Roadha Mihaaru
ޕެޑުން ޓެކްސް ނެގުން ހުއްޓާލަން ގޮވާލާ ކެމްޕޭނެއް

ޕެޑުން ޓެކްސް ނެގުން ހުއްޓާލަން ގޮވާލާ ކެމްޕޭނެއް ފަށައިފި

29 އޯގަސްޓް 2016

އަންހެނުން ބޭނުން ކުރާ ޕެޑުން ޖީއެސްޓީ ނެގުން ހުއްޓާލަން ގޮވާލައި އިއްޔެ ކެމްޕޭނެއް ފަށައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އަންހެނުން ބޭނުން ކުރާ ޕެޑުން ޖީއެސްޓީ ނެގުން ހުއްޓާލަން ގޮވާލައި އިއްޔެ ކެމްޕޭނެއް ފަށައިފި އެވެ.

މައްސަރު ކަންތައް ޖެހުމުން ބޭނުން ކުރާ ޕެޑަކީ އަސާސީ އެއްޗެއްގެ ގޮތުގައި ޖީއެސްޓީ ނަގާއިރު ނުބަލަ އެވެ. އެހެންވެ، އާއްމު ރޭޓުން، ހަ ޕަސެންޓުގެ ޖީއެސްޓީއެއް ޕެޑުން މިހާރު ނަގަ އެވެ.

އެކަމަކާ ދެކޮޅަށް ބަޔަކު އިސް ނަގައިގެން މިހާރު ވަނީ އޮންލައިން ޕެޓިޝަނެއް ހަދައިފަ އެވެ. ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް ހަދާފައިވާ މި ޕެޓިޝަންގައި މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.

ޕެޑުން ޓެކްސް ނެގުމާ ދެކޮޅު ކެމްޕޭން ފެށި ޝަފާ ރަމީޒް ބުނި ގޮތުގައި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ނެޕީން ޖީއެސްޓީ ނުނަގާއިރު، ޕެޑުން ވެސް ޓެކްސް ނަގައިގެން ނުވާނެ އެވެ. އާއްމު ހާލަތުގައި ކޮންމެ އަންހެނަކު ވެސް މައްސަރު ކަންތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކޮށް އޭނާ ބުނީ ސޯޝަލް މީޑިއާގައި ހިންގާ ކެމްޕޭނުގެ ސަބަބުން މި މައްސަލައާ ގުޅޭ ގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރުވެ، ޕެޑުން ޓެކްސް ނެގުން ހުއްޓޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

"މިހާރު މި އޮތް ގޮތުން ގުދުރަތީ ގޮތުން ބަޔަކަށް ކުރިމަތިވާ ކަމަކުން ޓެކްސް މި ނަގަނީ،" ޝަފާ ބުންޏެވެ.

"#Massarutax"ގެ ނަން ދީފައިވާ ކެމްޕޭނަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ ތާއީދު ކުރައްވައިފަ އެވެ. ޓުވިޓާގައި އެ ކެމްޕޭނާ އެއްކޮޅަށް ވަކާލާތު ކުރެއްވި މެމްބަރުންގެ ތެރޭގައި މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ހިމެނިވަޑައިގަންނަވަ އެވެ.

"[ޕެޑުން ޓެކްސް އުނިކުރަން] ސަރުކާރުން ހުށަހަޅައިފި ނަމަ އެއްވެސް އިއުތިރާޒެއް ނެތި ތާއީދުކުރާނަން،" މާރިޔާ ވިދާޅުވެފައިވެ އެވެ.

މާރިޔާގެ ޓުވީޓު

އީވާގެ ޓުވީޓު

ޝާހިދުގެ ޓުވީޓު

އަލީ ހުސެންގެ ޓުވީޓު

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެއްވެސް ޓެކްސްއެއް ނަގަން ނުވަތަ އުނިކުރަން ހުށަހެޅޭނީ ހަމައެކަނި ސަރުކާރަށެވެ.

"އެހެންވެ، މިކަން ކުރެވެން އަންނަނީ ސަރުކާރުގެ އެއްބާރުލުން ލިބިގެން. އަޅުގަނޑުމެން އުއްމީދު ކުރަނީ ސޯޝަލް މީޑިއާގައި މި ކުރާ މަސައްކަތުން ސަރުކާރުގެ ސަމާލުކަން ލިބޭނެ ކަމަށް،" ޝަފާ ބުންޏެވެ.

ރާއްޖޭގައި މިހާރު ޖީއެސްޓީ ނުނަގަނީ ގިނައިން ކާއެއްޗެހިންނެވެ. އޭގެ އިތުރުން ދެން ހިމެނެނީ ތެލުގެ ބާވަތްތަކާއި ކައްކާ ގޭސް އަދި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ނެޕީ އެވެ. އަސާސީ މުދަލުގެ ގޮތުގައި ބަލާ މި ތަކެއްޗަކީ ޖީއެސްޓީ ގާނޫނުގައި ހިމަނާފައިވާ ލިސްޓަކަށް ވާއިރު، އެ އަށް އުނި އިތުރު ގެނެވޭނީ މަޖިލީހަށް ހުށަހަޅައިގެން ގާނޫނަށް ގެންނަ އިސްލާހަކުންނެވެ.

އިނގިރޭސި ވިލާތާއި ކެނެޑާ ފަދަ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުން ވަނީ އަންހެނުން ބޭނުން ކުރާ އަސާސީ ބައެއް އެއްޗެހިން ޓެކްސް ނެގުން މި ފަހުން ހުއްޓާލައިފަ އެވެ. އޭގެ ތެރޭގައި ޕެޑާއި މައްސަރު ކަންތައް ޖެހުމުން ބޭނުން ކުރާ އެހެން ބައެއް ތަކެތި ވެސް ހިމެނެ އެވެ.