Roadha Mihaaru
ޕޮގްބާ ވިއްކާލުމަކީ ރަނގަޅު ނިންމުމެއް: ޕިރްލޯ

ޕޮގްބާ ވިއްކާލުމަކީ ރަނގަޅު ނިންމުމެއް: ޕިރްލޯ

16 އޯގަސްޓް 2016

ނިއުޔޯކް ސިޓީ (އޮގަސްޓް 16) - ދުނިޔޭގެ ރެކޯޑް އަގަކަށް މެންޗެސްޓާ ޔުނައިޓެޑަށް ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ވިއްކާލި ވިއްކާލުމަކީ ޔުވެންޓަސް އިން ކުރި ރަނގަޅު ކަމެއް ކަމަށް އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ނިއުޔޯކް ސިޓީ (އޮގަސްޓް 16) - ދުނިޔޭގެ ރެކޯޑް އަގަކަށް މެންޗެސްޓާ ޔުނައިޓެޑަށް ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ވިއްކާލި ވިއްކާލުމަކީ ޔުވެންޓަސް އިން ކުރި ރަނގަޅު ކަމެއް ކަމަށް އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ބުނެފި އެވެ.

ކުޅުމުގެ ފުރުސަތު ނުލިބޭތީ ޕޮގްބާ ޔުނައިޓެޑް ދޫކޮށް ޔުވެންޓަސްއާ ގުޅުނީ 2012 ވަނަ އަހަރު އެވެ. އޭގެ ހަތަރު އަހަރު ފަހުން ޔުވެންޓަސް އިން އޭނާ ޔުނައިޓެޑަށް ވިއްކާލީ 110 މިލިއަން ޔޫރޯ (89 މިލިއަން ޕައުންޑް) އަށެވެ.

"ޔުނައިޓެޑުން 2012 ވަނަ އަހަރު ޕޮގްބާ ޔުވެންޓަސް އަށް ހިލޭ ދޫކޮށްލުމުން އޭރު ޔުވެންޓަސްގެ ކުޅުންތެރިން ޔުނައިޓެޑަށް ވަރަށް މަލާމަތްކުރި. އެއީ ފުރަތަމަ ދުވަހު ވެސް ޕޮގްބާގެ ފެންވަރު އަހަރެމެންނަށް އެނގުނު. ޔުވެންޓަސް އަށް ހިލޭ ޓްރާންސްފާއެއްގައި އައިސް ޕޮގްބާ ވަރަށް ފައިދާ ކޮށްދީފި،" ޕޮގްބާއާ އެކު ޔުވެންޓަސް އަށް ކުޅުނު ޕިރްލޯ ބުންޏެވެ.

އުމުރުން 23 އަހަރުގެ ޕޮގްބާ އަކީ ހާއްސަ ކުޅުންތެރިއެއް ކަމަށާއި ޔުނައިޓެޑްގައި އޭނާ އަށް މޮޅު ކުޅުން ފެންނާނެ ކަމަށް އުއްމީދުކުރާ ކަަމަށް ޕިރްލޯ ބުންޏެވެ.

"ޕޮގްބާގެ ފުޓްބޯޅަ ހުނަރާއި މެދު ސުވާލު އުފައްދަން ޖާގައެއް ނެތް. ޔުނައިޓެޑްގައި ޕޮގްބާގެ މޮޅު ކުޅުން ފެންނާނެ ކަމަށް އުއްމީދުކުރަން. ޕޮގްބާ އަށް ޔުނައިޓެޑްގައި މޮޅު ކުޅުން ދައްކަން ކުރިމަތިވާނެ ހަމައެކަނި ހުރަހަކަށްވާނީ އޭނާ އަގުބޮޑުވުމުން އަންނަ މީޑިއާ ޕްރެޝަރު،" ނިއުޔޯކް ސިޓީ އަށް ކުޅެމުން އަންނަ ޕިރްލޯ ބުންޏެވެ.

ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހު ބޯންމައުތާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުން ޕޮގްބާ ނުފެނުނީ ސަސްޕެންޝަނެއްގެ ސަބަބުންނެވެ. ޕޮގްބާ އެ މެޗަށް ސަސްޕެންޑްވީ މިދިޔަ ސީޒަނުގައި އިޓަލިއަން ކަޕްގައި ކުޅުނު މެޗުގައި ދެއްކި ރީނދޫ ކާޑެއްގެ ސަބަބުންނެވެ. ޔުނައިޓެޑް ޖާޒީގައި ޕޮގްބާ ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީ އަންނަ ހުކުރު ދުވަހުގެރޭ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗެވެ.