Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

15 ޑިސެމްބަރ 2018

މި މަހުގެ 21 ގައި ރިލީޒް ކުރާ "ޒީރޯ" ގައި ޝާކްރުކް ހާން ޑްވާފެއްގެ ރޯލުން ފެނިގެން ދާނެ ގޮތް ބަލައިލަން ބެލުންތެރިން ކެތްތެރިކަމެއް ނެތި އިންތިޒާރުގައި ތިއްބައި އަނެއްކާ ވެސް އެހެން އެކްޓަރަކު ފިލްމެއްގައި ޑްވާފެއްގެ ރޯލް ކުޅެން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 21 ގައި ރިލީޒް ކުރާ "ޒީރޯ" ގައި ޝާކްރުކް ހާން ޑްވާފެއްގެ ރޯލުން ފެނިގެން ދާނެ ގޮތް ބަލައިލަން ބެލުންތެރިން ކެތްތެރިކަމެއް ނެތި އިންތިޒާރުގައި ތިއްބައި އަނެއްކާ ވެސް އެހެން އެކްޓަރަކު ފިލްމެއްގައި ޑްވާފެއްގެ ރޯލް ކުޅެން ތައްޔާރުވެއްޖެ އެވެ.

މިހާރު ޝޫޓިން ވެސް ފަށާފައިވާ މިލަޕް މިލަން ޒަވޭރީގެ ފިލްމު "މަރުޖާވާ" ގައި ރިތޭޝް ދޭޝްމުކް ފެނިގެން ދާނީ ޑްވާފެއްގެ ރޯލުންނެވެ. އިއްޔެ ސިނަމާތަކުގައި ދައްކަން ފެށި މަރާޓީ ފިލްމު "މައުލީ" ގެ ބަތަލުގެ ރޯލް "މަރުޖާވާ" ގައި ޑްވާފެއްގެ ރޯލު ކުޅޭ އިރު، އޭނާއަކީ ފިލްމު މައި ވިލަން ވެސް މެ އެވެ. އޭނާ ފިލްމުގައި ފެނިގެން ދާނީ އިސްކޮޅުގައި 3 ފޫޓް 5 އިންޗި ހުންނަ މީހެއްގެ ގޮތުގަ އެވެ.

މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސިދާތު މަލްއުތުރާ، ރަކުލް ޕްރީތު ސިންގް އަދި އަންނަ އަހަރު ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވާ ބަތަލާ ތާރާ ސުތާރީއާ ހިމެނެ އެވެ.

މިލަޕްގެ ޓްވީޓެއް.

މި ފިލްމުވެގެން ދާނީ ރިތޭޝް ވިލަންއެއްގެ ރޯލް ކުޅޭ ދެވަނަ ފިލްމަށެވެ. ދެހާސް ސާދައިގައި ސިދާތު އާއި ޝްރަދާ ކަޕޫރް ލީޑް ރޯލް ކުޅުނު ފިލްމު "އޭކް ވިލަން" ގައި ރިތޭޝް ކުޅުނު ވިލަންގެ ކެރެކްޓާއަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ރޯލެއް ވެސް މެ އެވެ.

މި އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު "ސަތިޔަމޭވް ޖަޔަތޭ" އަށް ފަހު، މިލަޕް ޑައިރެކްޓް ކުރާ "މަރުޖާވާ" ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު، 2، 2019 ގަ އެވެ.

ގޯވިންދާގެ "ރަންގީލާ ރާޖާ" އަންނަ މަހު 11 ގައި

ކުރިން މިދިޔަ މަހުގެ 8 ގައި ރިލީޒް ކުރަން ތާވަލު ކުރި ގޯވިންދާގެ ކޮމެޑީ ފިލްމު "ރަންގީލާ ރާޖާ" ގެ ގިނަ މަންޒަރުތަކެއް ކަނޑަން ޖެހި، އެ ފިލްމު ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) ގައި ތާށިވެ، ރިލީޒް ނުކުރެވި ދިގުލައިގެން ގޮސްފައި ވަނިކޮށް އަންނަ މަހު ފިލްމު ސިނަމާތަކަށް ގެންނަ ތައްޔާރުވެއްޖެ އެވެ.

ފިލްމު ކްރިޓިކް ތަރަންގެ ޓްވީޓެއް.

ސީބީއެފްސީގެ ޗެއާމަންގެ މަގާމުން މިދިޔަ އަހަރު ވަކި ކުރި ޕްރޮޑިއުސަރު ޕެހެލާޖް ނިހަލާނީ ޕްރޮޑިއުސްކޮށްފައިވާ "ރަންގީލާ ރާޖާ" މިހާރު ރިލީޒް ކުރަން ނިންމާފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ. އެ ތާރީހަކީ ވިކީ ކޯޝަލްގެ "ޔޫރީ" ވެސް ރިލީޒް ކުރަން އޮތް ދުވަހެވެ.

ގޯވިންދާ ޑަބަލް ރޯލަކުން ފެނިގެންދާ "ރަންގީލާ ރާޖާ" އަކީ ބަނގުރޫޓްވެފައިވާ އަދި އިންޑިއާ އަށް މިހާރު ފިލައިގެން އުޅޭ އެ ގައުމުގެ މަޝްހޫރު ވިޔަފާވެރިޔާ ވިޖޭ މާލިޔާ އަށް ޖޯކް ޖަހައި ހަދާފައިވާ ފިލްމެކެވެ. މި ފަހުން ގޯވިންދާ ކުޅުނު ހުރިހާ ފިލްމެއް ޕްލޮޕްވި އިރު، މި ފަހަރުގެ ފިލްމަށް ބޮކްސް އޮފީހުގައި ކިހާ ވަރެއްގެ ކާމިޔާބީއެއް ހޯދޭތޯ ބަލަން ކްރިޓިކުން ވެސް ތިބީ ސަމާލުވެގެންނެވެ.

"ޗައްމާ ޗައްމާ" ގެ އާ ލަވަ ދައްކާލައިފި

ބޮލީވުޑްގެ ކުރީގެ ފިލްމުތަކުގައި ހުންނަ މަޝްހޫރު ބައެއް ލަވަތަކުގެ އާ ވާޝަންތައް މި ފަހުގެ ގިނަ ފިލްމުތަކުން އިވުމަކީ އާންމު ކަމެކެވެ.

"ޗައްމާ ޗައްމާ" ގެ އާ ލަވަ.

މި ފަހަރު އަނެއްކާ ވެސް މިއޮތީ ހަމަ އެކަހަލަ ލަވައެކެވެ. މި ލަވައަކީ "ޗައްމާ ޗައްމާ" އެވެ. މި ލަވައަކީ 1998 ގައި ރިލީޒް ކުރި ފިލްމު "ޗައިނާ ގޭޓް" ގައި ހިމެނޭ "ޗައްމާ ޗައްމާ" އެވެ.

އުރުމިލާ މަޓޯންޑްކަރުގެ ނެށުން ފެނިގެންދާ އެ ލަވަ ކިޔާފައި ވަނީ އަލްކާ ޔަގްނިކް އެވެ. ނަމަވެސް އަންނަ މަހުގެ 18 ގައި ރިލީޒް ކުރާ އަރުޝަދު ވަރުސީގެ ފިލްމު "ފްރޯޑް ސައްޔާން" ގައި ހިމެނޭ "ޗައްމާ ޗައްމާ" މި ފަހަރު ކިޔާފައި ވަނީ މި އަހަރު އެންމެ ހިޓް އެއް ލަވަ ކަމަށްވާ "ދިލްބަރު" ކިޔާފައިވާ އިންޑިއަން އައިޑޮލް ސީޒަން 10 ގެ ޖަޖް ނޭހާ ކައްކަރު އެވެ.

ލަވައަށް އޭނާއާ އެކު ބެކިން ދީފައި ވަނީ ރޯމީ، އަރުން އަދި އިއްކާ އެވެ. ލަވައިގެ މިއުޒިކާ މި ފަހަރު ކުޅެފައި އޮތީ ތަނިޝްގް ބަގްޗީ އެވެ.

"ޗައްމާ ޗައްމާ" އިން މި ފަހަރު ފެނިގެން ދަނީ ސްވިޑްން އަށް އުފަން ބަތަލާ އެލީ އަވްރަމް އެވެ. އަދި އަރުޝަދު ވެސް ފެނިގެން ދާނެ އެވެ.

"ސިމްބާ" ގެ އިތުރު ލަވައެއް ދައްކާލައިފި

މި މަހުގެ 28 ގައި ރިލީޒް ކުރާ ރަންވީރު ސިންގްގެ ފިލްމު "ސިމްބާ" ގެ އާ ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

މި ފަހަރުގެ ލަވައިގެ ނަމަކީ "ތެރޭ ބިން" އެވެ. ލޯބީގެ މި ލަވައިން ފެނިގެން ދަނީ ރަންވީރާއި ސާރާ އަލީ ހާނެވެ. ލަވައިގެ މަންޒަރުތައް ވަރަށް ހިތްގައިމުކޮށް ފެނިގެންދާ އިރު، މިއީ ސްވިޓްޒަލެންޑްގެ މަންޒަރުތަކެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.

ލަވަ ކިޔާފައި ވަނީ ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް މިހާތަނަށް ރީތި ލަވަތަކެއް ކިޔައި ދީފައިވާ ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ ރާހަތު ފަތެހް އަލީ ހާނާއި އަނީސް ކޯރްގެ އިތުރުން ތަނިޝްގް ބަގްޗީ އެވެ.

ރަންވީރު ފުލުހެއްގެ ރޯލުން ފެނިގެންދާ މަސާލާ "ސިމްބާ" އަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ މި މަހުގެ 7 ގައި ރިލީޒް ކުރި "ކެދަރުނާތު" އިން ބޮލީވުޑަށް ތައާރަފުވި ސާރާގެ ދެވަނަ ފިލްމެވެ.