Roadha Mihaaru
އެސްޓީއޯގެ މައިންނަށް ވެސް ހަ މަސް ދުވަހުގެ ޗުއްޓީ

ވިހެއުމުން ދޭ ޗުއްޓީ އެސްޓީއޯގެ މުވައްޒަފުންނަށް ވެސް އިތުރުކޮށްފި

07 މާޗް 2019

ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެނުން ވިހެއުމުން ދޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރު ކުރަން މިއަދު ނިންމި އިރު، އެސްޓީއޯގެ އަންހެނުންނަށް ވެސް އެ ލުއި ހަމަޖައްސައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެނުން ވިހެއުމުން ދޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރު ކުރަން މިއަދު ނިންމި އިރު، އެސްޓީއޯގެ އަންހެނުންނަށް ވެސް އެ ލުއި ހަމަޖައްސައިފި އެވެ.

އެސްޓީއޯ އިން މިއަދު ބުނީ ވިހެއުމާ ގުޅިގެން މުވައްޒަފުންނަށް ދޭ ޗުއްޓީ، މާދަމާ އިން ފެށިގެން ހަ މަސް ދުވަހަށް އިތުރު ކުރަން ނިންމާފައިވާއިރު، ފިރިހެން މުވައްޒަފުންނަށް ވެސް ޗުއްޓީގެ ގޮތުގައި އެއް މަސް ދުވަސް ދޭނެ ކަމަށެވެ. އަދި މި ގެނައި ބަދަލުގައި، މިހާރު ޗުއްޓީގައި ތިބި މުވައްޒަފުން ވެސް ހިމެނޭނެ ކަމަށް އެތަނުން ބުންޏެވެ.

ސަރުކާރު ހިއްސާވާ ކުންފުނީގެ އިތުރުން، ފެނަކައިގެ މުވައްޒަފުންނަށް ވެސް ވަނީ ވިހެއުމުގެ ޗުއްޓީ އިތުރު ކޮށްފަ އެވެ.

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ވިހެއުމުން ދޭ ޗުއްޓީ ހަ މަސް ދުވަހަށް އިިތުރުކުރަން ނިންމެވިކަން އިއުލާން ކުރެއްވީ، އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ކ. މާފުށީގައި ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ވިހެއުމާ ގުޅިގެން މިހާރު ލިބެނީ ތިން މަހުގެ މެޓާނިޓީ ލީވެކެވެ. ފިރިންނަށް ޗުއްޓީގެ ގޮތުގައި މިހާތަނަށް ލިބެނީ އެންމެ ތިން ދުވަސް ކަމަށްވީ ނަމަވެސް މިއަދުން ފެށިގެން އެ މުއްދަތު ވެސް ވަނީ އެއް މަހަށް އިތުރުކޮށްދީފަ އެވެ.

މެޓާނިޓީ ލީވްގެ މުއްދަތުގެ އިތުރުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހަމަޖައްސާފައިވާ ކަމެކެވެ.