Roadha Mihaaru
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހަޅައިފި

ސިޔާސީ މީހުންގެ ބާރު ނޯންނަ ގޮތަށް ޖޭއެސްސީ ބަދަލުކުރަން ތޯރިގު އަނެއްކާވެސް ހުށަހަޅުއްވައިފި

02 ސެޕްޓެމްބަރ 2021

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރުން އައްޔަން ކުރާއިރު، ސިޔާސީ މީހުން ނުހިމެނުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރުން އައްޔަން ކުރާއިރު، ސިޔާސީ މީހުން ނުހިމެނުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިިފި އެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީ އަށް ބަދަލު ގެންނަން އިދިކޮޅު ޕީޕީއެމްގެ މެމްބަރު ތޯރިގު މިދިޔަ އަހަރު ވެސް ހުށަހެޅުއްވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އެ ފަހަރު އެ ބިލު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 13 މެމްބަރެކެވެ. އެހެންވެ، އެ ބިލް ފެއިލްވިއިރު، 87 މެމްބަރުން ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ 50 މެމްބަރަކު އެ ފަހަރު ވޯޓު ދެއްވީ ތޯރިގްގެ ބިލާ ދެކޮޅަށެވެ.

ދައުރު ނިމުމުގެ ކުރިން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން އިއްޔެ ދީފައި ވަނިކޮށް، ތޯރިގު މިއަދު އަނެއްކާ ވެސް މަޖިލީހަށް ހުށަހެޅުއްވި ބިލުގައި އޮތީ އެކިއެކި މަގާމުތައް އަދާކުރައްވާ ބޭފުޅުންގެ ހައިސިއްޔަތުން އެ ކޮމިޝަންގައި ތިއްބަވާ މެމްބަރުން އުނިކުރުމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރަކު ވެސް ޖޭއެސްސީގައި ހިމެނިވަަޑައިނުގަންނަވާ ގޮތަށް ބަދަލުކުރަން ބިލުގައި އެބަ އޮތެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރަކު ކޮމިޝަނުގައި ހިމަނަން ބިލުގައި ބުނެފައި އޮތަސް އެ މެމްބަރަށް ވެސް މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.

ބިލު ހުށަހެޅުއްވުމަށް ފަހު މިއަދު ކުރެއްވި ޓްވީޓެއްގައި ތޯރިގު ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ހުށަހެޅުއްވީ އެއީ ފަސްކުރެވެން ނެތް، "މިހާރުން މިހާރަށް ކުރަން ޖެހިފައިވާ ކަމެއް" ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

ޖޭއެސްސީ ގައި ހިމަނަން ތޯރިގު ހުށަހެޅުއްވި މެމްބަރުން:

1- އުއްތަމަފަނޑިޔާރު.

2- ހައި ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް.

3- ދަށު ކޯޓްތަކުން އިންތިހާބުކުރާ ފަނޑިޔާރެއް.

4- ވަކީލުން އިންތިހާބުކުރާ ވަކީލެއް.

5- ޔުނިވާސިޓީތަކުގައި ޝަރީއާ ކިޔަވައިދެއްވާ ލެކްޗަރާއިންްގެ ތެރެއިން އިންތިހާބުކުރާ ލެކްޗަރާ އެއް.

6- ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައި، މަޖިލީހުން ރުހުންދޭ ތަޖުރިބާ ކާރެއް.

ޖޭއެސްސީ މިހާރު އޮތް ގޮތުން އެ ކޮމިޝަނުގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ތިއްބަވަ އެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅަކާއި އެޓާނީ ޖެނެރަލާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ މެމްބަރަކު ވެސް ކޮމިޝަނުގައި މިހާރު ހިމެނިވަޑައިގަންނަވަ އެވެ. އެހެންވެ، ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީ އަށް މިހާރު ހުށަހަޅާ މައްސަލަތައް ނިމެނީ ސިޔާސީ މީހުން ބޭނުންވާ ގޮތަށް ކަމަށް ބުނެ ޝަކުވާ ވަރަށް ގިނަ އެވެ.

އެ ކޮމިޝަން އެކުލެވިގެންވާ ބަދަލުކުރުމަކީ އެމްޑީޕީގެ ވެސް ވައުދެކެވެ. އެކަމަކު، ނޮވެމްބަރު 17، 2018 ގައި މި ވެރިކަން ހިންގަން ފެށި ފަހުން އެ ވައުދު ފުއްދައިފައެއް ނުވެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި، އެކަމާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަަކަށް ޖަވާބުދެއްވަމުން އެ އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ދައުރު ނިމުނުގެ ކުރިން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށް، އެ ކޮމިޝަން މިނިވަން ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުޅި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޖޭއެސްސީ އަށް ގެންނާނެ ބަދަލާ ބެހޭ ގޮތުން ބައެއް ގާނޫނީ މާހިރުންގެ ލަފާ ހޯއްދަވައިފަ އެވެ. އެކަން ރައީސް ނިންމަވާނީ އެ ބޭފުޅުންގެ ހިޔާލާއި މަޝްވަރާއާ އެކު ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

"އެ މަސައްކަތް ހަމަ މި ދައުރުގެ ތެރޭގައި ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން ބޭނުންވަނީ،" އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ބޮޑު ކަމަކަށް ވާނެ ކަމަށާއި އެއީ ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާކުރަން ކުރެވޭ އެންމެ މުހިއްމު އެއް ކަަންތަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.