ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓުގެ ހިދުމަތްތައް ފުޅާކޮށް، އެ ޕޯޓުގެ އާ އިމާރާތް ރޭ ހުޅުވައިފި އެވެ.
23 އޮކްޓޯބަރ 2021
ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓުގެ ހިދުމަތްތައް ފުޅާކޮށް، އެ ޕޯޓުގެ އާ އިމާރާތް ރޭ ހުޅުވައިފި އެވެ.
ހުޅުމާލޭ ޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުއްވައި ދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވެސް ބައިވެރިވެވަޑައިގަތެވެ.
ހުޅުމާލޭގައި ޕޯޓު ޓާމިނަލެއް ހެދީ މާލޭގެ ވިޔަފާރި ބަނދަރަށް ގެންނަ މުދާ އިތުރުވަމުން ދިއުމާ ގުޅިގެން ހުސް ކޮންޓެއިނަރުތައް ބެހެއްޓުމަށެވެ. ނަމަވެސް 2013 ވަނަ އަހަރު އެ ޕޯޓު އިންޓަނޭޝަނަލް ޕޯޓަކަށް ހަދައި މުދާ ކްލިއާ ކުރުމުގެ ހިދުމަތް ދޭން ފެށި އެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ހުޅުމާލޭގެ އިންޓަނޭޝަނަލް ޕޯޓުގެ އާ އިމާރާތް ރޭ ހުޅުއްވައި ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގެ އެޗްއޯޑީ އިބްރާހިމް ރަޝީދު ވިދާޅުވީ، އާ އިމާރާތުގެ ސަބަބުން އެ ޕޯޓުން ދެމުން އަންނަ ހިދުމަތްތައް ފުޅާވާނެ ކަމަށެވެ. އެގޮތުން، ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުރި ބުރަ މަސައްކަތުގެ ސަބަބުން ބޮންޑް ކީޕަރުންނަށް، ބޮންޑު އެކްސްޓެންޑު ކޮށްފައިވާއިރު ކަސްޓަމްސް އަށް ހާއްސަ އިމާރާތެއް ވެސް ގާއިމު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހުޅުމާލެ ޓާމިނަލަށް މި ވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައި. އިންޓަނޭޝަނަލް އޭރިއާ މި ވަނީ އެއްކޮށް ޕޭވް ކުރެވިފައި. ހަމަ އެހެންމެ ރިސޯޓުތަކުގެ ހިދުމަތް ދެއްވާ ބޮންޑު ކީޕާސް އަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އިހުސާސް ކުރެވޭތީ ބޮންޑު އެކްސްޓެންޑް ވެސް ވަނީ ކޮށްފައި،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
ހުޅުމާލޭ ޕޯޓުގެ އެޗްއޯޑީ އިބްރާހިމް ރަޝީދު ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވިގޮތުގައި، ހުޅުމާލޭގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގިނަ ޕްރޮޖެކްޓުތަކެއް ހިންގާތީ ޓާމިނަލުގެ ޑިމާންޑު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. މިއާއެކު، ޕޯޓުން ހިދުމަތް ހޯދާ މީހުންނާއި ހިދުމަތް ދޭ ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރި އިރު، އާ ޓާމިނަލް އިމާރާތް ހެދުމުގައި އެ ކަންބޮޑުވުންތަކަށް ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، ޑިމާންޑު އިތުރުވާ ވަރަކަށް ހިދުމަތްތައް ފުޅާކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ
"ކޮންޓެއިނާ ހޭންޑްލިން އިކުއިޕްމަންޓު ހޯދަން މިހާރުން މިހާރަށް ވެސް މަސައްކަތް ކުރަން ޖެހޭ. އަޅުގަނޑުމެންގެ މުވައްޒަފުންނަށް ރަނގަޅު މާހައުލެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަން ޖެހޭ. އަދި އޭގެ އިތުރަށް ކަސްޓަމްސް އާއި އެހެނިހެން އިދާރާތަކުގެ ރިކުއަމެންޓުތައް އެބަހުރި،" ޝާހިދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ވީހާ ވެސް އަވަހަކަށް މި މަސައްކަތް ވެސް ކުރިއަށް ގެންދާނަން."
އެމްޕީއެލްގެ އިންޓަނޭޝަނަލް ޓާމިނަލް އިމާރާތް ހުޅުވި ނަމަވެސް ޕޯޓުގައި މަސައްކަތް ކުރާ އެމްޕީއެލްގެ މުވައްޒަފުންނަށް އޮފީސް އިމާރާތެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. މިކަން ހައްލުކުރުމަށް ޕޯޓާ ކައިރިން އެމްޕީއެލަށް އޮފީސް އިމާރާތެއް އަޅަން ބިމެއް ދޫކުރާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް ވިދާޅުވި އެވެ.
ހުޅުމާލޭން ދަރުމަވަންތަ ހޮސްޕިޓަލަށް ބަސް ދަތުރުފަށައިފި
ވިޔަފާރިވެރިން ކުރަނީ ހަގީގީ ޝަކުވާއެއް، ހައްލު ހޯދޭނެ
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް
ފްލެޓް މަޝްރޫއު ހިންގީ އެމްޕީއެލްއަށް ގެއްލުންވާ ގޮތަށް
އެމްޕީއެލްގެ ޑިވިޑެންޑްގެ ގޮތުގައި 67.5 މިލިއަން
މުދާ ބޭރުކުރަން އާ ވެހިކަލްތަކެއް، އަވަސް ވާނެ
2018 އިން ފެށިގެން ދިޔައީ ތެލުގެ ވައްކަން ކުރަމުން
އެމްޕީއެލް ފްލެޓަށް ފައިސާ ދެއްކުމަށް އިތުރު ލުޔެއްދީފި
ޑައުންޕޭމަންޓެއް ނެތި ކުރިއަށް ދާން އުނދަގޫ:އެމްޕީއެލް