Roadha Mihaaru
ކޮރަޕްޝަން ބަލާ ކޮމިޝަނަށް އާ މެމްބަރަކު އައްޔަންކޮށްފި

ކޮރަޕްޝަން ބަލާ ކޮމިޝަނަށް އާ މެމްބަރަކު އައްޔަން ކޮށްފި

04 ޑިސެމްބަރ 2018

ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނަށް އާ މެމްބަރަކު އައްޔަން ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނަށް އާ މެމްބަރަކު އައްޔަން ކުރައްވައިފި އެވެ.

ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ މެމްބަރު ކަމަށް އާ ބޭފުޅަކު އިއްޔެ އައްޔަން ކުރެއްވީ އެ ކޮމިޝަންގެ މެމްބަރަކަށް ކުރިން ހުންނެވި އައިޝަތު ހަނާ ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެވެ. ހަނާ އިސްތިއުފާ ދެއްވީ އޭނާގެ މަސްލަހަތު ފުށުއަރާ ކަމެއް އޮތުމުގެ ފުރުސަތު އޮވެދާނެ ކަމަށް ވިދާޅުވެ އެވެ.

ހަނާ އިސްތިއުފާ ދެއްވުމުން ހުސްވި މަގާމަށް އައްޔަން ކުރައްވާފައިވަނީ މ. މިރުސްގަސްދޮށުގޭ އައިމިނަތު ހަސަން އެވެ. އޭނާއަކީ ކުރިން އާންމުންގެ ފަރާތުން މީޑިއާ ކައުންސިލްގެ މެމްބަރު ކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ އަކީ އަމީނިއްޔާ ސްކޫލުގެ ތަޖުރިބާކާރު ޓީޗަރެއް ވެސް މެ އެވެ.

އައިމިނަތު ހަސަން

އައިމިނަތު ހަސަން

ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަންގެ އިތުރުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.

އެ ދެ ކޮމިޝަނަށް ގާނޫނީ ބާރުތަކެއްް ދިނުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާއިރު، އިދިކޮޅު ޕީޕީއެމުން ދަނީ އެ ބިލަށް ދެކޮޅު ހަދަމުންނެވެ.