Roadha Mihaaru
ޓެކްސް ބިލަށް ވޯޓަށް ނާހައި ނިންމާލުމުން ހޫނުވެއްޖެ!

ޓެކްސް ބިލަށް "ހުރަސް އަޅަން" ކޯރަމް ނެތް ކަމަށް ބުނެ ޖަލްސާ ނިންމާލައިފި

14 ނޮވެމްބަރ 2022

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލު ފާސްކުރަން މިއަދު ނިންމާފައި ވަނިކޮށް، ވޯޓަށް ނާހައި މަޖިލީހުގެ ޖަލްސާ ނިންމާލުމުން އެމްޑީޕީގެ ސަރުކާރު ފަޅީގެ މެމްބަރުން ރުޅިގަދަ ވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލު ފާސްކުރަން މިއަދު ނިންމާފައި ވަނިކޮށް، ވޯޓަށް ނާހައި މަޖިލީހުގެ ޖަލްސާ ނިންމާލުމުން އެމްޑީޕީގެ ސަރުކާރު ފަޅީގެ މެމްބަރުން ރުޅިގަދަ ވެއްޖެ އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ސަރުކާރުން ފޮނުވި ގޮތަށް ކޮމިޓީ މަރުހަލާގައި ފާސްކުރުމަށް ފަހު މިއަދު މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ.

މަޖިލީހުގެ އެހެން މަސައްކަތްތައް ނިންމާލުމަށް ފަހު، އެޖެންޑާގެ އެންމެ ފަހަތުގައި އޮތް ޓެކްސް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމުގެ ފުރުސަތަށް އެދުމަށް ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް ހުޅުވައިލި އެވެ.

ނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ އަޣުލަބިއްޔަތު އޮތް މަޖިލީހުގައި ތިބި އެއްވެސް މެމްބަރަކު ބަހުސް ކުރުމުގެ ފުރުސަތަށް އެދިވަޑައެއް ނުގެންނެވި އެވެ.

އާންމު އުސޫލުން ނަމަ ބަހުސް ކުރަން އެއްވެސް މެމްބަރަކު ފުރުސަތަށް އެދިވަޑައިގެންފައި ނުވާ ނަމަ ބަހުސް ނިމުނީ ކަމަށް ރިޔާސަތުން ކަނޑައަޅައި އެ ބިލެއް ފާސްކުރުމާ މެދު ގޮތެއް ނިންމަން ވޯޓަށް އަހާނީ އެވެ.

އެކަމަކު، އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ފެކްޝަން ކޯޅުމުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި އުޅުއްވާ އަފީފު އެ ފުރުސަތު ނުދެއްވައި، ކޯރަމް ހަމަނުވާ ކަމަށް ވިދާޅުވުމަށް ފަހު ޖަލްސާ ނިންމާލިކަން އިއުލާނު ކުރެއްވީ އެވެ.

"އެއްވެސް އިއްޒަތްތެރި މެމްބަރަކު [ވާހަކަ ދައްކަން ފުރުސަތަކަށް] އެދިވަޑައިގެންފައެއް ނެތް. އަދި މި ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ވެސް ނެތް،" ޖަލްސާ ނިންމަވާލައްވަމުން އަފީފް ވިދާޅުވި އެވެ.

ރިޔާސަތުން އެކަން އިއުލާން ކުރެއްވުމާއެކު މަޖިލީހުގައި ތިއްބެވި މެމްބަރުން ތަޅުމުގައި އަޑުގަދަ ކުރަައްވަން ފެއްޓެވި އެވެ. ނަމަވެސް އެކަމަށް ބެއްލެވުމެއް ނެތި، މާދަމާ ޖަލްސާ އޮންނާނެ ކަމަށް އިއުލާން ކުރައްވައި މަޖިލިސް ނިންމާލިކަން އަފީފު އިއުލާނު ކުރެއްވީ އެވެ.

އެ މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގައި މިއަދު ވިސްނުން ހުރީ ސަރުކާރުން ފޮނުވާފައިވާ ޓެކްސް ބިލަށް ވޯޓަށް އެހުމަށް ކަމަށެވެ. އެ ފުރުސަތު އޮއްވައި ރިޔާސަތުން އެކަން އިތުރަށް ލަސްކުރުމަށް ވޯޓަށް ނާހައި ނިންމާލި ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގައި ޖީއެސްޓީ އަށް ވޯޓަށް ނަގަން އިތުރަށް ވާހަކަ ދައްކައިގެން އެހެން ކަންކަން ކޮށްގެން ލަސް ކުރުމަށް މިދަނީ އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ ތެރޭގައި ވަކިވެގަނެގެން އުޅޭ މެމްބަރުންތަކެއް ގުޅިގެން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މެމްބަރު ގަފޫރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މަޖިލިހުގެ ޖަލްސާތައް ގަވައިދާ ހިލާފަށް ހިންގާ ކަމާއި އެއީ ބަޣާވާތެއް ކަމަށް ސިފަ ކޮށް ޓުވީޓު ކުރައްވައިފަ އެވެ.

ޓެކްސް ބިލު ފާސް ކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވާ އިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް މިއަދު ވަނީ މަޖިލީހުގައި އެ މައްސަލާގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

އޭގެ އިތުރުން މަޖިލީހުގެ ބޭރުގައި ވެސް ޕީޕީއެމްގެ އާންމު މެމްބަރުން ދިޔައީ ޓެކްސް ބިލު ފާސްކުރުމާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރަމުންނެވެ.