Roadha Mihaaru
ވަކި "ޓީމަކަށް" ވަޒީފާ ހަމަޖައްސައެއް ނުދެން: އާޒިމް

ވަކި "ޓީމަކަށް" ވަޒީފާ ހަމަޖައްސައެއް ނުދެން: އާޒިމް

19 އޮކްޓޯބަރ 2020

އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމް އުޅުއްވާ ކުންފުނިތަކުގެ މަތީ ބައެއް މަގާމުތަކުން އެއްބަަޔަކު ފެންނަނީ އުސޫލުން ބޭރުން ވަޒީފާ ހަމަޖައްސައިދީގެން ނޫން ކަމަށް އޭނާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމް އުޅުއްވާ ކުންފުނިތަކުގެ މަތީ ބައެއް މަގާމުތަކުން އެއްބަަޔަކު ފެންނަނީ އުސޫލުން ބޭރުން ވަޒީފާ ހަމަޖައްސައިދީގެން ނޫން ކަމަށް އޭނާ އިއްޔެ ވިދާޅުވެއްޖެ އެވެ.

މި ވެރިކަމުގައި ފުރަތަމަ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވުމަށް ފަހު، އެމްޓީސީސީ އަށް ބަދަލުވެވަޑައިގެންނެވި އާޒިމާ އެކު އަބަދުވެސް މަސައްކަތްކުރަނީ އެއް ޓީމެއް ކަމަށް ބުނެ ސޯޝަލް މީޑީއާގައި ދަނީ ފޮޓޯއެއް ދައުރު ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު ރަމްޒީ އަބޫބަކުރާއި ކޮމްޕެނީ ސެކްރެޓަރީ އައިމިނަތު ޝިއުނާގެ އިތުރުން ޖެނެރަލް މެނޭޖަރު އަބްދުﷲ ޝަފީއު އެވެ.

ރަމްޒީ އާއި ޝިއުނާ އަދި ޝަފީއު އެންމެ ފުރަތަމަ އާޒިމްއާ އެކު މަސައްކަތް ކުރެއްވީ ކުރީގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް އާޒިމް ހުންނެވިއިރު އެވެ. އެކަމަކު އެ ތިން ބޭފުޅުންނަކީ އާޒިމް އެ ކުންފުނީގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގަތްއިރު ވެސް އެސްޓީއޯގައި ތިއްބެވި ބޭފުޅުންނެވެ.

ޝަފީއުއަށް އެސްޓީއޯ އިން ވަޒީފާ ހަމަޖެހުނީ އެމްޑީޕީގެ ވެރިކަމުގައި 2008 ވަނަ އަހަރު، މެނޭޖިން ޑިރެކްޓަރަކަށް ޝާހިދު އަލީ ހުންނެވި އިރެވެ. އޭގެ ފަހުން އޭނާ އެމްޑަބްލިއުއެސްސީއަށް ބަދަލުވިއިރު އެތަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ މުހައްމަދު އަހްމަދު ދީދީ (ޑީޑީ) އެވެ.

އެސްޓީއޯ އިން ރަމްޒީ ބަދަލުވެވަޑައިގަތީ އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ (ތާޒާ ފެން އުފައްދާ ކުންފުނި) އައިލެންޑް ބެވަރޭޖަސް އަށެވެ. އެމްޑަބްލިއުއެސްސީގައި މަސައްކަތެއް ނުކުރައްވަ އެވެ. އަދި ޝިއުނާ ވެސް އެމްޑަބްލިއުއެސްސީގައި މަސައްކަތެއް ނުކުރައްވަ އެވެ.

އާޒިމް ވަޑައިގަންނަވާ ކުންފުނިތަކުން މި ތިން ބޭފުޅުންނަށް ވަޒީފާ ލިބެނީ ކީއްވެތޯ އުފައްދާ ސުވާލަށް ޖަވާބު ދެއްވަމުން އޭނާ "މިހާރު"އަށް ވިދާޅުވީ އެކަމުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ. އުސޫލުން ބޭރުން އެއްވެސް މީހަކަށް މިހާތަނަށް ވަޒީފާ ހަމަޖައްސައިދެއްވާފައި ނުވާނެ ކަަމަށް ވިދާޅުވި އެވެ.

"[އެމްޓީސީސީ]ގެ މި މަގާމްތަކަށް އަޅުގަނޑަކަށް މީހުންނެއް ނުނެގޭނެ އެމްޓީސީސީގެ ގަވާއިދު ބުނާ ގޮތުން. އެއީ ބޯޑުގެ އެޕްރޫވަލް ލިބިގެން ވާނެ ކަމެއް،" އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީގެ ބޮޑު ކޮންނަބޯޓު "މަހާ ޖައްރާފް"ގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އާޒިމް ވިދާޅުވަނީ ބަލަން ޖެހޭނީ ކުންފުނިން ނެރޭ ނަތީޖާއަށް ކަމަށް -- ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީގެ ބޮޑު ކޮންނަބޯޓު "މަހާ ޖައްރާފް"ގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އާޒިމް ވިދާޅުވަނީ ބަލަން ޖެހޭނީ ކުންފުނިން ނެރޭ ނަތީޖާއަށް ކަމަށް -- ފޮޓޯ:އެމްޓީސީސީ

"ތައުލީމީ، ވަޒީފާ އަށް ގާބިލް، ތަޖުރިބާހުރި ބަޔަކު އޮންނަ ޕްރޮސެސް ތެރެއިން އެޕްލައިކުރީމާ، އަޅުގަނޑު އުޅުނު ތަނެއްގައި އުޅުނު މީހަކަށް ވެގެން ވަޒީފާ އަށް ނުނެގުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ، އެއީ އަޅުގަނޑުގެ ޕޮއިންޓަކީ. އެމްޓީސީސީގެ އެހެން މަގާމެއްގައި ވެސް އެބަ އުޅޭ އެސްޓީއޯގައި އުޅުނު މީހުން،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޓީސީސީގެ ތިން ބޭފުޅެއްގެ ފޮޓޯ އާއްމުކޮށް، ތުހުމަތުތަކެއް ކުރާއިރު، އެއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ކޮރަޕްޝަން ނުވަތަ އެހެން ކުށެއް ވެސް ސާބިތުވެފައިނުވާ ކަމަށެވެ.

ސަރުކާރު ހިއްސާވާ ބޮޑު ތިން ކުންފުނީގައި މަސައްކަތް ކުރާ މީހުން، އެކި ފަހަރު އެކި ކުންފުނިތަކަށް ބަދަލުވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ކުންފުނިތައް ހިންގޭނީ ތައުލީމީ، ގާބިލް ތަޖުރިބާ ހުރި މީހުންނާ އެކުގަ އެވެ. އޭނާގެ އަމާޒަކީ މަސައްކަތުގައި ނަތީޖާ ނެރުން ކަމަށާއި އެމްޓީސީސީގައި ވެސް އެކަން ފެންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެމްޓީސީސއަށް މިހާރު ގެންނެވި ބަދަލުތަކުގައި ބައެއް މީހުންނަށް ޕްރޮމޯޝަން ވެސް ލިބިފައިވާ ކަމަށާއި އެގޮތަށް ބަދަލު ގެންނެވުމުގެ ފަހަތުގައި އޮތީ ހަރުދަނާކޮށް ކުންފުންޏެއްގެ ގޮތުގައި ހިންގުން ކަމަށް ވެސް ވިދާޅުވި އެވެ.

"ގާބިލް މީހުންނާއި، ރަނގަޅު އިކުއިޕްމެންޓްސް އަދި ރަނގަޅު ސިސްޓަމަކުން ކުންފުންޏެއް ހިންގަން ޖެހޭނީ. މި ތިން ކަންތައް ހަމަވެގެން، ކުންފުންޏެއް ހިންގޭނީ،" އާޒިމް ވިދާޅުވި އެވެ.

"ބަލަން ޖެހޭނީ ނެރޭ ނަތީޖާއަށް."