Roadha Mihaaru
ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅަން ހުޅުވާލައިފި

އެސެޓް ރިކަވަރީ ކޮމިޝަނަށް މައްސަލަ ހުށަހަޅަން ހުޅުވާލައިފި

08 ޖެނުއަރީ 2019

ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވައިލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވައިލައިފި އެވެ.

ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތަކާއި މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ބެލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު އެ ކޮމިޝަން އުފެއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ އެފަދަ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކޮށް ހުރި މައްސަލަތަކާއި އެކި ސަބަބުތައް މެދުވެރިވެގެން ތަހުގީގު ނުކޮށް ހުރި މައްސަލަތައް ފާހަގަ ކުރެވޭ ނަމަ، އެ ކަންކަމުގެ މައުލޫމާތު އަންނަ މަހުގެ 24 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން އެދޭ ކަމަށެވެ. އީމެއިލްގެ މެދުވެރިކޮށް ވެސް އެ ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ބަޔާނުގައިވާ ގޮތުން އެ ކޮމިޝަންގެ ވެބްސައިޓް ޕޯޓަލް މެދުވެރިކޮށް، މައްސަލަ ހުށަހަޅާ ފަރާތްތައް ނޭނގޭ ގޮތަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް އަންނަ ހަފުތާގައި ހުޅުވައިލާނެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ އެ ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ނުގެންދާތީ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން ގޮތް ނޭނގޭ މަރުތަކާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޚާއްސަ ކޮމިޝަނެއް އުފައްދަވައިފަ އެވެ. އެ ކޮމިޝަނުން މިހާރު ވަނީ ބަލަން ނިންމާފައިވާ މައްސަލަތައް ކަނޑައަޅައި، އާންމުކޮށްފަ އެވެ.