Roadha Mihaaru
ދެ ބޭފުޅުން ވެސް އެއް ކަމެއްގައި، މިހާރު މިނިސްޓަރުން

ދެ ބޭފުޅުން ވެސް ދެ ގައުމުގައި ކުރެއްވީ އެއް ކަމެއް، މިހާރު މިނިސްޓަރުން

30 ނޮވެމްބަރ 2018

ރާއްޖޭގެ އެންމެ ޒުވާން އެއް މިނިސްޓަރާއި މެލޭޝިއާގެ އެންމެ ޒުވާން މިނިސްޓަރުގެ އެއްގޮތް ކަންތައްތަކެއް ހުއްޓެވެ؛ ދެ ބޭފުޅުން ވެސް މަސައްކަތްކުރެއްވީ ހުދުމުހުތާރު، ކޮރަޕްޝަން ބޮޑު ވެރިންތަކެއްގެ މައްޗަށް ކާމިޔާބު ހޯއްދަވާށެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ރާއްޖޭގެ އެންމެ ޒުވާން އެއް މިނިސްޓަރާއި މެލޭޝިއާގެ އެންމެ ޒުވާން މިނިސްޓަރުގެ އެއްގޮތް ކަންތައްތަކެއް ހުއްޓެވެ؛ ދެ ބޭފުޅުން ވެސް މަސައްކަތްކުރެއްވީ ހުދުމުހުތާރު، ކޮރަޕްޝަން ބޮޑު ވެރިންތަކެއްގެ މައްޗަށް ކާމިޔާބު ހޯއްދަވާށެވެ.

އެންމެ ފަހުން ރާއްޖޭގެ މިހާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު، 38، އާއި މެލޭޝިޔާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ސައްޔިދު ސޯދިގު، 25، ކާމިޔާބު ހޯއްދެވި އެވެ. މީގެ ކުރިން ސޯދިގާއި މަހުލޫފް ބައްދަލުވީ މެލޭޝިއާ އިންނެވެ. އޭރު އެ ގައުމުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް ގެންނަވަން އޭނާ ދިޔައީ މަސައްކަތްކުރައްވަމުނެވެ. އަދި ރާއްޖޭގެ އޭރުގެ ރައީސް އަބްދުﷲ ޔާމީނާ އެންމެ ދެކޮޅު އެއް ބޭފުޅަކީ މަހުލޫފެވެ.

ދެ ގައުމުގެ އިންތިހާބު އިދިކޮޅު ޕާޓީތަކުން ކާމިޔާބުކުރުމާ އެކު މި ޒުވާން ސިޔާސީ ދެ ބޭފުޅުންނަށް ވެސް ލިބިވަޑައިގަތީ ޒުވާނުންނާ ގުޅޭ ދެ ދާއިރާއެކެވެ. އަދި އޭގެ ފަހުން މަހުލޫފާއި ސޯދިގު ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވީ އިއްޔެ ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގަ އެވެ.

"މިއަދު އަޅުގަނޑުމެން ދެ މީހުން މި ބައްދަލުވި އިރު ދެ މީހުންނަކީ ވެސް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުން،" ސްރީ ލަންކާގައި އޮތް ޔޫތު ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަން ކުރެއްވި ދަތުރުގައި، ދެ ބޭފުޅުން ބައްދަލުކުރެއްވުމަށް ފަހު، މަހުލޫފް ކުރެއްވި ޓުވީޓެއްގައި ލިއުއްވި އެވެ.

"ރާއްޖެއަށް އެހީތެރިވާން އޭނާ [ސޯދިގު] ހުންނެވީ ތައްޔާރަށެވެ."

މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު ނަޖީބުގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ހޯދީ ހައިރާންކުރުވަނިވި ކާމިޔާބީއެކެވެ. އެކަމަކު މެލޭޝިއާއާ ހިލާފަށް ރާއްޖޭގައި އޮތް ރިޔާސީ އިންތިހާބުގެ ކުރިން ވެސް ޔާމީނަށް ވުރެ ކުރީގައި އުޅުނީ އިދިކޮޅު ފަރާތްތަކުންކަން ލަފާކުރެވުނެވެ.

ނަޖީބާއި ޔާމީންގެ ވެރިކަމުގައި ދެ ބޭފުޅުންގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެކެވެ.

ނަޖީބުގެ މައްޗަށް ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. އޭނާގެ އެކައުންޓްތަކުގައި 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހުރިކަން، އިންތިހާބުގެ ކުރިން އޮތީ ފަޅާއަރައިފަ އެވެ. އެކަމަކު އެއީ ސިޔާސީ ކަންކަމަށް އެހީތެރިވާން ސައުދީ އަރަބިއްޔާ އިން ދިން އެހީއެއް ކަމަށް އޭރު އޭނާ ވިދާޅުވި އެވެ.