Roadha Mihaaru
ޕޮގްބާ މައްސަލައިގައި ޔުނައިޓެޑުން ގޯހެއް ނަހަދާ: ފީފާ

ޕޮގްބާ މައްސަލައިގައި ޔުނައިޓެޑުން ގޯހެއް ނަހަދާ: ފީފާ

21 ޖޫން 2017

މެންޗެސްޓާ (ޖޫން 21) – ޔުވެންޓަސްގެ ޕައުލް ޕޮގްބާ ގަތުމުގައި މެންޗެސްޓާ ޔުނައިޓެޑުން ގޯހެއް ހަދާފައިނުވާ ކަމަށާއި އެކަމަކު ޔުވެންޓަސްގެ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފީފާ އިން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (ޖޫން 21) – ޔުވެންޓަސްގެ ޕައުލް ޕޮގްބާ ގަތުމުގައި މެންޗެސްޓާ ޔުނައިޓެޑުން ގޯހެއް ހަދާފައިނުވާ ކަމަށާއި އެކަމަކު ޔުވެންޓަސްގެ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފީފާ އިން ބުނެފި އެވެ.

ޔުވެންޓަސް އިން މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް ޕޮގްބާ ވިއްކާލީ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 105 މިލިއަން ޔޫރޯ އަށެވެ. ފީފާ އިން ތަހުގީގުކުރަނީ މި ޓްރާންސްފާގެ ސީދާ ކޮން މައްސަލައެއްކަން ކަށަވަރެއް ނުވެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ފީފާ އިން ބަލަނީ މި ޓްރާންސްފާގެ މެދުވެރިއަކީ ކާކުތޯ އާއި އެފަރާތަށް ލިބުނީ ކިހާ އަދަދެއްތޯ އެވެ.

ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޑީލުގެ ދަށުން ޔުވެންޓަސް އިން ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ އަށް 41 މިލިއަން ޔޫރޯ ވަނީ ދައްކައިފަ އެވެ. ރައިއޯލާ މެދުވެރިގެން 1.7 މިލިއަން ޔޫރޯ އަށް ޕޮގްބާ 2012 ވަނަ އަހަރު ޔުވެންޓަސް އަށް ގެންދިޔައީ ފަހުން އޭނާ ވިއްކާލާއިރު އޭނާ އަށް ބޮޑު ކޮމިޝަނެއް ލިބޭ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކަން އެހެންވެފައި އޮތް ނަމަ އެއީ ފީފާ އިން މިހާރު މަނާކޮށްފައިވާ، ތާޑް ޕާޓީ އޯނާޝިޕަށް ފެތޭ ކަމެކެވެ. އެކަމަކު ރައިއޯލާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

މި މައްސަލަ ބެލުމަށް ފަހު ފީފާ އިން ޔުވެންޓަސް އަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް އަދަބެއް ދިނުން އެކަށީގެންވެ އެވެ. ނުވަތަ ބޮޑު ޖޫރިމަނާއެއްކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ރައިއޯލާ އޭޖެންޓްކަންކުރާ އޭސީ މިލާނުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮއްނަރުއްމާ މިލާނުގެ ކޮންޓްރެކްޓް އާނުކުރަން ނިންމި މައްސަލައިގައި ވެސް ރައިއޯލާ އަށް ވަނީ އިނދިލި ދިއްކުރެވިފަ އެވެ.

މިލާނުން ޑޮއްނަރުއްމާ އަށް އަހަރަކު 5 މިލިއަން ޔޫރޯގެ މުސާރައަކާއި ކެޕްޓަން ބޭންޑް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު ރައިއޯލާ ވަނީ އޭނާ ކޮންޓްރެކްޓް އާނުކުރާނެ ކަމަށް ބުނެފަ އެވެ.

މިލާނުން ވަނީ ކްލަބުގައި މަޑުކުރަން ބޭނުންނުވާ ނަމަ 100 މިލިއަން ޔޫރޯގެ ރިލީޒް އަދަދެއް ހިމެނުމަށް ފަހު ކޮންޓްރެކްޓް އާކުރަން އެދިފަ އެވެ. އެކަމަކު ރައިއޯލާ އެގޮތަށް އެއްބަސްނުވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މާނައަކީ މި ފަހަރުގެ ޓްރާންސްފާގައި އޭނާ ކުޑަ އަގަކަށް ވިއްކާލަން މިލާނަށް މަޖުބޫރުވުމެވެ. ކޮންޓްރެކްޓުގައި އެންމެ އަހަރެއް އޮތުމުން މިވަގުތު މިލާނަށް އޭނާ ވިއްކާލެވޭނީ ގިނަ ވެގެން ސާޅީހަކަށް މިލިއަން ޔޫރޯ އަށެވެ. އެއާ އެކު 100 މިލިއަން ޔޫރޯގެ އަގުހުރި ކުޅުންތެރިއަކު 40 މިލިއަނަށް ގަންނަން ލިބި، އެ ގަންނަ ކްލަބަށް ލިބޭ ބޮޑު ފައިދާ އިން އޭޖެންޓަށް ބޮޑު ކޮމިޝަނެއް ލިބުމެވެ.

އެކަމަކު މިލާނުން ވަނީ އޭނާ ކުޑަ އަގަކަށް ނުވިއްކާނެ ކަމަށް ބުނެފަ އެވެ. އަދި ކޮންޓްރެކްޓް އާނުކުރާނަމަ އަންނަ ސީޒަނުގައި އޭނާ އަށް ކުޅުމުގެ ފުރުސަތު ނުދީފާނެ ކަމަށް ވެސް ރިޕޯތްތައް ބުނެ އެވެ. މިހާރު ޑޮނަރުއްމާ އަންނަނީ ކޮންޓްރެކްޓް އާކުރުމާ މެދު އަލުން ވިސްނަމުންނެވެ.

ކުޅުންތެރިންގެ ޓްރާންސްފާގައި އޭޖެންޓުންނަށް ލިބޭ ބާރުތައް ހަނިކުރުމަށް ފަހަކަށް އައިސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.