Roadha Mihaaru
ވިޕްލައިނާ ދެކޮޅު ހެދުމުން އާޒިމަށް ނަސޭހަތް ދީފި

އެމްޑީޕީގެ ވިޕްލައިނާ ދެކޮޅު ހެދުމުން އާޒިމަށް ނަސޭހަތް ދީފި

05 ފެބުރުއަރީ 2023

މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ވިޕްލައިނާ ދެކޮޅު ހެދުމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ފިޔަވަޅު އަޅައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ވިޕްލައިނާ ދެކޮޅު ހެދުމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ފިޔަވަޅު އަޅައިފި އެވެ.

އެ ސިޓީ މިއަދު ލިބިވަޑައިގަތުމާ ގުޅިގެން، ސިޓީގެ ފޮޓޯއަކާއެކު އާޒިމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އޭގައި ސޮއިކުރައްވައި ޖައްސަވާފައި އޮތީ 16 ނޮވެމްބަރު 2022 ގެ ތާރީހު ކަމަށެވެ.

"...ސިޓީ ލިބުނީ ބަރަވެލި ދުވެލީގަ މިއަދު. ސޮއިކުރި ތާރީހް ކަމަށް އޮތީ 16 ނޮވެމްބަރު 2022،" އެމްޑީޕީގެ އެތެރޭގެ ފެކްޝަންގެ ކޯޅުމުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއެކު ހުންނެވި އާޒިމް ވިދާޅުވި އެވެ.

އެ ސިޓީގައި އަސްލަމް ވިދާޅުވީ، ކުރިން ހުއްދައަކަށް އެދުމަކާ ނުލައި ވިޕްލައިނަށް އަމަލުނުކުރުމާއި މަޖިލީހަށް ހާޒިރުނުވުމާއި އަދި ވޯޓުގައި ބައިވެރިނުވުމަކީ ވެސް ކުށެއް ކަމަށެވެ. ވިޕްލައިނާ ހިލާފު ނުވުމަށާއި އެއާ އެއްގޮތަށް ވޯޓު ދިނުމަށް އާޒިމަށް ނަސޭހަތްތެރިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގައި ހުންނެވި އަސްލަމް ސިޓީގައި ވިދާޅުވި އެވެ.

...ސިޓީ ލިބުނީ ބަރަވެލި ދުވެލީގަ މިއަދު. ސޮއިކުރި ތާރީހް ކަމަށް އޮތީ 16 ނޮވެމްބަރު 2022،"--- އާޒިމް

ޖީއެސްޓީ ބޮޑުކުރުމުގެ ބިލް ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ވަގުތު ތިއްބެވި 82 މެންބަރުންގެ ތެރެއިން 55 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއިރު، އޭގެ ތެރޭގައި އެމްޑީޕީގެ 14 މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ.

އެ ސިޓީ ލިބުން ލަސްވުމުން އާޒިމް ހިތްހަމަނުޖެހުން ފާޅުކުރެއްވިއިރު، އޭނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ނަޝީދުގެ ފަޅީގައި ތިއްބެވި އެ ޕާޓީގެ މެމްބަރުން ވަނީ މި ސަރުކާރުން ކުރާ މަސައްކަތްތައް ނިންމުން ލަސްވާތީ އެކަމަށް ވެސް ވަރަށް ބޮޑަށް ވިދާޅުވެފަ އެވެ.

ޕީޖީ ގްރޫޕްގެ ވިޕްލައިނާ ހިލާފުވާ މެމްބަރުންނަށް ފިޔަވަޅު އަޅަން އެމްޑީޕީން ފަށާފައިވާއިރު، މަޖިލީހުގައި ނަގާ ވޯޓުގައި ވިޕްލައިނާ ހިލާފަށް ވޯޓުދިނުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު މާދަމާ ފަށާނެ އެވެ.