Roadha Mihaaru
ޕެޑުން ޓެކްސް ނެގުން އުވާލަން މަޖިލީހަށް ހުށަހަޅައިފި

ޕެޑުން ޓެކްސް ނެގުން އުވާލަން މަޖިލީހަށް ހުށަހަޅައިފި

26 ނޮވެމްބަރ 2018

އަންހެނުން ބޭނުންކުރާ ޕެޑުން ޓެކްސް ނެގުން އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންހެނުން ބޭނުންކުރާ ޕެޑުން ޓެކްސް ނެގުން އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ އެވެ. މާދަމާ އެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ޕެޑުން ޓެކްސް ނެގުން އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވެވަޑައިގެންނެވި ވައުދެކެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންތައްތަކުގައި ޕެޑުން ޓެކްސް ނެގުން އުވާލުން ހިމަނާފައިވެ އެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން މެމްބަރު އަބްދުލްބާރީ ވިދާޅުވީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމާ ބެހޭ ގާނޫނަށް އޭނާ ހުށަހެޅުއްވި އިސްލާހުގައި ފާހަގަކޮށްފައިވާނީ ޕެޑު އަދި ޓެމްޕޮން އިން ޓެކްސް ނެގުން އުވާލުމަށް ކަމަށެވެ. އެއީ ރައްޔިތުންނަށް ފައިދާ ހުރި ބިލަކަށް ވުމުން އެކަމަށް ހުރިހާ މެމްބަރުންގެ ތަރުހީބު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެމްޕޮން އަކީ ވެސް މައްސަރުކަންތައް ޖެހުމުން، ޕެޑުގެ ބަދަލުގައި ބައެއް މީހުން ބޭނުންކުރާ އެއްޗެކެވެ.

ޕެޑުން ޓެކްސް ނެގުން ހުއްޓާލުމަށް ގޮވާލައި 2016 ވަނަ އަހަރު ސޯޝަލް މީޑިއާގައި #Massarutax" ނަމުގައި ކެމްޕެއިނެއް ކުރިއަށްގެންދިޔަ އެވެ. އަދި އެކަމަކާ ދެކޮޅަށް ބަޔަކު އިސް ނަގައިގެން އޮންލައިން ޕެޓިޝަނެއް ވެސް ހަދާފައި ވެ އެވެ.

މައްސަރު ކަންތައް ޖެހުމުން ބޭނުން ކުރާ ޕެޑަކީ އަސާސީ އެއްޗެއްގެ ގޮތުގައި ޖީއެސްޓީ ނަގާއިރު ނުބަލަ އެވެ. އެހެންވެ، އާއްމު ރޭޓުން، ހަ ޕަސެންޓުގެ ޖީއެސްޓީއެއް ޕެޑުން ނަގަ އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުން ވަނީ އަންހެނުން ބޭނުން ކުރާ އަސާސީ ބައެއް އެއްޗެހިން ޓެކްސް ނެގުން ހުއްޓާލައިފަ އެވެ.