Roadha Mihaaru
ވިޔަފާރިވެރިން ކުރަނީ ހަގީގީ ޝަކުވާއެއް، ހައްލު ހޯދޭނެ

ވިޔަފާރިވެރިން ކުރަނީ ހަގީގީ ޝަކުވާއެއް، ހައްލު އެބަ ހޯދަން: އެމްޕީއެލް

13 ޑިސެމްބަރ 2018

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލޭ ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކާ މެދު ރާއްޖޭގެ ވިޔަފާރިވެރިންގެ ކުރަނީ ހަގީގީ ޝަކުވާތަކެއް ކަމަށާއި މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ އާ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލޭ ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކާ މެދު ރާއްޖޭގެ ވިޔަފާރިވެރިންގެ ކުރަނީ ހަގީގީ ޝަކުވާތަކެއް ކަމަށާއި މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ އާ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ޝާހިދު ވިދާޅުވީ ވިޔަފާރި ބަނދަރުގައި މިހާރު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވަނީ ޚިދުމަތް އަވަސް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ.

"ވިޔަފާރިވެރިން އެ ކުރަނީ ހަމަ ހަގީގީ ޝަކުވާތަކެއް. ބޯޓުފަހަރު ބަނދަރުގައި އެބަ ލަސްވޭ ބައެއް ފަހަރު 15 ދުވަހަށް ވެސް. އަޅުގަނޑުމެން އެކަން ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ވިޔަފާރި ބަނދަރުގެ ހިދުމަތް އަވަސް ކުރުމަށްޓަކައި މިހާރުން މިހާރަށް ކުރެވެން ހުރި ކަންތައްތައް ބަލައި، އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހަލާކުވެފައި ހުރި ވެހިކަލްތަކާއި އިކްއިޕްމެންޓް މަރާމާތު ކުރަމުން އަންނަ ކަމަށާއި އިތުރު އިކްއިޕްމެންޓް ހޯދަން ވެސް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ފޮޓޯ: ހުސައިން ވަހީދު/މިހާރު

"މިހާރުން މިހާރަށް ކުރެވެން އޮތް ކަމަކީ ލިބިފައި އޮތް ޖާގައިގައި އެންމެ އަވަހަށް ހިދުމަތް ދެވޭ ވަރަށް އިކްއިޕްމެންޓް ހަމަކުރުން. އެކަމަކު އެއީ މައްސަލަ މުޅިން ހައްލުވާނެ ކަމެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

ބަނދަރުގެ ހާލަތު މިހާރު އޮތް ވަރަށް ދަށަށް ދިޔަ ސަބަބެއް ކަމަށް ޝާހިދު ލަފާ ކުރައްވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ހޭދަވި މުއްދަތުގެ ތެރޭގައި ކުންފުނީގެ ވެރިން ބައެއް ނިންމުންތައް ނިންމަން ފަސްޖެހުނު ފަސް ޖެހުން ކަމަށެވެ. ހަލާކުވެފައި ހުރި ތަކެތި މަރާމާތު ނުކުރެވި ހުރީ އެހެންވެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އިކްއިޕްމެންޓް ހަމަކޮށްގެން ރަނގަޅަށް ހިނގައި ގަތުމުން، ވިޔަފާރި ބަނދަރަަށް އަންނަ ބޯޓްފަހަރު ހުސްކޮށްގެން ފުރަން ހޭދަވާ މުއްދަތު ބޮޑު ތަނުން ކުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރު މުއްދަތުގައި އަޅުގަނޑުމެންގެ އަމާޒަކީ މިހާރު ހުރި ވަސީލަތްތައް، މި ދެންނެވީ ޖާގައިގެ ވަސީލަތް ހުރި މިންވަރުން ކުރެވެން އޮތް އެންމެ އަވަހެއް ކުރުން. އެގޮތުން މުދާ ހުސްކުރަން ހޭދަވާ މުއްދަތު ފަސް ދުވަހަށް ކުރު ކުރެވޭނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވިއެވެ.

ޚިދުމަތް އަވަސް ކުރުމަށް ކުރެވެން އޮތް އަނެއް ކަަމަކީ ހުޅުމާލޭން އެމްޕީއެލް އަށް ލިބިފައި އޮތް ސަރަހައްދު މިހާރަށް ވުރެ ރަނގަޅަށް ބޭނުން ކުރެވޭނެ އިންތިޒާމް ހަަމަޖެއްސުމެވެ. މިހާރު އެތަނުގެ ބޭނުން އެންމެ ރަނގަޅަށް ނުކުރެވެނީ ތަޅުން ނާޅައި އޮތީމައެވެ.

"މީޑިއަމް ޓާމްގައި އެއީ ވެސް ކުރެވެން ހުރި ކަންތައްތައް. އެ މަސަައްކަތް ވެސް އަޅުގަނޑުމެން ކުރާނަން."

ޝާހިދު ވިދާޅުވީ އާ ސަރުކާރުން އެމްޕީއެލް އަށް ފާހަގަ ކޮށްލެވޭ ފަދަ ހެޔޮ ބަދަލެއް ގެންނާނެ ކަމަަށެވެ. އެކަމަކު ބަނދަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބެން އޮތީ ސިނާއީ ރަށް ތިލަފުށީގައި ބޮޑު ސަރަަހައްދެއް ހަދައި، މައި ބަނދަރު އެތަނަށް ބަދަލުކޮށްގެންނެވެ. އެއީ އެއީ ދިގު މުއްދަތެއް ހޭދަވާނެ ކަމެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ވެސް ވިޔަފާރިވެރިންނަށް ލުއިވާނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަދި ޖެހޭނީ ރަނގަޅު ސްޓަޑީއެއް ހަދަން ދެވެން ހުރީ ކޮންކޮން ލުއިތަކެއްތޯ ބަލަން. ނަގާ އަގުތައް ހަމަ ހަގީގަތުގައި ވެސް މާ ބޮޑުތޯ ނުވަތަ ނޫންތޯ ވެސް ބަލަން. އެކަމުގައި އަޅުގަނޑުމެން ވިޔަފާރިވެރިންނާ ވެސް ބައްދަލުކޮށް ޚިޔާލު ހޯދާނަން،" ޝާހިދު ވިދާޅުވި އެވެ.