Roadha Mihaaru
މާސްޓާޒް ކޯހަށް ހޮވުނު ޓީޗަރުންނަށް ލިއުން ހަވާލުކޮށްފި

މާސްޓާޒް ކޯހަށް ހޮވުނު ޓީޗަރުންނަށް ލިއުން ހަވާލުކޮށްފި

18 އޯގަސްޓް 2016

ސްކޫލުތައް ވަޒަންކުރުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ފެންވަރަށް ޓީޗަރުން ތަމްރީނުކުރަން ގައުމީ ޔުނިވާސިޓީ އާއި އެޑިއުކޭޝަން މިނިސްޓްރީން ފެށި ސްކޮލަޝިޕަށް ހޮވުނު ޓީޗަރުންނަށް ރޭ ލިޔުން ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލުތައް ވަޒަންކުރުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ފެންވަރަށް ޓީޗަރުން ތަމްރީނުކުރަން ގައުމީ ޔުނިވާސިޓީ އާއި އެޑިއުކޭޝަން މިނިސްޓްރީން ފެށި ސްކޮލަޝިޕަށް ހޮވުނު ޓީޗަރުންނަށް ރޭ ލިޔުން ހަވާލުކޮށްފި އެވެ.

ކަލާފާނު ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި މާސްޓާސް ޕްރޮގްރާމް ލޯންޗުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

އަށާރަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯސް މިދިއަ މަހު 10 ގައި ވަނީ ފަށައިފަ އެވެ. ފުރަތަމަ ބުރުގައި މާލެއިން ދެ ޓީޗަރުންނާއި ކޮންމެ އަތޮޅަކުން ޓީޗަރެއް ތަމްރީނުކުރާނެ އެވެ.

މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ބޭނުމަކީ ކޮންމެ އަތޮޅެއްގައި ވެސް ދަރިވަރުންގެ ފެންވަރު ވަޒަންކުރާނެ އެންމެ ފަހުގެ ގޮތްތައް ދަސްކޮށްދިނުމާ އެކު ތައުލީމުގެ ތަފާސްހިސާބުތައް އިލްމީ ގޮތެއްގައި ހޯދައި ޝާއިއު ކުރުމުގެ ގާބިލްކަން އިތުރުކުރުން ކަމަށެވެ.

އާއިޝަތު ޝިހާމް ވިދާޅުވީ ދަރިވަރުންގެ ތައުލީމީ ފެންވަރު މަތިކުރުމަށްޓަކައި މިފަދަ ކޯހެއް ވަރަށް މުހިއްމު ކަމަށާއި އަމާޒަކީ އެ ދާއިރާއިން ތަމްރީނުވެފައި ހުރި މަދުވެގެން އެކަކު ކޮންމެ ސްކޫލެއްގައި ވެސް މަސައްކަތްކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލުތަކުގެ ހުރިހާ މަރުހަލާއެއްގައި ދެމުން އަންނަ ތައުލީމީ ފެންވަރު ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރިވިއުކޮށް ނިންމަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

މާސްޓާސް ޕްރޮގްރާމުގެ ބައިވެރިންނަށް ޓިއުޝަން ފީ ހަމަޖައްސައިދެނީ ވޯލްޑް ބޭންކުން ދިން އެހީގަ އެވެ. މިނިސްޓްރީން ވަނީ މުސާރަ ލިބޭ ގޮތަށް އެ ޓީޗަރުން ކޯހަށް ދޫކޮށްފަ އެވެ.