Roadha Mihaaru
ޑީސަލުން ޑިއުޓީ ކަނޑާލައި ކަރަންޓުގެ އަގުހެޔޮ ކުރަނީ

ޑީސަލުން ޑިއުޓީ ކަނޑާލައި ކަރަންޓުގެ އަގުހެޔޮ ކުރަނީ

11 ޑިސެމްބަރ 2018

ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކަނޑާލައި، ކަރަންޓުގެ އަގު ހެޔޮ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކަނޑާލައި، ކަރަންޓުގެ އަގު ހެޔޮ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާ ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވީ ކަރަންޓުގެ ހިދުމަތުން ނަގާ އަގު މިހާރަށްވުރެ ހެޔޮ ކުރުމަށާއި މަސްވެރިކަމަށް ނުކުންނަ ފަރާތްތަކުން ކުރަން ޖެހޭ ހަރަދު ކުޑަކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

ޑީސަލުން މިހާރު ޑިއުޓީގެ ގޮތުގައި ނަގަމުން އަންނަނީ ފަސް ޕަސަންޓެވެ.

އެހެންވެ، މުސްތަފާ އިސްލާހު ހުށަހެޅުއްވީ މަސްވެރިކަން ކުރާ ދޯނިފަހަރުގައި ބޭނުން ކުރާ ޑީސެލުންނާއި ކަރަންޓުގެ ހިދުމަތް ދޭ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލުން ނަގާ އިމްޕޯޓް ޑިއުޓީ މާފު ކޮށްދިނުމަށެވެ. ކަރަންޓުގެ ހިދުމަތް މިހާރު ރާއްޖޭގައި ދެނީ ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނުންނެވެ.

އިސްލާހުގައިވާ ގޮތުން، މަސްވެރިކަން ކުރާ ދޯނިފަހަރުގައި ބޭނުން ކުރާ ޑީސަލުންނާއި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލުން ޑިއުޓީ މާފުކޮށް ދެވޭނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ހުށަހެޅުމުންނެވެ. އަދި ޑިއުޓީ މާފް ކޮށްދިނުމުގައި އަމަލުކުރާ އުސޫލު ގަވައިދުގައި ބަޔާން ކުރަން ޖެހެ އެވެ.

ބިލަށް އަމަލު ކުރަން ފަށާނީ ބިލް ފާސްވެ، ރައީސް ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުންނެވެ.

ޑީސަލުން ޑިއުޓީ ކަނޑާލުމަށް މަޖިލީހަށް ހުށަހެޅި އިރު، ޕެޓްރޯލާއި ޑީސަލުން މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ޑިއުޓީގެ ގޮތުގައި ނަގަމުން އައީ 10 ޕަސަންޓެވެ. އެކަމަކު، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޕެޓްރޯލާއި ޑީސަލުން 10 ޕަސަންޓުގެ ބަދަލުގައި ފަސް ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ.

އެމްޑީޕީ ސަރުކާރުގައި ޕެޓްރޯލާއި ޑީސަލުން ޑިއުޓީ ނުނަގަން ނިންމާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ތެލުގެ ބާވަތްތަކުން ޑިއުޓީ ގޮތުގައި 10 ޕަސަންޓް ނަގަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އެކަމުގެ ސަބަބުން ޑީސަލާއި ޕެޓްރޯލްގެ އަގު ވަރަށް ބޮޑުވި އެވެ. އެކަމަކު، މިދިޔަ އަހަރުގެ މެދުތެރޭގައި ގާނޫނަށް ބަދަލު ގެނެސް، ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮ ކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި މަސްވެރިކަމަށް ނުކުންނަން ކުރަން ޖެހޭ ހަރަދު ކުޑަ ކުރުމަށް މަސްވެރިންނަށް ޑީސެލުން ނަގަމުން އަންނަ އިމްޕޯޓު ޑިއުޓީ އެއް މަސް ތެރޭގައި ކަނޑާލަން ވައުދުވެފައިވެ އެވެ. އަދި އަންނަ އަހަރަށް ފާސް ކުރި 30.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކަރަންޓުގެ އަގުހެޔޮ ކުރުމަށް 272 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.