Roadha Mihaaru
އެލައިޑްގެ އެމްޑީ އަމީލް އިސްތިއުފާ ދެއްވައިފި

އެލައިޑްގެ އެމްޑީ އަމީލް އިސްތިއުފާ ދެއްވައިފި

07 ޑިސެމްބަރ 2018

އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް އިސްތިއުފާ ދެއްވަން ނިންމަވައި އެކަމުގެ ނޯޓިސް އެސްޓީއޯގެ ބޯޑަށް އިއްޔެ ފޮނުއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް އިސްތިއުފާ ދެއްވަން ނިންމަވައި އެކަމުގެ ނޯޓިސް އެސްޓީއޯގެ ބޯޑަށް އިއްޔެ ފޮނުއްވައިފި އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އަދި ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑްގެ އެމްޑީއަކަށް ހުންނަވާތާ ފަސް އަހަރު ވެފައިވާ އަމީލް "މިހާރު"އަށް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވަން ނިންމަވައި ތިން މަހުގެ ނޯޓިސް ފޮނުއްވާފައިވާ ކަމަށެވެ. އެހެންކަމުން އާ އެމްޑީއަކު އައްޔަން ކުރާ ހިސާބުން އޭނާ ވަކިވާނެ ކަމަށް ވިދާޅުވި އެވެ.

އެލައިޑް އިންޝްއަރެންސްއަށް މެނޭޖިން ޑިރެކްޓަރު އައްޔަން ކުރަނީ އެސްޓީއޯގެ ބޯޑުންނެވެ.

އިންޝުއަރެންސްގެ ދާއިރާގައި ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނޭ އަމީލް ވިދާޅުވީ އޭނާ މިހާރު ބޭނުންވަނީ އާއިލާއަށް ވަގުތު ދެއްވަން ކަމަށެވެ.

އިންޝުއަރެންސް ދާއިރާ އިން މާސްޓާސް ޑިގްރީއާ ހަމައަށް ކިޔަވާ ވިދާޅުވެފައިވާ އަމީލް އެ ކުންފުނީގައި އުޅުއްވާތާ 24 އަހަރު ވެއްޖެ އެވެ. އޭނާ ފުރަތަމަ އެތަނުގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި އިރު ތިބީ އެންމެ ފަސް މުވައްޒަފުންނެވެ. އެކަމަކު މިހާރު އެއީ 200 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރަމުން އަންނަ ތަނެކެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެލައިޑް އިންޝުއަރެންސްގެ ވިޔަފާރި 112 ޕަސެންޓް ކުރިއަރާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ ވަނީ، އެލައިޑުން ބުނާ ގޮތުގައި، 120 މިލިޔަން ޑޮލަރަށް އަރާފަ އެވެ.