Roadha Mihaaru
ޔޫނިއަން ހަދަން މެމްބަރުން ފުރުސަތު ދޭތޯ ބަލަބަލައި!

ޔޫނިއަން ހަދަން މެމްބަރުން ފުރުސަތު ދޭތޯ ބަލަބަލައި!

04 ޑިސެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނިމުމަކަށް އައިސް އާ ދައުރެއްގެ އިންތިޚާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ މީހުން މެމްބަރުންނަށް ހަނދާންކޮށްދޭ ކަމެއް އެބަ އޮތެވެ؛ މަސައްކަތްތެރިންގެ ޖަމާއަތްތައް ހެދުމުގެ ބާރަށް ހުރަސްއަޅާ މެމްބަރުންނާ ދެކޮޅަށް އެ މީހުން ނުކުންނާނެ އެވެ!

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނިމުމަކަށް އައިސް އާ ދައުރެއްގެ އިންތިޚާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ މީހުން މެމްބަރުންނަށް ހަނދާންކޮށްދޭ ކަމެއް އެބަ އޮތެވެ؛ މަސައްކަތްތެރިންގެ ޖަމާއަތްތައް ހެދުމުގެ ބާރަށް ހުރަސްއަޅާ މެމްބަރުންނާ ދެކޮޅަށް އެ މީހުން ނުކުންނާނެ އެވެ!

"މި ބިލު މަޖިލީހުން ބޭރުކޮށް ނުވަތަ ޕާކުކޮށް ފެއިލްކޮށްލާ ފަރާތްތަކާ ދެކޮޅަށް މަސައްކަތްތެރިން، ޖުމްލަކޮށް އެންމެން، ކެމްޕެއިންކުރާނަން."

އަހަރުތަކެއްގެ މަސައްކަތާއި އިންތިޒާރަށް ފަހު، މަސައްކަތްތެރިން ބައިވެރިވާ ޖަމްއިއްޔާތަކުން ވަނީ އެ މީހުންނަށް ގާނޫނީ ހައިސިއްޔަތު ލިބިދޭނެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގައި މިދިޔަ މަހު ކާމިޔާބީ ހޯދައިފަ އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ނޮވެމްބަރު 15ގައި ހުށަހެޅުއްވި އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލު މަޖިލީހަށް ބަލައިގަތުމަކީ ވެސް ކުރިއެރުމެކެވެ. މަސައްކަތްތެރިންނެކޭ އެއްގޮތަށް، ޖަމާއަތް ހެދުމުގެ ބާރާއި އެހެނިހެން ހައްގުތައް ވަޒީފާ ދޭ ފަރާތްތަކަށް ވެސް އެ ބިލުން ލިބިދެ އެވެ. އެކަމަކު މަސައްކަތްތެރިންގެ ހައްގުތަކަށް ވުރެ ވިޔަފާރިވެރިންނާއި މުއްސަނދިންގެ މަސްލަހަތު އިސްކުރެވޭ މާހައުލެއް ރާއްޖޭގައި އޮތް އިރު، އަމުދުން ބާގެއިންކުރުމުގެ ބާރު ލިބިގެންވާ ޓްރޭޑް ޔޫނިއަންތަކެއް ހަދަން ފުރުސަތު ލިބޭ ގޮތަށް، މިފަދަ ބިލެއް މަޖިލީހުން ފާސްކޮށްފާނެތޯ އެއީ ސުވާލެކެވެ.

ކުރިއަރާފައިވާ ގައުމުތަކުގައި، މަސައްކަތްތެރިންނަށް ހައްގުތައް ހޯދަން ލިބިފައި އޮންނަ އެންމެ ބޮޑު ވަސީލަތަކީ ޓްރޭޑް ޔޫނިއަން އެވެ. ޔޫނިއަންތަކަކީ އެ ދާއިރާއެއްގެ ހުރިހާ މަސައްކަތްތެރިން ގުޅިގެން، ހައްގު މުސާރަ އާއި އިނާޔަތްތަކާއި ރައްކާތެރި މަސައްކަތު މާހައުލެއް ހޯދުމަށް އަޑުއުފުލައި ހަރަކާތްތައް ހިންގައި އެއްބަސްވުންތައް ހަދަން އޮންނަ މަގެވެ.

އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ އަސާސީ އަށް މުއާހަދާ ރާއްޖެ އިން ތަސްދީގުކޮށްފައި ވާތީ އެ މުއާހަދާތަކުގެ ދަށުން ލިބިދޭ ޖަމާއަތް ހެދުމުގެ ހައްގާއި އެފަދަ ޖަމާއަތްތަކުން މަސައްކަތްތެރިންގެ ހައްގުގައި، ވަޒީފާ ދޭ ފަރާތްތަކާ މަޝްވަރާކުރުން ނުވަތަ ކަލެކްޓިވް ބާގެއިނިންގެ ފުރުސަތު ރާއްޖޭގައި ވެސް ލިބެން ޖެހެ އެވެ. އެކަމަކު ރާއްޖޭގައި މަސައްކަތްތެރިންގެ ޖަމްއިއްޔާތަކަށް ރަސްމީ ސިފައެއްގައި ހަރަކާތްތެރި ނުވެވެނީ އެކަމާ ގުޅޭ ގާނޫނީ އޮނިގަނޑެއް ނެތުމުންނެވެ.

އެކަމަށް ހައްލެއް ހޯދުމަށް އައިއެލްއޯގެ އެހީތެރިކަމާ އެކު އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު ތައްޔާރުކޮށް މަޖިލީހަށް ފޮނުވުމުގައި އަމިއްލަ ޖަމްއިއްޔާތަކުން މުހިއްމު ދައުރެއް އަދާކުރި އެވެ. އެކަމުގައި އިސްކޮށް އުޅުނު ފަރާތްތަކުގެ ތެރޭގައި ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި ޓީޗާސް އެސޯސިއޭޝަނާއި ޕޯޓް ވާކާސް ޔޫނިއަން އާއި ޕައިލެޓުންގެ ޖަމްއިއްޔާ ހިމެނެ އެވެ. އެ ފަރާތްތަކުން ބުނާގޮތުގައި އިންޑަސްޓްރީތަކާއި ސަރުކާރު ވެސް ހިމެނޭ ގޮތަށް، ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް އަދި އެކި ދާއިރާތަކުގެ މަސައްކަތްތެރިން އެއްބަސްވުމަކަށް އައިސްގެން ފޮނުވާފައިވާ ބިލު ފާސް ނުވާންވީ ސަބަބެއް ނެތެވެ.

"ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނާއި ޓީޗަރުންނާއި ޕައިލެޓުންނާއި ނަރުހުންނާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި ޕޯޓް ވޯކާސްއާ މި ހުރިހާ ޖަމްއިއްޔާތަކުން އެއްބަސްވެފައި އޮތް ބިލެއް މިއީ. އަދި މިއީ މަޓީ އާއި މަސީއާ ވެސް މަޝްވަރާކޮށްގެން ސަރުކާރުގެ ވެސް މަޝްވަރާތަކާ އެކު، އައިއެލްއޯ އިން ޑްރާފްޓްކޮށްފައި އޮތް ބިލެއް،" ޓީމްގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޖިލީހަށް ބިލް ލީ އިރު ހުންނާނެ ކޮންސަލްޓޭޝަން ޕްރޮސެސް ހިނގާފައި ހުރި ގޮތާއި ބައްދަލުވުންތަކަށް ހާޒިރުވި މީހުންގެ މައުލޫމާތާ އެއްކޮށް މަޖިލީހަށް ހުށަހަޅާފައި މެމްބަރު ލަތީފު ލައްވައި."

މަސައްކަތްތެރިންގެ ޖަމްއިއްޔާތަކުން ސިފަކުރާ ގޮތުގައި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު ފާސްވުމަކީ ރާއްޖެ ބައިވެރިވެފައިވާ އައިއެލްއޯގެ އަސާސީ މުއާހަދާތަކުން ލިބިދޭ ހައްގުތައް ރާއްޖޭގެ ގާނޫނަކަށް ބަދަލުވުމެވެ. އެއާ އެކު، ކޮންމެ އިންޑަސްޓްރީއެއްގައި ވެސް މަސައްކަތްތެރިންނަށް، އެ މީހުން އިޚްތިޔާރުކުރާ ޖަމްއިއްޔާއެއް އުފައްދައި އެ ޖަމްއިއްޔާ ހިންގުމުގެ ގާނޫނީ ބާރު ލިބިގެންދާނެ އެވެ.

ޓްރޭޑް ޔޫނިއަންތަކަށް ރަސްމީ ހައިސިއްޔަތު ލިބުމުގެ އިތުރުން އެ ބިލުން ހާސިލްވާނެ މުހިއްމު ކަންކަމުގެ ތެރޭގައި ކަލެކްޓިވް ބާގެއިނިންގެ އުސޫލު އެކަށައެޅިގެން ދިޔުމާއި ސަރުކާރާއި ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން (ތިން ފަރާތުގެ މެދުގައި) މަޝްވަރާކޮށްގެން ލޭބަ ޑިސްޕިއުޓްތައް ހައްލުކުރެވޭނެ "ޓްރައިޕާޓައިޓް" ނިޒާމެއް ގާއިމްވުން ހިމެނެ އެވެ. ހަޅުތާލުތައް ސުލްހަވެރިކަމާ އެކު ހައްލުކުރެވޭނެ ގޮތާއި ހައްލު ނުވެއްޖެއްޔާ ދެން އަމަލުކުރާނެ ގާނޫނީ މަރުހަލާ ވެސް ކަނޑައެޅިގެންދާނެ އެވެ. މިއީ ދިވެހިންނާއި ބިދޭސީން ވެސް ހިމެނޭ ގޮތަށް، ވަޒީފާ އަދާކުރާ ހުރިހާ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ހުރިހާ ފަރާތްތަކަށް ހިނގާނެ ގާނޫނެކެވެ. "ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ސަރުކާރާ ގުޅިގެން ހަމަހަމަ އިގްތިސޯދީ އިޖުތިމާއީ ކުރިއެރުން ހޯދުމަށް އެންމެ މުހިއްމު އެއް ކަމަކީ ހަރުދަނާ އިންޑަސްޓްރިއަލް ރިލޭޝަންއެއް އޮތުން"ކަން ޓީމް އިން ފާހަގަކުރެ އެވެ.

"މަސައްކަތްތެރިންގެ ޖަމްއިއްޔާތައް ރެގިއުލޭޓްކުރުމާއި އެ ޖަމްއިއްޔާތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ކަނޑައެޅުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމާއި ހަޅުތާލުތައް ރެގިއުލޭޓްކުރުމާއި ޑެޑްލޮކަށް ދިޔައިމަ ސަލާމަތްކުރާނެ ގޮތްތަކާއި ކަލެކްޓިވް ބާގެއިނިން އެގްރިމެންޓްތައް ރަޖިސްޓްރީކުރުމާއި މި ހުރިހާ މަރުހަލާތަކެއް އަންނާނެ އެފަދަ ގާނޫނަކުން،" މައުރޫފް ކުރިން ވިދާޅުވެފައިވެ އެވެ.

މި ކަންކަމާ އެކު، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލުން ރައްކާތެރިކުރެވޭނީ މަސައްކަތްތެރިންގެ ހައްގުތައް އެކަންޏެއް ނޫނެވެ. ވިޔަފާރިވެރިންގެ ހައްގުތައް ވެސް ހިމާޔަތްވެގެންދާނެ އެވެ.

"ޖަމްއިއްޔާ ޖަމާއަތް ހަދައި ވަރުގަދަކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް ބިލުގައި ހުންނާނީ އެއް ހައްގުތަކެއް،" މައުރޫފް ފާހަގަކުރެއްވި އެވެ.

އެކަމަކު ވެސް ދިވެހި މަސައްކަތްތެރިންނަށް ގަބޫލުކުރަން ޖެހިފައި އޮތް ހަގީގަތަކީ، މައުރޫފްގެ ބަހުން ނަމަ، "މަހުޖަނުންގެ ސިޔާސީ ބާރު ވަރުގަދަވީމާ މަސައްކަތްތެރިންނަށް ކަންކަން ކާމިޔާބުކުރަން ފުރުސަތު ނުލިބޭ" ކަމެވެ. އިންޑަސްޓްރިއަލް ރިލޭޝަންސް ބިލާ މެދު ވެސް އެ ނުތަނަވަސްކަން އެބަ އޮތެވެ. އެކަމަކު މަސައްކަތްތެރިންގެ ޖަމްއިއްޔާތަކުން މި ފަހަރު ތިބީ ދޫ ދޭ ގޮތަކަށް ނޫނެވެ.

މެމްބަރުންނަށް އިންޒާރެއް!

އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ގާނޫނެއް ގެންނަން އުޅޭތާ ހަތް އަހަރު ވެއްޖެ އެވެ. މިދިޔަ މަހު ހުށަހެޅި ބިލުގެ އަސްލު ޑްރާފްޓްކޮށްފައި ވަނީ 2011 އިން ފެށިގެން ކުރި މަސައްކަތުންނެވެ. އެކަމަކު އެމްޑީޕީގެ ވެރިކަން ބަދަލުވި ފަހުން 2013ގައި އެ ބިލު ނިންމައި މަޖިލީހަށް ފޮނުވުމުން ގާނޫނީ ސަބަބުތަކެއް ބަޔާންކޮށް، މަޖިލީހުން ބިލު ބަލައެއް ނުގަތެވެ. އެ މައްސަލަތައް އިސްލާހުކުރުމަށް ފަހު އަދި އެމްޑީޕީ އިސްވެ އޮތް ސަރުކާރެއް ވެރިކަމަށް އައި ދަނޑިވަޅުގައި ބިލު ހުށަހެޅުމުން އެންމެ ފަހުން ބަލައިގަތުމަކީ ޖަމްއިއްޔާތަކަށް ލިބުނު ބޮޑު އުއްމީދެކެވެ. އެކަމަކު އަދި އެޖެންޑާކޮށްފައި ނުވާ އެ ބިލަށް ވާ ގޮތެއް ބަލަން ތިބި ޖަމްއިއްޔާތަކުން މަޖިލީހުގެ މެމްބަރުންނަށް ދޭން ބޭނުންވާ މެސެޖަކީ މަސައްކަތްތެރިންގެ ހައްގުތަކަށް ހުރަސް އަޅައިފިއްޔާ އޭގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމެވެ.

"މި ބިލު މަޖިލީހުން ބޭރުކޮށް ނުވަތަ ޕާކުކޮށް ފެއިލްކޮށްލާ ފަރާތްތަކާ ދެކޮޅަށް މަސައްކަތްތެރިން، ޖުމްލަކޮށް އެންމެން، ކެމްޕެއިންކުރާނަން،" މައުރޫފް އިންޒާރު ދެއްވި އެވެ.

ޚާއްސަކޮށް މާޗް މަހުގެ އިންތިޚާބުގައި އާ ދައުރެއް ކާމިޔާބުކުރަން ބޭނުންވާ މެމްބަރުންނަށް އިތުރު ފުރުސަތެއް ނުލިބޭތޯ ޖަމްއިއްޔާތަކަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ. މި ބިލަށް ތާއީދު ކުރާ ކަން ބައެއް މެމްބަރުން އަމިއްލަ ގޮތުން ހާމަކުރިޔަސް ޕާޓީތަކުން ބިލާ މެދު ދެކޭ ގޮތެއް އަދިއެއް ނޭނގެ އެވެ. އެކަމަކު މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީ އަށް، ބިލު ފާސްކުރާކަށް ހުރަހެއް ނެތެވެ.

"މިއީ ވަރަށް މުހިއްމު ދަނޑިވަޅެއް. އެހެންވީމާ މިހާރު ތިބި ޕާލަމެންޓޭރިއަނުން އިންތިޚާބަށް ކުރިމަތިލާ އިރު ވިސްނަން އެބަ ޖެހޭ އަނެއްކާވެސް ވޯޓު ހޯދަން އަންނަން ޖެހެނީ މަސައްކަތްތެރިން ނުވަތަ އާއްމު ރައްޔިތުން ގާތަށް ކަން،" މައުރޫފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބިލު ލާފައި މި އަށް ވޯޓު ދޭށޭ ބުނީމަ ވޯޓު ނުދީ އަދި ސަރުކާރު ބަދަލުކުރަން އަޅުގަނޑުމެން އެހާ ބޮޑު ސަޕޯޓެއް ދިނީމަ އެއްވެސް ކަމެއް ނުކޮށްދީ، ވޯޓު ހޯދަން އައިމަ ވަރަށް ފަސޭހަ އިން އެ މީހުން ރިޖެކްޓްކޮށްލުމުގެ ފުރުސަތު އަޅުގަނޑުމެންނަށް އެބަ އޮތް. އެހެންވީމާ މި ފަހަރު އޭގެ ބޭނުން އަޅުގަނޑުމެން ހިފާނަން. ވޯޓުގެ ބާރުގެ ބޭނުން އަޅުގަނޑުމެން ކުރާނަން. އެހެންވެގެން މި ދަނޑިވަޅާ ދިމާކޮށް ބިލު މި ލީ ވެސް."