Roadha Mihaaru
އިސޫ ދޫކޮށްލީ ނުރައްކަލެއް ނެތް ކަމަށް ބަލާފައި

އިސޫ ދޫކޮށްލީ އާއިލާއެއް ބަލަހައްޓާތީ އާއި މުޖްތަމައުއަށް ނުރައްކަލެއް ނެތުމުން: ކޯޓު

13 ޖުލައި 2023

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ދައުވާލިބޭ އިސްމާއިލް އަބްދުއްރަހީމް (އިސޫ) ދޫކޮށްލަން ކްރިމިނަލް ކޯޓުން ގިނަ ސަބަބުތަކެއް ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ދައުވާލިބޭ އިސްމާއިލް އަބްދުއްރަހީމް (އިސޫ) ދޫކޮށްލަން ކްރިމިނަލް ކޯޓުން ގިނަ ސަބަބުތަކެއް ދައްކައިފި އެވެ.

ގާޟީ މުހައްމަދު މިސްބާހު ނެރުއްވި އަމުރުގައި ވިދާޅުވީ ޖޫން 27، 2022 ގެ އަމުރު ބާތިލްކުރީ ބަންދާ މެދު ގޮތެއް ނިންމުމަށް ދެ ފަރާތުން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް، އިސޫ ބަންދުގައި ބަހައްޓަން އިތުރަށް ނުފެންނާތީ ކަމަށެވެ. އޭނާ ދޫކޮށްލީ ޓެގް އަޅުވައި، ޕާސްޕޯޓް ހިފެހެއްޓުމަށްފަހު އެވެ.

ރިލްވާންގެ މައްސަލައިގައި އިސޫގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ. މި ދައުވާ ކުރަނީ ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައިި ރިލްވާން ރަހީނުކޮށް، މަރާލުމަށް 2014 ވަނަ އަހަރު އޭނާއަށް ފާރަލައި، އެކަމުގައި އެހީތެރިވެދީފައިވާތީ އެވެ.

މީގެ އިތުރުން މަރާލާފައި ބްލޮގަރު ޔާމީން ރަޝީދު އެކި ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔަމުންދާ ކަމަށް ބުނެ އޭނާ މަރާލުމަށްޓަކައި 2017 ވަނަ އަހަރު އޭނާއަށް ފާރަލައި އެހީތެރިވެދީފައިވާ ކަމަށް ތުހުމަތުކުރެ އެވެ. މި މައްސަލައިގައި ވެސް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ.

އިސޫ ދޫކޮށްލަން ކޯޓުން ރިއާޔަތްކުރި ކަންކަމުގެ ތެރޭގައި، އޭނާގެ ކުށުގެ ރިކޯޑެއް ނެތުމާއި ކުށުގެ ވެށީގައި އާއްމުކޮށް އުޅޭ މީހުންނާ ތަފާތުކޮށް، އާއިލީ ދިރިއުޅުމެއްގައި އުޅޭ މީހަކަށް ވުން ހިމެނެ އެވެ. އަދި އޭނާ މާލޭގައި ފިހާރައެއްގެ މެނޭޖަރެއްގެ ވަޒީފާ އަދާ ކުރާތީ އޭނާއަކީ އެ މަސައްކަތުން ލިބޭ އާމްދަނީން ޒިންމާދާރު ގޮތެއްގައި އާއިލާ ބަލަހައްޓަމުން އަންނަ މީހެއް ކަމަށް ބެލެވޭ ކަމަށް ވެސް އަމުރުގައިވެ އެވެ.

އޭގެ އިތުރުން އޭނާއަކީ އިޖުތިމާއީ އެކިއެކި މަސައްކަތުގައި އެހީތެރިވެ އުޅޭ މީހެއް ކަމަށް ބެލެވޭނެ ހެކި ހުށަހަޅާފައިވާ ކަމަށް ގާޒީ މުހައްމަދު މިސްބާހު ނެރުއްވި އެ އަމުރުގައިވެ އެވެ.

މި މައްސަލައިގެ އަސްލަކީ މީހަކު މަރާލުމާއި ގެއްލުވާލުން ކަމަށް ވާއިރު އެއިން ކަމެއްގައި އިސޫގެ ބައިވެރިވުން އޮތްކަމަށް ދައުވާގައި ބަޔާންކޮށްފައި ނެތް ކަމަށާއި އަދި އިސޫގެ މައްޗަށް ދައުވާ ކުރަނީ ފާރަލުމާއި އެހީތެރިވުމުގެ ދައުވާ ކަން ވެސް އަމުރުގައި ފާހަގަ ކޮށްފައިވެ އެވެ.

ކުށުގެ އަމަލު ހިންގާފައިވަނީ މީގެ އަށް އަހަރު ކުރިން ކަމަށް ވާއިރު، މިދިޔަ އަހަރު ދައުވާ އުފުލުމާ ހަމައަށް އިސޫ ބަންދުކޮށްފައި ނެތްކަން އަމުރުގައި ފާހަގަ ކޮށްފައިވެ އެވެ. އެ މުއްދަތުގައި މުޖުތަމައުއަށް ނުރައްކަލެއް އޭނާގެ ކިބައިގައި ފޯރާފައިވާކަން އެނގެން ނެތުމާއި އޭނާގެ ގައިގައި ޓެގު އެޅުވުމަށާއި އޭނާ އުޅޭނޫޅޭ ގޮތް ބެލުމުގެ ފުރުސަތު ތަހުގީގީ އިދާރާތަކަށާއި ޕްރޮސިކިއުޝަނަށް ފަހިކޮށްދީފައިވާތީ މުޖުތަމައުއަށް އޮންނަ ނުރައްކަލުގެ އިހުތިމާލު އެކަންކަމުގެ އަލީގައި ކުޑަކުރެވޭނެ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

އިސޫއާ ދެކޮޅަށް ހުށަހަޅާފައިވާ ގިނަ ހެކިތަކަކީ ސިއްރު ހެކިތަކެއް ކަމަށްވާތީ ހެކިންނަށް ނުފޫޒު ފޯރުމުގެ ފުރުސަތު ކުޑަ ކަމަށް އަމުރުގައި ބުނެފައިވެ އެވެ. އަދި އޭނާގެ މާލީ މުއާމަލާތްތައް ތަހުގީގީ އިދާރާތަކާ ހިއްސާކުރަން މަގުފަހިކޮށްދީފައިވާތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އަމުރުގައިވެ އެވެ.

އަމުރުގައިވާ ގޮތުން ބައެއް ހެކިންނަށް މިހާރު ވެސް ނުފޫޒު ފޯރުވާ ކަމަށާއި އެހެންކަމުން އިސޫ ބަންދުން ދޫކޮށްލައިފިނަމަ ހެކިންނަށް ނުފޫޒު ފޯރުވާނެ ކަމަށް ދައުލަތުން ބުނެފައި ވިޔަސް، މިހާތަނަށް ހެއްކަށް ނުފޫޒު ފޯރުވަނީ އިސޫގެ ފަރާތުން ކަމަށް ބެލެވޭކަށް ނެތެވެ.

މީގެ އިތުރުން ދައުވާއަށް އިސޫ އިންކާރު ކުރުމުގެ އިތުރުން ދިފާއީ ހެކި ހުށަހަޅައި، ދައުވާގެ ދިފާއު ބިނާ ކުރާކަން ވެސް އެ އަމުރުގައި ފާހަގަކޮށްފައިވެ އެވެ.