Roadha Mihaaru
މުއްދަތު ހަމަވިއިރު ވެސް ނިއު ޕޯޓް ވިއު ހުހެއް ނުކުރޭ

މުއްދަތު ހަމަވިއިރު ވެސް ނިއު ޕޯޓް ވިއު ހުހެއް ނުކުރޭ

12 އެޕްރީލް 2019

ބްރިޖް ބަލަން މީހުން ތިބެން އެޅި ޕްލެޓްފޯމާ އެކު ތަރައްގީކޮށް ހުޅުވި ނިއު ޕޯޓް ވިއު ރެސްޓޯރަންޓު ބަންދުކޮށް، އެ ބިން އެއް މަސްދުވަހުގެ ތެރޭގައި ހުސްކުރަން ސަރުކާރުން ދިން މުއްދަތު އިއްޔެއަށް ހަމަވިއިރު ވެސް އެތަން ހުސްނުކޮށް ވިޔަފާރި ކުރާ މައްސަލަ ފެންމަތިވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބްރިޖް ބަލަން މީހުން ތިބެން އެޅި ޕްލެޓްފޯމާ އެކު ތަރައްގީކޮށް ހުޅުވި ނިއު ޕޯޓް ވިއު ރެސްޓޯރަންޓު ބަންދުކޮށް، އެ ބިން އެއް މަސްދުވަހުގެ ތެރޭގައި ހުސްކުރަން ސަރުކާރުން ދިން މުއްދަތު އިއްޔެއަށް ހަމަވިއިރު ވެސް އެތަން ހުސްނުކޮށް ވިޔަފާރި ކުރާ މައްސަލަ ފެންމަތިވެއްޖެ އެވެ.

ހިޔާނާތުގެ ތުހުމަތުތައް ކުރެވޭ، ނިއު ޕޯޓަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލޮނިޒިޔާރަތްކޮޅުން ދީފައިވާ ބިން ހުސްކުރުމަށް މި ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން އެންގީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. މިނިސްޓްރީން އަންގާފައިވަނީ އެއް މަސް ދުވަހުގެ ތެރޭގައި އެ ތަން ހުސްކޮށް ސަރުކާރާ ހަވާލު ކުރުމަށެވެ.

ނަމަވެސް އިއްޔެ އަށް އެއްމަސް ވީއިރު ވެސް އެތަން ހުސްކޮށްފައެއް ނުވެ އެވެ. އަދި މިހާރު ވެސް ދަނީ އެތަނުގައި ވިޔަފާރި ކުރަމުންނެވެ.

ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ އެތަން ހުސްކުރަން ދިން މުއްދަތު އިތުރު ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ނިންމުން ބަދަލު ކުރަން ސަރުކާރުން ނުނިންމާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ދެން އެ މިނިސްޓްރީން ކަން ކުރަން ނިންމާފައިވާ ގޮތެއް ވިދާޅެއްނުވެ އެވެ.

އެތަން ހުސްނުކުރާ ސަބަބު ހޯދުމަށް އެ ކުންފުނީގެ ވެރިންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެ ބިން އެ ކުންފުންޏަށް ދިންއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭރު ވެރިކަން ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަދި ފަހުން ޕީއެންސީގެ ކައުންސިލްގައި ވެސް އުޅުއްވި ޒާހިދު ރަމީޒެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ޒާހިދު ވަނީ ފަހުން ދޫކޮށްލައިފަ އެވެ. ނަމަވެސް ކުންފުނި ހިންގަނީ އޭނާގެ އާއިލާއިންނެވެ.

އެ ސަރަހައްދު ހުސް ކުރަން ސަރުކާރުން ނިންމީ ބަދަލު ދޭ ގޮތަށެވެ. ނަމަވެސް ނިއު ޕޯޓް ހިންގާ ސްޓްރާޑާއިން ބޭނުންވަނީ ބަދަލު ދިނުމުގެ ކަންތައް ކޯޓުން ނިންމާށެވެ. އަދި އެ ކުންފުނިން ދެކެނީ އެއީ ސިޔާސީ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅެއް ކަމަށެވެ.

ޕްލެޓްފޯމާ އެކު ރެސްޓޯރެންޓެއް ހިންގާ ގޮތަށް އެ ސަރަހައްދު ސްޓާރާޑާ އަށް ފުރަތަމަ ދިނީ ތިން އަހަރަށެވެ. ނަމަވެސް އޭރުގެ ސަރުކާރުން ފަހުން އެ މުއްދަތު ވަނީ އަށް އަހަރަށް ބަދަލުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެތަން ކުއްޔަށް ދީފައި ވަނީ ތިން ފަހަރަށް ކުލި ބަދަލުވާ ގޮތަށެވެ. އެގޮތުން މިހާރު ވެސް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ކުލީގެ ގޮތުގައި އަންނަނީ ދައްކަމުންނެވެ. އަދި އަށް އަހަރުގެ މުއްދަތު ނިމޭއިރު އެތަނުގެ ކުލި މަހަކު 300000 އަށް އަރާނެ އެވެ.