Roadha Mihaaru
މިނިސްޓަރު އަސްލަމަށް އެއް ލައްކަ ޑޮލަރުގެ ރިޝްވަތެއް!

މަޝްރޫއެއް އަވަސް ކޮށްދިނުމަށް އެދި އެއް ލައްކަ ޑޮލަރު ހުށަހެޅި: އަސްލަމް

01 ޑިސެމްބަރ 2018

މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް "އެއް ލައްކަ ޑޮލަރު"ގެ ހުށައެޅުމެއް އޭނާއަށް އައި ކަމަށާއި އެކަމަކު ކޮރަޕްޝަންގެ ތެރެއިން މަޝްރޫއުތައް ހަވާލުނުކުރައްވާނެ ކަމަށް، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް "އެއް ލައްކަ ޑޮލަރު"ގެ ހުށައެޅުމެއް އޭނާއަށް އައި ކަމަށާއި އެކަމަކު ކޮރަޕްޝަންގެ ތެރެއިން މަޝްރޫއުތައް ހަވާލުނުކުރައްވާނެ ކަމަށް، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ޗަމްޕާ އާއިލާގެ އަލިފުޅު ތުއްތު ފައުންޑޭޝަނާއި މީރުފެންފުށި އައިލެންޑް ރިސޯޓް ގުޅިގެން ދިއްފުށީގައި 4 މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) ހޭދަކޮށްގެން ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެގޮތަށް މެސެޖް ފޮނުވަނީ ސަރުކާރުގެ މަޝްރޫއުތައް ދިނުމުގައި ކޮރަޕްޝަން އޮންނާތީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއް ލައްކަ ޑޮލަރު (1.5 މިލިއަން ރުފިޔާ) ހުށައެޅީ ސަރުކާރުން ކުރިއަށް ގެންދަން ނިންމައި އެކަމަކު އަދި ހަވާލުނުކުރެވި އޮތް މަޝްރޫއުއަކާ ގުޅިގެންނެވެ.

"މެސެޖު ފޮނުވި މީހާ ބުނަނީ މަސައްކަތް އަވަސްކޮށްލަ ދެވިދާނެހޭ. އެއް ލައްކަ ޑޮލަރު އަސްލަމަށޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ބައެއް އެހެން މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑު އެރީ ރަތަށް. ދުވަހަކު ވެސް މީގެ ކުރިން އަޅުގަނޑު ކައިރީ ނުބުނާ ޒާތުގެ ވާހަކައެއް މިއީ."

އޭނާ ވިދާޅުވި ގޮތުގައި އެކަމުން އެނގެނީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ކޮރަޕްޝަން ހިމެނޭކަން އާންމުކޮށް ގަބޫލުކުރެވިފައި އޮތް މިންވަރެވެ. އަދި މިނިސްޓަރުންނަށް އެފަދަ މެސެޖުތައް ކުރަނީ ވެސް އެހެންވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އަސްލަމު ވިދާޅުވީ އެފަދަ ކަންކަމުން ދުރުވަން ޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރުގެ މަޝްރޫއުތައް ހިންގުމުގައި ވަކި ތަރުތީބެއް ހާމަކުރެވެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަނުގެ ތެރެއިން މަސައްކަތްތައް ހަވާލުކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ކޮށްދޭ އެފަދަ ކަންކަން ކުރާނީ ހާމަކަން ބޮޑު ގޮތެއްގައި އަދި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިންނެވެ.

"އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެން ގޭގައި މަސައްކަތްތަކެއް ކުރާކަށް ނޫން. ރައްޔިތުންނަށް ވައުދުތަކެއް ވެގެން އިހްލާސްތެރިކަމާ އެކު މަސައްކަތްތަކެއް ކުރުމަށް. މީގެ ތެރެއިން ނެއްޓިގެންދާ ކަމުގައިވާ ނަމަ އެވާހަކަތައް ވިދާޅުވަން ޖެހޭނެ. އަޅުގަނޑުމެން ހަމަ މަގަށް އަޅުވަން މަސައްކަތް ކުރަން ޖެހޭނެ،" އަސްލަމް ވިދާޅުވި އެވެ.