Roadha Mihaaru
ކުރީގެ ޕީޖީ މުހުތާޒު މިނިވަން ކޮށްފި

ކުރީގެ ޕީޖީ މުހުތާޒު މިނިވަން ކޮށްފި

22 ނޮވެމްބަރ 2018

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި 17 އަހަރަށް ޖަލަށްލި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން މިއަދު ހައިކޯޓުން މިނިވަން ކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި 17 އަހަރަށް ޖަލަށްލި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން މިއަދު ހައިކޯޓުން މިނިވަން ކޮށްފި އެވެ.

އިސްތިއުނާފުގެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން މިއަދު ވަނީ ކްރިމިނަލް ކޯޓުން މުހުތާޒުގެ މައްޗަށް ހުކުމްކޮށްފައިވާ 17 އަހަރުގެ ހުކުމް ބާތިލްކޮށް މުހުތާޒު މިނިވަން ކުރަން އަންގައިފަ އެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ، މުހުތާޒު ގެންދަވަނީ 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުން އެ ހުކުމް ކުރީ 2016 ވަނަ އަހަރުގެ ޖޫން މަހު 9 ވަނަ ދުވަހު އެވެ.

އެ މައްސަލާގައި ދެން ހައްޔަރު ކުރި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ވެސް ވަނީ ހައިކޯޓުން މިނިވަން ކޮށްފަ އެވެ.

މުހުތާޒުގެ މައްޗަށް ތުހުމަތު ކުރާ އިތުރު ދެ މައްސަލައެއް ކުރިިނަލް ކޯޓުން މިދިޔަ މަހު ވަނީ ބޭރުކޮށްލައިފަ އެވެ. މުހުތާޒަށް ކުރި ދައުވާތަކުގެ ތެރެއިން ބާތިލު ކުރީ، ވަކި އަސްލެއް އޮތް އެއްޗެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ އެވެ.

މުހުތާޒަކީ ރައީސް ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރި ބޭފުޅެއް ނަމަވެސް 2016 ވަނަ އަހަރުގެ ފަހުކޮޅު ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރުން ވަނީ މުހުތާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދައި، މުހުތާޒް އެ މަގާމުން ދުރުކޮށްފަ އެވެ.