Roadha Mihaaru
65 އަހަރުގެ އިސްލާހު އުވާލުމުގެ ބިލް މާދަމާ

65 އަހަރުވުމުން ރައީސްކަން ނުކުރެވޭ މާއްދާ އުވާލުމުގެ ބިލް މާދަމާ އަށް އެޖެންޑާކޮށްފި

18 ނޮވެމްބަރ 2018

އުމުރުން 65 އަހަރުވީ މީހުންނަށް ރައީސް ކަން ނުކުރެއްވޭ ގޮތަށް ގާނޫނުއަސާސީ އަށް އިތުރު ކޮށްފައިވާ މާއްދާ އުވައިލުމުގެ ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އުމުރުން 65 އަހަރުވީ މީހުންނަށް ރައީސް ކަން ނުކުރެއްވޭ ގޮތަށް ގާނޫނުއަސާސީ އަށް އިތުރު ކޮށްފައިވާ މާއްދާ އުވައިލުމުގެ ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

ވެރިކަން ކުރެއްވޭނެ މަތީ އުމުރެއް، ގާނޫނުއަސާސީ އެކުލަވައިލި އިރު ކަނޑައަޅާފައި ނެތީސް، 65 އަހަރުވުމުން ވެރިކަން ނުކުރެއްވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރީ އޭރު ވެރިކަން ކުރި ޕީޕީއެމުން، 2015 ގައި ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހަކުންނެވެ. އެއީ 2008 ގައި އަމަލުކުރަން ފެށި ގާނޫނުއަސާސީ އަށް ގެނައި ފުރަތަމަ އިސްލާހެވެ.

އެ އިސްލާހު އުވާލަން މަޖިލީހަށް މި ފަހަރު ހުށަހެޅުއްވީ ޕީޕީއެމްގެ މެމްބަރެއް ކަމަށްވާ އިނގުރައިދޫ ދާއިރާގެ އިބްރާހިމް ފަލާހެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

އެ އިސްލާހު އޭރު ގާނޫނުއަސާސީ އަށް ގެނައީ ޖުމްހޫރީ ޕާޓީގެ ފައުންޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެރިކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ބަންދު ކުރުމަށެވެ.

އެ އިސްލާހުގެ އިތުރުން ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިތުރު ކުރި ބައިތައް އުވާލަން ވެސް ޕީޕީއެމްގެ އެހެން މެމްބަރަކު ވަނީ މަޖިލީހަށް ހުށަހަޅާނެ ކަން އިއުލާން ކޮށްފަ އެވެ. އެ އިސްލާހު ވެސް އޭރު ގެނެސްފައި އޮތީ ޕީޕީއެމުން ބޭނުންވެގެންނެވެ.

ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ. މަޖިލީހުގައި މިހާރު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އަޣުލަބިއްޔަތު ކަމަށް ވެފައި، އެ އިސްލާހުތަކަކީ ކުރިން ވެސް އެ ބޭފުޅުން ދެކޮޅު ހެއްދެވި އިސްލާހުތަކެއް ކަމަށްވާތީ އެ އިސްލާހުތައް އުވާލަން ހުށަހަޅާފައިވާ ބިލް ފާސްވާނެ ކަމަށް ބެލެވެ އެވެ.

މިހާރު މަޖިލީހުގައި ތިއްބެވީ 79 މެމްބަރުން ކަމަށްވާތީ، މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި ކަމަށްވާ 60 މެމްބަރުންގެ ވޯޓު ލިބުމުން ނޫނީ ގާނޫނުއަސާސީ އަށް ބަދަލެއް ނުގެނެވޭނެ އެވެ.