Roadha Mihaaru
ޗަމްޕާ އާއިލާއިން ދިއްފުށީގައި ނަރުދަމާ ގާއިމްކޮށްދެނީ

އޭއެފްޓީއެފް އާއި މީރު އައިލެންޑް ރިސޯޓް ގުޅިގެން ދިއްފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަނީ

20 ފެބުރުއަރީ 2017

އަލިފުޅު ތުއްތު ފައުންޑޭޝަން (އޭއެފްޓީއެފް) އާއި މީރު އައިލެންޑް ރިސޯޓުން ހަތަރު މިލިއަން ޑޮލަރު (61.7 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކ. ދިއްފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަލިފުޅު ތުއްތު ފައުންޑޭޝަން (އޭއެފްޓީއެފް) އާއި މީރު އައިލެންޑް ރިސޯޓުން ހަތަރު މިލިއަން ޑޮލަރު (61.7 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކ. ދިއްފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ދިއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި، އޭއެފްޓީއެފްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ އިސްބޭފުޅެއް ކަމަށްވާ އަބްދުﷲ ސަލީމް އަބްދުއްސައްތާރެވެ. މީރު އައިލެންޑު ރިސޯޓް އެންޑް ސްޕާ އިން ސޮއިކުރެއްވީ އެތަނުގެ ޖެނެރަލް މެނޭޖަރު ވޯލްޓާ ކައުފްމަން އެވެ. މި މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވާ އަލްޓެކް މޯލްޑިވްސްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސީމް ވެސް އެއްބަސްވުމުގައި ސޮއިކުރެއްވި އެވެ.

މީރު އައިލެންޑަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގެ އެންމެ މަޝްހޫރު އެއް އާއިލާ ކަމަށްވާ ޗަމްޕާ އާއިލާ އިން ހިންގާ ރިސޯޓެކެވެ. އަލިފުޅު ތުއްތު ފައުންޑޭޝަނަކީ ވެސް އެ އާއިލާ އިން ހިންގަމުން އަންނަ ޖަމިއްޔާ އެކެވެ.

އޭއެފްޓީއެފް އިން ބުނީ 12،00 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ދިއްފުށީގައި މިހާރު މީހުން ދިރިއުޅެމުން އަންނަ ތަންތަނާއި އަލަށް އާބާދުކުރަން ހަމަޖެހިފައިވާ ތަންތަނަށް ވެސް، ފެނާއި ނަރުދަމާގެ ނިޒާމުން ގުޅުވާނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ދިއްފުށީގައި ހަތަރު ޕަމްޕު ސްޓޭޝަނާއި 400 ޓަނުގެ ދެ ސްޓޯރޭޖް ޓޭންކް ބަހައްޓާނެ ކަމަށް އޭއެފްޓީއެފުން ބުންޏެވެ.

އަލްޓެކް ކުންފުންޏާ މި މަޝްރޫއު ހަވާލުކުރީ ޑިޒައިން އަދި އަމަލީ މަސައްކަތާ އެކީގަ އެވެ.

ރާއްޖޭގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެ މަގުސަދުގައި 2000 ވަނަ އަހަރު އުފެއްދި ފައުންޑޭޝަނުން އަންނަނީ އެކި ރަށްރަށުގައި މިސްކިތްތަކާއި ފެނާއި ނަރުދަމާ ވެސް ގާއިމްކޮށްދެމުންނެވެ. އަދި ކޮންމެ އަހަރަކު ވެސް މަދުވެގެން ދިވެހި ދެ ދަރިވަރަކަށް ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމަށް ސްކޮލަޝިޕް ދެ އެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނުން އެކި ރަށްރަށުގައި ހަތް މިސްކިތެއްގެ މަސައްކަތް ފަށައި އޭގެ ތެރެއިން ތިން މިސްކިތެއް މިހާތަނަށް ވަނީ އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. އަދި ބާކީ ހަތަރު މިސްކިތެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.