ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ އާދިއްތަ ދުވަހު އިންޑިއާއަށް ފައްޓަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރައްވާ ވިސާ އެއްބަސްވުމަކީ، ވިސާއާ ގުޅޭ ކަންކަމުގައި ދިވެހިންނަށް މިހާތަނަށް ލިބޭނެ އެންމެ ބޮޑު ލުއިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
14 ޑިސެމްބަރ 2018
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ އާދިއްތަ ދުވަހު އިންޑިއާއަށް ފައްޓަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރައްވާ ވިސާ އެއްބަސްވުމަކީ، ވިސާއާ ގުޅޭ ކަންކަމުގައި ދިވެހިންނަށް މިހާތަނަށް ލިބޭނެ އެންމެ ބޮޑު ލުއިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެންމެ ފުރަތަމަ ވަޑައިގަންނަވާ ގައުމަކީ އިންޑިއާ ކަމަށް ވާއިރު، "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، އެ ދަތުރުފުޅުގައި އެންމެ މުހިންމު ކަމަކީ ދިވެހިންނަށް ބޮޑެތި ލުއިތަކެއް ލިބޭ ގޮތަށް ވިސާ އެއްބަސްވުމުގައި ސޮއިކުރެއްވުން ކަމަށެވެ.
"މިއީ، އިންޑިއާއިން އެއްވެސް ގައުމަކާ ދޭތެރޭގައި ކުރެވޭނެ އެންމެ މިނިވަން އަދި އެންމެ ދީލަތި ވިސާ ރެޖީމް. ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިންޑިއާގެ ވިސާ ރެޖީމްގެ ދަށުން ލިބޭ އެންމެ ބޮޑު ލުއި މީ،" ޝާހިދު ވިދާޅުވި އެވެ.
- ޓޫރިޒަމާއި ބޭސްފަރުވާ އާއި ވިޔަފާރިއާ ގުޅޭ މަސައްކަތްތައް ކުރުމަށްޓަކައި 90 ދުވަހުގެ ވިސާ ލިބޭނެ. (ކޮންމެ ހަ މަހަކުން ގިނަވެގެން 90 ދުވަސް)
- ޓޫރިސްޓު ވިސާގައި އިންޑިއާއަށް އެތެރެވުމަށް ފަހު، ކުރިމަތިވާ ސިއްހީ ކުއްލި ކަމަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އެ ގައުމުގައި މަޑުކުރަން ޖެހިއްޖެ ނަމަ، ރާއްޖެ ނައިސް މެޑިކަލް ވިސާ ހަމަޖެހޭނެ. އެ ހާލަތުގައި އެހީތެރިންނަށް ވެސް މެޑިކަލް ވިސާ ލިބޭނެ.
- ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހޭ މީހުން އެންމެ ގިނަ ވެގެން ހަ މަސް، ނުވަތަ ހާލަތަށް ބަލައި އެއް އަހަރާ ހަމައަށް އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވިސާ ދޫކުރާނެ. އެފަދަ ހާލަތެއްގައި ވިސާ ދޫކުރާނީ ދެ އެހީތެރިންނާ އެކު.
- އިންޑިއާގައި ކިޔަވަން ހުންނަ މުއްދަތަށް ނަމަ، މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ދޫކުރާނެ.
- އުމުރުން 18 އަހަރުން ދަށުގެ ދަރިވަރުންގެ ބެލެނިވެރިންނަށް، އެ ދަރިވަރެއްގެ ވިސާގެ މުއްދަތަށް މަލްޓިޕަލް އެންޓްރީ ވިސާ ލިބޭނެ.
- މަތީ ތައުލީމަށް ކިޔަވަން ނުވަތަ އެކި ކަންކަމާ ގުޅޭ ރިސާޗް ހެދުމަށްޓަކައި އިންޑިއާގައި ތިބޭ ދަރިވަރުންގެ ކުދިން (18 އަހަރުން ދަށް ނަމަ) އަނބިންނާއި ފިރިން އަދި މައިންބަފައިންނަށް ވެސް ވިސޭ ހަމަޖައްސައި ދޭނެ.
- އިންޑިއާގައި ކިޔަވަން ތިބޭ ބެލެނިވެރިންގެ 18 އަހަރުން ދަށުން ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ހާލަތަށް ބަލައި އެ މީހުންނަށް ވެސް ވިސާ ލިބޭނެ.
ޝާހިދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ރާއްޖެ އަންނަން ބޭނުންވި އިންޑިއާ މީހުންނަށް ގަސްދުގައި ދަތިތައް ކުރިމަތިކޮށް، ވިސާ ނުދީ ހިފަހައްޓާފައިވާ ކަމަށެވެ. އެކަމަކު އެ ހިފެހެއްޓުންތައް މި ސަރުކާރުން ދޫކޮށްލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޔާމީންގެ ސަރުކާރުން، އިންޑިއާގެ މީހުންނަށް ވިސާ ދިނުމުގައި ހުރަސްތަކެއް ކުރިމަތި ކުރި ކަމަށް މިސާލުން ދައްކަވަމުން ޝާހިދު ވިދާޅުވީ، ޖަރުމަނު ފަދަ ގައުމުތަކުގައި އުޅޭ އިންޑިއާގެ ޓެކްނިކަލް ބައެއް މީހުން، ވަކި މުއްދަތަކަށް އެ ވަޒީފާއާ ގުޅޭ ކަންކަމުގައި ރާއްޖެ އަންނަން އުޅުމުން ވެސް ހުއްޓުވާފައިވާ ކަމަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާއާ ބައްދަލުކުރައްވަނީ.---ފޮޓޯ: އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ، އިންޑިއާ
"އެހެން ހެދުމުން، ރާއްޖޭގައި އެ ހުންނަ އިކުއިޕްމަންޓް ނުރޭވި ހަ މަސް، އެއް އަހަރު ވެފައި އެބަހުރި. އިކުއިޕްމަންޓް ރާވަން އަންނަނީ ޖަރުމަނުގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތަކަށް ވީމާ އެ މީހާ ރާއްޖެ ވަނަ ނުދީ ހިފެހެއްޓުމުން، އެ މެޝިންގަނޑު ރާވައި ނުލެވިގެން ބޮޑެތިބޮޑެތި މަޝްރޫއުތައް ވަނީ މަޑުޖެހިފައި،" ޝާހިދު ވިދާޅުވި އެވެ.
"ހަމައެކަނި މައްސަލަ އަކީ އެ މީހަކީ އިންޑިއާ މީހަކަށް ވާތީ. ރާއްޖޭގެ އިގްތިސޯދަށް ވެސް ގެއްލުންވާ ގޮތަށް، ބަދަލު ހިފުމުގެ ގޮތުން ކަމަށް ވިޔަސް އަދި ކޮންމެ ބޭނުމެއްގައި ކަމަށް ވެސް [ޔާމީންގެ ސަރުކާރުން] ކަންތައް ކޮށްފައި އޮތީ."
ޝާހިދު ވިދާޅުވި ގޮތުގައި، ރާއްޖެ އަންނަން ބޭނުންވާ އިންޑިއާގެ މީހުންނަށް ވިސާ ދޫކުރާނީ އޮންނަ އުސޫލުގެ ތެރެއިންނެވެ. އަދި ގަސްދުގައި ވިސާ ނުދިމުގެ އުސޫލު ދޫކޮށްލާނެ ކަމަށް ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، ވިސާއާ ގުޅޭ ކަންކަމުގައި މި ސަރުކާރުގެ މުއްދަތަށް މަހެއް ވެސް ނުވަނީ މިހާ ބޮޑު ލުޔެއް ދޭން އިންޑިއާއިން އެއްބަސްވީ، އޮތް ޔަގީންކަން ބޮޑުކަމުން ކަމަށެވެ.
"އަޅުގަނޑުމެން އަމަލުކުރަމުން ދާނީ ހަމަ އާއި އިންސާފުގެ ތެރެއިން ކަމަށް ވާތީ. އަޅުގަނޑުމެން އެއްވެސް ބަޔަކާ ރުޅިއެއް ނުވަން. ހުރިހާ އެންމެންނާ އަޅުގަނޑުމެން ރައްޓެހި. އެންމެންނާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރާނީ،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.
"ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު ތަނބަކަށް ވާނީ ރާއްޖޭގެ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އަބަދުމެ ހިމާޔަތްކުރުން."
އާދިއްތަ ދުވަހުން އަންގާރަ ދުވަހުގެ ނިޔަލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި، ވިސާގެ އެއްބަސްވުމުގެ އިތުރުން އައިޖީއެމްއެޗަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން އިންޑިއާއިން ގެނައުމާ ގުޅޭ ގޮތުން ކުރިއްސުރެ އޮންނަ އެއްބަސްވުން އާކުރާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އިތުރު ބައެއް އެއްބަސްވުންތަކުގައި ވެސް ދެ ގައުމުން ސޮއިކުރާނެ އެވެ.
އެކަމަކު، ރާއްޖެ އާއި އިންޑިއާއާ ދެމެދު އަސްކަރީ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރާނެ ކަމުގެ ޔަގީންކަން ޝާހިދު ދެއްވި އެވެ.
"އަޅުގަނޑުމެންނަކީ ރާއްޖޭގެ އެއްވެސް ތަނެއް، އެއްވެސް ބިމެއް އަސްކަރީ ބޭނުމަކަށް [ބޭރުގެ ބަޔަކަށް] ދޫކުރާނެ ސަރުކާރެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާގެ ވިސާ ހޯދުމުގެ ދަތިތައް އަވަހަށް ހައްލުވާނެ
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
ރާއްޖެ-އިންޑިއާ ވިސާ އެއްބަސްވުމަށް އަމަލުކުރަން ފަށަނީ
"ރާއްޖެ-އިންޑިއާއާ ދެމެދު ހުރި ހުރަސް ނައްތާލެވިއްޖެ"
އިންޑިއާ ވިސާގެ ލުއިދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެ-އިންޑިއާ އިން އާ ވިސާ އެއްބަސްވުމެއް
ރައީސް ދެވަނަ ދައުރަކަށް ހޮވޭނެ: ޝާހިދު
ރައީސް ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވަނީ
ރައީސް، އަންނަ މަހު އިންޑިއާ އަށް ވަޑައިގަންނަވަނީ
ޝާހިދު، މޯދީއާ ބައްދަލު ކުރައްވައިފި