Roadha Mihaaru
އީ ވޯޓިންގެ ކަންބޮޑުވުންތައް ހައްލުކުރަން ތައްޔާރު

އީ ވޯޓިންގެ ކަންބޮޑުވުންތައް ހައްލުކުރަން ތައްޔާރު: އިލެކްޝަންސް

16 އޯގަސްޓް 2016

އިލެކްޓްރޯނިކް ވޯޓިން (އީ ވޯޓިން)އާ ގުޅޭ ގޮތުން އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް އުޅޭ ނަމަ އެކަން ހައްލުކޮށްދޭން ތައްޔާރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިލެކްޓްރޯނިކް ވޯޓިން (އީ ވޯޓިން)އާ ގުޅޭ ގޮތުން އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް އުޅޭ ނަމަ އެކަން ހައްލުކޮށްދޭން ތައްޔާރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އަންނަ ޖެނުއަރީ 14 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އީ ވޯޓިން ބޭނުންކުރާ ސަރަހައްދުތަކުގެ ވޯޓުލުން ބޮއިކޮޓް ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން އިއްޔެ ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.

އިންތިހާބުގައި ތިން ސަރަހައްދެއްގައި އީ ވޯޓިން ކުރި އަށް ގެންދަން އިލެކްޝަނުން ނިންމާފައިވީ ނަމަވެސް އެއީ ކޮން ސަރަހައްދުތަކެއް ކަމެއް އަދި ކަނޑައެއް ނާޅަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އީ ވޯޓިންގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށެވެ. އީ ވޯޓިންއާ ގުޅޭ ގޮތުން އެއްވެސް ކަންބޮޑުވުމެއް އެއްވެސް ފަރާތެއްގެ ހުރި ނަމަ އެކަން ހައްލު ކޮށްދޭން އެ ކޮމިޝަނުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ރަސްމީކޮށް އެމްޑީޕީން އަދި އެހެން އެއްވެސް ފަރާތަކުން ވެސް އަންގާފައެއް ނުވޭ އީ ވޯޓިންގައި ބައިވެރި ނުވާން ނިންމި ކަމެއް. އިލެކްޝަންސް ކޮމިޝަނުން އުއްމީދު ކުރަނީ އެމްޑީޕީން ވެސް އިންތިހާބު ކުރި އަށް ގެންދަން ކޮމިޝަނަށް އެއްބާރުލުން ދޭނެ ކަަމަށް،" އަކްރަމް ވިދާޅުވި އެވެ.

އީ ވޯޓިންއާ ގުޅޭ ގޮތުން ރައްޔިތުން އިތުރަށް ހޭލުންތެރި ކުރަން ވެސް، އަކްރަމް ވިދާޅުވި ގޮތުގައި، އެ ކޮމިޝަނުން މަސައްކަތް ކުރާނެ އެވެ.

އީ ވޯޓިންގައި ބައިވެރި ނުވާން ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅި ގަރާރަށް ކުރި ބަހުސްގައި ހުރިހާ މެމްބަރުން ވެސް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖެ އަށް އީ ވޯޓިން ނިޒާމެއް ބޭނުމެއް ނުވެ އެވެ. އަދި އެކަން ތައާރަފް ކުރަނީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ކަމަށާއި މި ނިޒާމުގެ ސަބަބުން މިނިވަން އިންތިހާބެއް ނުބޭއްވޭނެ ކަމަށް ވެސް ގިނަ ބޭފުޅުން ވިދާޅުވި އެވެ.

އީ ވޯޓިންގައި ބައިވެރި ނުވާން މައި އިދިކޮޅު ޕާޓީން ނިންމި އިރު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވެސް ބުނެފައި ވަނީ އީ ވޯޓިން އަށް އިތުބާރެއް ނެތް ކަމަށެވެ. މީގެ އިތުރުން، އީ ވޯޓިން ރާއްޖެއާ ނުގުޅޭ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ވަނީ އެ ކަމަށް ފާޑު ކިޔާފަ އެވެ.