރާޒް ނުކުރައްވާ ނަމަ އެގޮތަށް ކުރިއަށް ގެންދަވާނެކަން ޝަރީފު އިއުލާނު ކުރެއްވުން އެއްވެސް މެމްބަރަކު އެކަމަށް އިއުތިރާޒެއް ނުކުރެއްވި އެވެ.

ދައުލަތުގެ ކުންފުނިތަކުން ފައިދާ ނުވާ މައްސަލަ ރަނގަޅަށް ބެލުމަށް، އެކަމުގެ ޒިންމާ އެޅިފައިވާ ކޮމިޓީގެ ބައްދަލުވުންތަކެއް ބާއްވައިގެން ކުރިއަށް ގެންދެވިދާނެ ކަމަށް އެކޮމިޓީގެ މުގައްރިރު، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ގޮތެއް ނިމުނު ހަމަ އެކަނި ކަމަކީ ޕަބްލިކް އެންޓަޕްރައިޒް ބޯޑުގެ ވެރިން ހާޒިރު ކުރުމަށް ނިންމުމެވެ.

ދެން ކުރިއަށް ދިޔަ އެންމެ ބޮޑު ބަހުސަކީ އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ މިހާރުގެ ސަރުކާރުގެ ބަޖެޓެއްތޯ ނުވަތަ އާ ސަރުކާރުގެ ބަޖެޓެއްތޯ ކުރި ބަހުސެވެ. އެބަހުސްގައި މުގައްރިރު ޝަރީފު ވެސް ވާހަކަ ދެއްކެވި އެވެ. އޭނާ ވާހަކަ ދެއްކެވީ ބަޖެޓް އެކުލަވައިލުމުގައި ފިނޭންސާ ގުޅިގެން މަސައްކަތްކުރަން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެއްސެވި ކޮމިޓީގެ މެމްބަރެއް ހައިސިއްޔަތުންނެވެ.

ޝަރީފު ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މުޅި ބަޖެޓަކީ އާސަރުކާރުގެ ސިޔާސަތުތަކުގެ މައްޗަށް އެކުލަވާލާފައިވާ ބަޖެޓެއް ނޫން ކަމަށެވެ. ނަމަވެސް އެ ބަޖެޓްގައި އާ ސަރުކާރުގެ ބައެއް ސިޔާސަތުތައް ހިމަނަން ފުރުސަތު ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެގޮތުން ލިބުނު ފުރުސަތުގައި ވެސް ސިޔާސަތަކަށް ވީ މިސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓައިނުލުން ކަމަށެވެ.

"އެ ޖާގަ އަޅުގަނޑުމެން ބެލި އިރުގައި މިހާރު އަޅުގަނޑުމެންގެ އާ ސަރުކާރުގެ ސިޔާސަތަކަށްވީ މިސަރުކާރުން ފަށާފައި ހުރި އެއްވެސް ހިނގަ ހިނގާ ހުރި މަޝްރޫއެއް ނުހުއްޓާ ކުރިއަށް ގެންދިއުން. އެކަމަށްޓަކައި 2.2 ބިލިޔަން ރުފިޔާ މި ބަޖެޓްގެ ތެރެއިން ނަގަން ޖެހުނު،" ޝަރީފު ވިދާޅުވިއެވެ.

މާދަމާ އެހެން ބައްދަލުވުމެއް ބާއްވާ ގޮތަށް މިއަދުގެ ބައްދަލުވުން ނިންމައިލި އިރު ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަމުން ގެންދެވީ އެންމެ ރަނގަޅު ގޮތަކީ އާ ސަރުކާރު އައުމަށް ފަހު އެ ސަރުކާރުން މުރާޖައާކުރަން ފުރުސަތު ދީގެން ބަޖެޓް ފާސްކުރުން ކަމަށެވެ. ނަމަވެސް އެކަމާ މެދު ކޮމިޓިން އަދި ގޮތެއް ނުނިންމަ އެވެ.